ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙަންމަދާ ބެހޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން، އެ ޤާޟީއާމެދު ފިޔަވަޅު އެޅުއްވުމަށް ކޮމިޝަނުން ނިންމެވި ނިންމެވުން، ވީ އެންމެ އަވަހަކަށް ތަންފީޛު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެ ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲއަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި، އެ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ވަކިކުރަންޖެހޭ މީހުން ވަކިކުރުމަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް އެފަދަ މީހުން މަގާމުން ވަކިކުރަން ހުށަހެޅުމަކީ، ޤާނުނުއަސާސީގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޢަދުލުވެރި ޖިނާއީ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމު ކުރުމަށް ދިމާވާ ކޮންމެ ހުރަހަކީ، އޭގެ ސަބަބުން ޤައުމީ ސަލާމަތާއި ޢާންމު މަޞްލަޙަތާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް އަސަރުކުރާނޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ޤާނޫނުއަސާސީގެ ދަށުން އެ ކޮމިޝަނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.