بســم اللّـه الرّحمـن الرّحيــم
ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ އެހެންވެސް އިސްވެރިން، މަހިބަދޫ ކައުންސިލްގެ ރައީސާއި ކައުންސިލަރުން، އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އެންމެ ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، މަހިބދޫގެ ކުދިބޮޑު ލޮބުވެތި އެންމެ ރައްޔިތުން. އަދި މި ޖަލްސާ ދުރާ ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.
السّـلام عليـكم
އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އެދެނީ، ތަރައްޤީކަން އެއީ، މި ސަރުކާރަށް އެއްވެސް ޙާލަތެއްގައި އޮޅިފައި އޮތް ޙަޤީޤަތެއް ނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ދެންމެ ޢަލީ ވަޙީދު ވަރަށް ޞަރީޙަ، ފަށުވި ޢިބާރާތުން ފާހަގަކުރެއްވި ފަދައިން، ކޮންމެ ފަތިހަކަށްމެ މި އަލިވިލެނީ، އެމީހުންގެ އުންމީދުތަކަކާ އެކީގައި. އަޅުގަނޑުމެން ފާހަގަކޮށް އުޅުނިން، ކަޅު ކޮންމެ ރެއެއްވެސް ފިޠުރަތުގެ އުޞޫލަކީ، ނިމި މިދަނީ އަމުދުން ފަތިހަކަށޭ. އަޅުގަނޑުމެންނަށް ކޮންމެ ދުވަހެއްވެސް، އިރު އަރައިގެން މި އަންނަނީ، އަޅުގަނޑުމެންގެ އާ އުންމީދުތަކަކާ އެކީގައި. އެ އުންމީދުތަކަކީ، އުފާވެރި ދިރިއުޅުމެއް. އެ އުންމީދުތަކަކީ ރީތި ގެއެއް ހުރުން. ބަލިވީމާ ބޭސްކުރެވޭނެ ގޮތެއް އޮތުން. ދަރިންނަށް ކިޔަވައިދެވޭނެ ގޮތެއް އޮތުން. މުނިފޫހިފިލުވޭނެ ގޮތެއް އޮތުން. ރިވެތި ގޮތުގައި އަޅުގަނޑުމެންނަށް ދިރިއުޅެވޭނޭ މަގުތަކެއް، ގޮތްތަކެއް ސާފުވެފައި އޮތުން.
ވެރިކަމެއްގެ، ހިންގުމުގެ ނިޒާމެއްގެ ބޭނުމަކީ މިދެންނެވި ކަންކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަމުން ގެންދިޔުން. ތަރައްޤީއަށް އެންމެ ފަހިވަނީ ކޮން ބާވަތެއްގެ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން މިހާރު ދުނިޔޭގައި ބަޙުޘެއް ނުކުރޭ. ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީ ތަރައްޤީއަށް އެންމެ ފަހިކުރާ ނިޒާމްކަން އެއީ، އިންސާނީ ތަޖްރިބާ ދައްކާފައިވާ ވަރަށްބޮޑު ޙަޤީޤަތެއް. ދިވެހިރާއްޖެ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކަށް ބަދަލުވެގެން މިއަންނަ އައުމުގައި، އަޅުގަނޑުމެންނާ ކިތަންމެ ހުރަސްތަކެއް އެބަ ކުރިމަތިވޭ. އަދި ކުރިއަށް އޮތް ތަނުގައި އަޅުގަނޑަށް ޔަޤީން، ކިތަންމެ އެތައް ހުރަހެއް އަޅުގަނޑުމެންނާ ކުރިމަތިވާނެ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށާއި އަދި ރާއްޖޭގެ އެންމެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުމީ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް، ސާފު ސާދާ ބަނދަރަކަށް ގެންގޮސްދޭނަމޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، މިކަމުގެ މަސްއޫލިއްޔަތާއި، މިކަމުގެ ޒިންމާއާއި އަދި މި ވެރިކަމާ ގުޅޭ ދެން އެހެން އެންމެހާ ބުރަތައް އަދި އެންމެހާ ހުރަސްތައް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގި ތިބެ.
މި ހުރަސްތައް އަޅުގަނޑުމެން ގިރާކުރާއިރުގައި، ބައެއްފަހަރަށް ބައެއް ބޭފުޅުން، ބައެއް ކަންކަމާ ގުޅޭގޮތުން އަޅުގަނޑު ކަންކުރާގޮތާ ގުޅޭގޮތުން ބަސް ބުނާނެ. އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ ރައްޔިތުންނަކަށް އެއީ އާކަމަކަށް ނުވާނެ، އަޅުގަނޑު ކަންކުރާ ގޮތާ ގުޅޭގޮތުން ދެން އެހެން ފިކުރުތަކުގައި ތިއްބަވާ ބޭފުޅުން ބަސްބުނާ ބުނުން. ތިޔަބޭފުޅުންނަށް މިއަދަކު ނޫން އަޅުގަނޑާ ދިމާވެފައި މިވަނީ. އަދި 2008 ވަނަ އަހަރަކުވެސް ނޫން. ރާއްޖޭގެ ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑަކީ ކާކުކަން، އަޅުގަނޑުމެންގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ކޮބައިކަން ވަރަށް ސާފުކޮށް އޮޅުންފިލާފައިވާތާ އަހަރުތަކެއް ވެދާނެ. އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކަށް އަދި އެންމެބޮޑު ޕްރޮޖެކްޓަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. އަޅުގަނޑުމެންގެ އެންމެބޮޑު މަޝްރޫޢަކީ، ޑިމޮކްރަސީގެ މަޝްރޫޢު. ބާރުތައް ވަކިވެފައި އޮން ޢަދުލު އިންޞާފު، މި ރާއްޖޭގައި ޤާއިމްކުރެވޭ ޝަރުޢީ ނިޒާމެއް އެކުލެވިފައި އޮތް އަދި ހިނގަމުން އަންނަ ތަނަކަށް މި ރާއްޖެވުން.
ރާއްޖޭގެ ޝަރުޢީ ނިޒާމް، އަޅުގަނޑު އަބަދުވެސް ދަންނަވަން، ގިނަ ޕާޓީ އެކުލެވޭ ރިޔާސީ އިންތިޚާބަށްފަހު، މި ރާއްޖޭގެ ރައްޔިތުންވަނީ އާ ރައީސަކު ކަނޑައަޅާފައޭ. ގިނަ ޕާޓީ އެކުލެވޭ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު، މި ރާއްޖެވަނީ ވެރިކަމުގެ ދެން އޮތް އަނެއް ބާރު، ޤާނޫނުހަދާ ބާރު އެކުލަވައިލާފައި. ވެރިކަމުގެ އަނެއް ތިންވަނަ ބާރަކީ، ޝަރީޢަތުގެ ބާރު. މި ރާއްޖޭގެ ރައްޔިތުންނެއް އަދި އާކޮށް އެ ބާރު އެކުލަވައެއްނުލާ. އަޅުގަނޑުމެންނަށް އެކުލަވައިލެވުނު ދެބާރު އެއީ ވެރިކަންކުރާ ފަރާތް، ރައީސުލްޖުމްހޫރިއްޔާ އާއި ޤާނޫނުހަދާ ފަރާތް، ރައްޔިތުންގެ މަޖިލިސް އެކުލަވައިލެވި، މިދެންނެވި ދެބާރުގެ ފުރިހަމަ އެހީތެރިކަމާއެކީގައި މިއޮތީ ޝަރުޢީ ނިޒާމް ޤާއިމް ކުރުމަށް. އެ ނިޒާމް ޤާއިމް ކުރުމަށްޓަކައި ކުރާންހުރި ބައެއް ކަންކަން އަޅުގަނޑުމެންނަށްވަނީ ކުރެވިފައި. އެ ކުރެވިފައިވީއިރުގައި، ބައެއްފަހަރަށް ކަމުގެ ވަގުތުގެ އަޖަލުގައި ޖެހި، ކަމުގެ ހާސްކަންމަތީގައި، ބައެއް ކަންކަން އަޅުގަނޑުމެންނަށް ކުރެވިފައި ހުރީކީ މުޅިން ރަނގަޅަކަށެއް ނޫން.
ރާއްޖޭގެ ފަނޑިޔާރުންނާ ގުޅޭ ޤާނޫނު އެކުލަވައިލެވި، އެ ޤާނޫނު، ރައްޔިތުންގެ މަޖިލީހުން ފާސްވެ، ސުޕްރީމް ކޯޓު އުފެދިގެން އައީ، ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި. އޭގެކުރީގައި އޮތް ސުޕްރީމް ކޯޓުން ފާހަގަކުރަމުން ގެންދެވީ، އެބޭފުޅުންނަކީ ދާއިމީ ބައެކޭ. އެބޭފުޅުންނެއް، ދެނެއް އެބޭފުޅުންގެ ގޮނޑިއެއް ދުލެއް ނުކުރައްވާނަމޭ. އެހެންވީމާ، ޤާނޫނުއަސާސީ އެ ބުނާ އާ ސުޕްރީމް ކޯޓު އެކުލަވައިލުމަށް ފުރަތަމައިނުންވެސް ސަރުކާރަށްވެސް، ރައްޔިތުންގެ މަޖިލީހަށްވެސް ވަރަށްބޮޑު ގޮންޖެހުމަކަށްވި. އިށީނދެ ތިއްބެވި ފަނޑިޔާރުން ވިދާޅުވަމުން ގެންދެވީ، ތިމަންމެންނަކީ ދާއިމީ ބައެކޭ. ތިމަންމެން މި ގޮނޑި ދޫކޮށް ނުދާނަމޭ. އާ ޤާނޫނުއަސާސީއާ އެކުގައި ރައްޔިތުންގެ މަޖިލިސް އެކުލަވައިލެވުނީ، ކުރީ މަޖިލީހުގެ، 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ 5 އަހަރުގެ މުއްދަތު ހަމަނުވަނީސް. އެހެންނަމަވެސް، އާ ޤާނޫނުއަސާސީއާ އެކީގައި، އާ ރައްޔިތުންގެ މަޖިލީހެއް އުފެދިގެން އަންނާންޖެހޭކަމީ، މި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ދެކި ތިބި ގޮތް. އަދި އުންމީދުކުރާވެސް ގޮތް. ހަމައެހެންމެ، މި އާ ޤާނޫނުއަސާސީއާއި، އާ އުޞޫލުތަކާ އެކުގައި، އާ ޝަރީޢަތެއް، އާ ޝަރުޢީ ނިޒާމެއް، މި ރާއްޖޭގައި އަންނަންޖެހޭކަމީވެސް އަޅުގަނޑުމެން އެންމެން ހިތުގެ އަޑީން ޤަބޫލުކުރާ ކަމެއް.
އެ ނިޒާމް އުފެއްދުމަށްޓަކައި، މިދެންނެވިހެން އެކުލަވައިލެވުނު ރައްޔިތުންގެ މަޖިލީހުގެ ޤާނޫނު އެކުލަވައިލެވުނީ، ހިނދުކޮޅެއްގެ ތެރޭގައި. ވަރަށްބޮޑު ހާސްކަމެއްގެ މަތީގައި. އެހެންވީމާ، ދެން އެ ޤާނޫނުގެ ތެރެއިން އުފެދުނު ފަނޑިޔާރުން ހުވާކުރެއްވީ އަނދިރީގައި ތިއްބަވައިގެން، ސިއްރިޔާތުގައި. ފަނޑިޔާރުންގެ މަޖިލިސް ނުވަތަ މި ރާއްޖޭގެ މުޅި ޝަރީޢަތުގެ ނިޒާމުގެ އެންމެހާ ބޭފުޅުން، އެ ގޮނޑީގައި އިށީނދެވަޑައިގެންނެވީ، ފަނޑިޔާރުންގެ ހުވާ ކުރައްވަމުން ގެންދެވިއިރުގައި، މިދެންނެވި ހުވައާ ގުޅޭގޮތުން، ފަނޑިޔާރުންނާ ގުޅޭގޮތުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެދުވަހު ހިނގާފައި އޮތް ބަޙުޘްތައް، ދެކެވެމުންދިޔަ ވާހަކަތައް، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ހިތުގައި، ހަނދުމައިގައި މިހާރުވެސް ހުންނަންވާނެ. އެހެންނަމަވެސް، ޤައުމު ޖެހެނީ ކުރިއަށްދާން. އެއްވެސް ކަމެއް ހުއްޓިގެނެއް ނުވާނެ. ހާސްކަމެއްގައި އަޅުގަނޑުމެންނަކަށް ތިބެވޭކަށް ޖާގައެއް ނެތް، ފުރްޞަތެއް ނެތް. އަޅުގަނޑެއް ހަމަ ޔަޤީނުންވެސް ހާހެއްނުވާނެ. އެހެންވީމާ، ފަނޑިޔާރުގެވެސް، އެންމެހާ ފަނޑިޔާރުގެތައްވެސް އަޅުގަނޑުމެން ހިންގަމުން ގެންދިޔައީ.
މިދެންނެވި ހާސްކަމުގެ ތެރޭގައި އެކުލަވައިލެވުނު ފަނޑިޔާރުގެތަކުގައި، ފަނޑިޔާރުންގެ ގޮތުގައި ބައެއްފަހަރަށް އިށީނދެވަޑައިގަތީ، އަޅުގަނޑަށް ދަންނަވަން ދަތި، ޤާނޫނު އެ ބުނާ ކަމުގެ ޝަރުޠު ހަމަވާ ބޭފުޅުން ކަމަށް. އޭގެތެރެއިން ބައެއް ބޭފުޅުންނަކީ، 2006 ވަނަ އަހަރުއްސުރެ ފެށިގެން އެކިއެކި ގޮތްގޮތަށް، ބަންޑާރަ ނައިބު އޮފީހަށްވެސް ނުވަތަ އެކަމާ ގުޅޭ ކޯޓަށްވެސް، ވެރިކަމުގެ ފަރާތުން ބައެއް ފަނޑިޔާރުންނާ އެތައް އެތައް ޚިލާފެއް އުފައްދަމުން ގޮސްފައިވާ ބޭފުޅުން. ޖިނާއީ މައްސަލަތައް ގިނަ ބައެއް ބޭފުޅުން. މިފަދަ ބޭފުޅުންކޮޅަކާ އެކުގައި ފަނޑިޔާރުގެ އެކުލަވައިލުމާއެކީގައި، ދެން އެ ފަނޑިޔާރުގެ ބެލެހެއްޓުމަށް ޤާނޫނުއަސާސީން ޙަވާލު މިކުރެވުނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނާ. މި ކޮމިޝަންގެ ވާޖިބަކީ، ފަނޑިޔާރުގެ ބެލެހެއްޓުން. މިދިޔަ ތިން އަހަރުގެ ތެރޭގައި، ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަތަރު ފަސްފަހަރަކު ނޫން، އެ ކޮމިޝަންގައި، ފަނޑިޔާރުންނާ ގުޅޭ އެކިއެކި ޝަކުވާތައް އުފުލިފައިވާނީ.
އެތައް ޒަމާނެއްކޮށްފައި، އެ ކޮމިޝަނުން އެންމެފަހުން އައިސް ފަނޑިޔާރަކާ ގުޅޭގޮތުން ކަމެއް ނިންމީމާ، ފިޔަވަޅު އެޅުމަށް ނިންމީމާ، އެ ނިންމުނު ފަނޑިޔާރާ ހަމަ ޖެހިގެން އިން ފަނޑިޔާރު ވިދާޅުވީ، ޙުކުމް އަނެއްކާވެސް މި އިއްވީ، އެއީ ރަނގަޅު ނިންމުމެއް ނޫން ކަމަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިދެންނެވި ނިންމުމެއް ނުނިންމޭނެކަމަށް. އެ ފަނޑިޔާރުގެ މައްޗަށް ފިޔަވަޅު ނޭޅޭނެ ކަމަށް. ފަނޑިޔާރުގެ ބަލަހައްޓަން އެކުލަވައިލާފައިވާ މުއައްސަސާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނާ ގުޅޭގޮތުން ބަހެއް ބުނީމާ، ދެން އެ މައްޗަށް އަނެއްކާ ފަނޑިޔާރުން ބަސް ބުނީމާ، ޤާނޫނުއަސާސީގެ ހިނގުމަށް އޭރުން އެ އަންނަނީ ހުއްޓުން. އެ ހިސާބުން އަޅުގަނޑުމެން އަނެއްކާވެސް އެބަޖެހޭ، އަލުން އަނބުރާ އަޅުގަނޑުމެންގެ ޗާޓާ ގުޅޭގޮތުން ވިސްނަން. ދެން އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އޮތީ، ކޮން މަގަކުންތޯ އަޅުގަނޑުމެން ދެނެގަންނަން. ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަކީ، ޤާނޫނުއަސާސީ، ވަރަށް ޞަރީޙަ ބަހުން ބަޔާންކޮށްފައި އެވަނީ، އެ ޤާނޫނުއަސާސީގެ ބެލެނިވެރިއަކީ، ދައުލަތުގެ އެންމެމަތީ ވެރިޔާ. އެ ޤާނޫނުއަސާސީގެ ބެލެނިވެރިންނަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުން. އެ ޤާނޫނުއަސާސީ ޙިމާޔަތް ކުރުމަށް، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަންޖެހޭނެ. އެހެން ބޭފުޅެއްގެ އަތްމައްޗަކަށް އެކަން ދޫކޮށްލެވޭކަށެއް ނެތް. ޤާނޫނުއަސާސީއެއްވެސް އެމަސައްކަތް، އެހެން ބޭފުޅުންނާ ޙަވާލުކޮށްފައެއްނުވޭ.
އަޅުގަނޑަށް ލާޒިމް، އަޅުގަނޑަށް މަޖުބޫރު، މި ރާއްޖޭގެ ޝަރުޢީ ނިޒާމް، ރަނގަޅު ގޮތުގައި ހިނގަހިނގާ ބެހެއްޓުމަށް. އެ ބެހެއްޓުމަށްޓަކައި، އެ ވަގުތެއްގައި ކުރާންޖެހުނު ކަމެއް އަޅުގަނޑު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރާއްޖޭގެ ރައްޔިތުންނަށް އަރުވަން. ބައެއްފަހަރު އަޅުގަނޑު ކުރާ ކަންކަމަކީ، އަޅުގަނޑު ހިތްރުހޭ ކަންކަމެއް ނޫން. އަޅުގަނޑު ކުރަން އެދޭ ކަންކަމެއްވެސް ނޫން. އެހެން ނަމަވެސް، ޤައުމަށްޓަކައި، މިދައުލަތަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނާއި، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށްޓަކައި، އެއިރެއްގައި އަޅުގަނޑުމެން ކުރާންޖެހުނު ކަމެއް، އެއިރެއްގައި ކުރެވެން އޮތް ގޮތަކަށް އަޅުގަނޑު ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، ރާއްޖޭގެ ރައްޔިތުންނަށް އަރުވަން.
މިދެންނެވި ކަންކަން އަޅުގަނޑުމެން ކުރުމުގެ މިވަނީ ހަމަ އެންމެ ބޭނުމެއް. އެއީ ރާއްޖޭގެ ތަރައްޤީ. އެއީ، މަހިބަދޫގެ ތަރައްޤީ. އެއީ މިއޮތް އޮމަދޫގެވެސް ތަރައްޤީ. އެއީ ހަންޏާމީދޫގެވެސް ތަރައްޤީ. އެއީ މުޅި އަރިއަތޮޅުގެވެސް ތަރައްޤީ. އަދި މުޅި ރާއްޖޭގެވެސް ތަރައްޤީ. އަޅުގަނޑުމެން ކޮންމެ ދިވެއްސެއްގެ ޢާންމު ދިރިއުޅުން، މިހާރަށްވުރެ ތާހިރު ކުރުމަށް، ހެޔޮކުރުމަށް، ރަނގަޅު ކުރުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެންނަށް އެނގޭ، އަޅުގަނޑުމެން އެންމެންމެ ބޭނުމީ ތަރައްޤީކަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަގުގައި ނޫނިއްޔާ މަސައްކަތެއް ނުކުރާނަން.
އަޅުގަނޑު 2009 ވަނަ އަހަރުގެ މި މަހު މަހިބަދުއަށް އައިން. އެއްރެއަކު އަޅުގަނޑު ދެންނެވިން، އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް މަހިބަދޫގެ ނަރުދަމާގެ މަސައްކަތް އަޅުގަނޑުމެން ފަށާނަމޭ. އަޅުގަނޑުމެން ދެންނެވިން، ދާދި އަވަހަށް އިރާދަކުރެއްވިއްޔާ، މަހިބަދޫގެ ބަނދަރުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަމޭ. މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި، އަޅުގަނޑުމެންނަށް ކުޑަތަންކޮޅެއް ފަސްވީ ނަރުދަމާގެ މަސައްކަތް ފެށުން. ދެތިން ހަތަރުމަހެއް އެތެރެއަށް ވަދެ ދިޔަ ލަސްވެގެން. އެހެން ނަމަވެސް، މާތްރަސްކަލާނގެ އަމުރާއި އިރާދަފުޅުން އަޅުގަނޑުމެންނަށް މިހާރު މިވަނީ މިދެންނެވި ދެމަސައްކަތްވެސް ކޮށް ނިމިފައި. އެމަސައްކަތް ނިމުނީމާ، އަޅުގަނޑެއް ކުޑަކޮށްވެސް ނުދެކެން، އެއީ މަހިބަދޫގެ ތަރައްޤީގެ މަސައްކަތް ނިމުނީ ކަމަކަށް.
ނަރުދަމައެއްގެ ބޭނުމަކީ ވަރަށް މުހިންމު ބޭނުމެއް. ބަލިމަޑުކަމުން ސަލާމަތްވުމާއި، ރީތި ގޮތުގައި އަޅުގަނޑުމެންނަށް ރިވެތި ގޮތުގައި، އުނދަގޫތަކުން ދުރުވެ ދިރިއުޅުމަށް ކޮންމެހެން ނަރުދަމައެއް ބޭނުން. އަޅުގަނޑު ނުޖެހޭ ރާއްޖޭގެ ރައްޔިތުންނަށް މިހާރު ނަރުދަމައެއް ބޭނުންވާ ސަބަބުތައް ކިޔައިދޭކަށް. ކޮންމެ ގެއެއްގައި ފެންވަރާ ވަޅާ ޖެހިގެން ނަޖިސް ހިންދަނީ. ޗަކަވަޅު ކޮންމެ ގެއެއްގައި އެހާމެ ތަޣައްޔަރުވެފައި. އޭގައި އުފެދޭ މަދިރިއާއި ބަލި އަޅުގަނޑުމެން އެންމެނަށް ސާފުކޮށް، ޖަރާސީމު ލޮލަށް ނުފެންނައިރުވެސް، ފެންނަކަމުން. އަޅުގަނޑުމެންނަށް ދުވާ ވަހާއި އަދި ނަރުދަމާއެއް ނެތުމުން އިންތިހާއަށް ނުތަނަވަސްކަން ބޮޑުވެގެންދާކަން އެބަ ވަރަށް ބޮޑަށް ސާފުކޮށް އެނގޭ. މާކުރިއަކު ނޫން، 1990ގެ އަހަރުތަކުގައި. 1980ގެ އަހަރުތައް ނިމުނުއިރު، މާލޭގެ ނަރުދަމާތައް ހަދާ ނިމުނީ. އަޅުގަނޑުމެން މާލޭ އެންމެންނަށްވެސް ވަރަށް ސާފުކޮށް ހަނދާން އެބަހުރި، އެ ނަރުދަމާގެ ކުރީގައި، ހަނޑަސްބުރީގެ ފަހުގައި އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަން ކުރަމުންދިޔަގޮތް. އަޅުގަނޑުމެންނަށް ފެނުނީ، ޗަކަވަޅެއް ހަދައިގެން، އެ ވަޅަށް ނަޖިސް ހިންދައިގެން، އެއީ ތާހިރުވެގެން އަޅުގަނޑުމެންނަށް އުޅެވިދާނެ ފަސޭހަ ގޮތެއް ކަމަށް. އަޅުގަނޑުމެންނަށް ފަހުން އެނގުނީ އަދި މިދެންނެވި ވަޅަށް ޑީ.ޑީ.ޓީ ޖެއްސެއްކަމަކު، މުޅި ރާއްޖޭގައި އެތައް ސަތޭކައަކުން ޗަކަވަޅު ގިނަވެގެން ދިޔައީމާ، ދެން ބަލިމަޑުކަމާއި ރޯގާއިން އަޅުގަނޑުމެންނަށް ސަލާމަތްވެވޭނެ ގޮތްތައް ވަރަށް މަދުކަން.
މި ސަރުކާރު، ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، 2008 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 22 ޕަސެންޓް ރައްޔިތުންނަށް މިވަނީ ނަރުދަމާގެ ނިޒާމް ފޯރުކޮށްދެވިފައި. އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުމެން ޙަވާލުވިފަހުން، މި ދެތިން އަހަރު ތެރޭގައި، އެމައްޗަށް މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި، އަނެއް 22 ޕަސެންޓް އިތުރުކުރެވިއްޖެއޭ. އަޅުގަނޑުމެންނަށް މި ރާއްޖޭގެ ނަރުދަމާގެ ޚިދްމަތް ދެވިފައިވާ ރައްޔިތުންގެ ޢަދަދު މިހާރު މިހިރީ ރާއްޖޭގެ އާބާދީގެ 50 ޕަސެންޓާ ހިސާބަށް ގެނެސްދެވިފައި. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އަޅުގަނޑުމެންގެ ފުރަތަމަ ދައުރު އިރާދަކުރެއްވިއްޔާ ރާއްޖޭގެ ރައްޔިތުންގެ 80 ޕަސެންޓް ރައްޔިތުންނަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދޭނަން. އަސްލަމްގެ ޗާޓް އެ ކިޔައިދެނީ އޭގެ ޢަދަދުތައް. ދެން އަޅުގަނޑުމެން އިތުރަށް ހަދާން މިއޮތީ 25 ނަރުދަމާ. އަޅުގަނޑަށް ޝަހީދާ ވިދާޅުވެދެއްވާ ގޮތުގައި. އަޅުގަނޑުމެންނަށް އެ 25 ނަރުދަމާ ހެދޭނެ. އެ 25 ނަރުދަމާ އިރާދަކުރެއްވިއްޔާ ހެދުމުގެ އިންތިޒާމްތައް މިހާރަށްވުރެ ފުރިހަމައަށް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެ.
ސަރުކާރުން މިހާރު މިދަނީ ސެންޓްރަލް ޔޫޓިލިޓީޒްގެ ގޮތުގައި ސްޓެލްކޯއާއި އެމް.ޑަބްލިޔޫ.އެސް.ސީ އެއްކޮށްލައި، އެއް ކުންފުންޏަށް ހަދާ ހިންގާން ފެށުމުގެ މަޝްވަރާތައް ކުރަމުން. މިދެންނެވި ބޮޑު ކުންފުނިން ކާށިދޫއްސުރެ އިސްދޫ މުއްޔާ ހަމައަށް، ދެމެދުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ، ފެން އިރާދަކުރެއްވިއްޔާ ޤާއިމްކޮށްދޭނެ، ކުރެވޭނެ. އަޅުގަނޑުމެންނަށް ސެންޓްރަލް ޔޫޓިލިޓީޒް ކުންފުންޏެއްގެ ތަނަވަސްކަމާއި އަދި އެފަދަ ކުންފުންޏަކީ މިހާރުވެސް ތަޖްރިބާ ލިބި އަދި ރަނގަޅަށް ހިނގަމުން އަންނަ ބޮޑެތި ދެކުންފުނި އެކުވެގެން ހިންގޭ ކަމަކަށްވީމާ، އަޅުގަނޑު މިދެކެނީ، އެ ސަރަޙައްދުގައިވާ ރާއްޖޭގެ އާބާދީގެ ގިނަ ބައިވަރު ރައްޔިތުންނަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ ކަމަށް. މިދިޔަ ތިން އަހަރުގެ ތެރޭގައި، އަޅުގަނޑު މިދަންނަވާހެން އަޅުގަނޑުމެންނަށް 17 ނަރުދަމައެއް ޤާއިމް ކުރެވިއްޖެ. ވ. ފެލިދޫގެ ނަރުދަމާވެސް ހިމެނިގެން. އަޅުގަނޑުމެންނަށް ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި އެބައޮތް، ނަރުދަމާގެ މަސައްކަތް ފެށިފައި. އެއީ، ތޮއްޑޫ ފިޔަވައި. ތޮއްޑޫގެ ނަރުދަމާ، ޢަލީ ވަޙީދުވެސް ދެންމެ ފާހަގަކުރައްވައިފި، ވަރަށް އަވަހަށް ސަރުކާރުން ފަށާނެ. ތޮއްޑޫ ފިޔަވައި އެބައޮތް، 11 ނަރުދަމައެއްގެ މަސައްކަތް މިހާރު ހަމަ ބާރަށް ހިނގަމުން، ޢަމަލީކޮށް ހިނގަމުން ގޮސް، އޭގެ މަސައްކަތުގެ ބޮޑުބައި މިވަނީ ނިމިފައި. އިތުރުން އަޅުގަނޑުމެން ފަށާންހުރި ނަރުދަމާތައް އެބަހުރި. އުތުރުގައި 20 ރަށެއްގެ ހއ. ހދ. ށ.ގެ 20 ރަށެއްގެ ނަރުދަމާ ފެށުމުގެ މަސައްކަތް ސަރުކާރުން މިހާރު މިދަނީ ރާވަމުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، އެ 20 ރަށުގެ ނަރުދަމާ ފަށާނެ.
ހަމައެހެންމެ، ނ. ރ. ބ. ޅ. ގައި ސަރުކާރާއި އަދި ބޭރުގެ އެހެން ކުންފުންޏަކާ އެކުގައި، މިދެންނެވި ނ. ރ. ބ. ޅ. ގައި ހިމެނޭ ބޮޑު އާބާދީ، ފަސްދޮޅަސް އެތައް ހާސް ރައްޔިތުންނެއް، އެ ރައްޔިތުންނަށް ބޭނުންވާ ނަރުދަމާގެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން މިއަހަރު ފަށާނަން. އެހެންވީމާ، އަޅުގަނޑު މިދަންނަވާހެން، އަޅުގަނޑުމެންނަށް 2013 ވަނަ އަހަރު ނިމޭއިރުގައި، މި ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް ރައްޔިތުންނަށް ނަރުދަމާގެ ޚިދްމަތް ފޯރުކޮށްދެވޭނެ.
އަޅުގަނޑު މަހިބަދޫގައި ހުރެ ވާހަކަ ދައްކާއިރުގައި، ދަންނަވަން މަޖުބޫރު، ތިޔަބޭފުޅުންގެ ކަންކަމާ ގުޅޭގޮތުން، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ރުޤިއްޔާ މުޙަންމަދު ތަކުރާރުކޮށް އަޅުގަނޑު ގާތުގައި ވާހަކަ ވިދާޅުވޭ. ތިޔަބޭފުޅުންނަށް ބޭނުންވާ ކަންކަން ބައެއްފަހަރަށް ރުޤިއްޔާ ވިދާޅުވާއިރުގައި، އަޅުގަނޑުމެން ކުށްވެރިވޭ އެކަން ނުވެގެން. އަދި ސަރުކާރުން އެކަމުގައި ލަސްވެ އަދި ޢަމަލު ނުކުރާތީވެ، އެބޭފުޅާގެ ކެތްތެރިކަންވެސް ކިތަންމެ ދުވަހަކު ހުންނަނީ ވަރަށް ބޮޑަށް ކުޑަވެފައި. އަޅުގަނޑު ތިޔަބޭފުޅުންނަށާއި، ތިޔަބޭފުޅުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަށް އަދި ތިޔަބޭފުޅުންގެ ކައުންސިލަރުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެންނަށްވެސް އެނގޭ މިއީ ކޮން ރަށެއްކަން. ދިވެހިރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮން ދައުރެއް އަދާކުރާ ރަށެއްކަން. ފަހަރެއްގައި ބައެއް ޒުވާން ބޭފުޅުންނަށް ފާހަގަވެފައި ނޯވެދާނެ، ރާއްޖޭގައި އަލަށް ރަސްކަމަކަށް، ރަސްކަލަކު އިސްވީމާ ހަންޏާމީދުއަށް އައިސް ޞަލަވާތްފުޅު ނުކިޔަވައި ޙަޤީޤަތުގައި މާތްރަސްކަލާނގެ ގަންދީ ހުވާކުރުން އެއީ ނުކުރާ ކަމެއްގެ ގޮތުގައި ކިތަންމެ ޒަމާނަކު އޮތް. މި އަރިއަތޮޅަކީ ޒަމާނުއްސުރެ ފަށައިގެން، މާލެ ތަދުވީމާ، އަލުން އަނބުރާ މާލެ ހަމައަށް ގެނެސްދޭ އަތޮޅު. އޭގެތެރޭގައި، މަހިބަދޫ ރައްޔިތުންނަކީ ކޮބައިކަން މާލޭ މީހުންނަށް ވަރަށް ސާފުކޮށް އޮޅުންފިލާނެ.
މި ސަރުކާރުން އަބަދުވެސް ރަށްރަށް ތަރައްޤީ ކުރުމުގައި ބަލަނީކީއެއް، ރައްޔިތުންގެ ސިޔާސީ ޕާޓީގެ ކުލައަކަށް ނޫން. ބަލަނީ ޒަމާނުއްސުރެ ފަށައިގެން އަދި މިހާރުގެ ޢިލްމާ އެއްގޮތަށް ދިރާސާ ކުރީމާ، ކޮންތަނެއްގައި ކޮންކަމެއް ކުރީމާތޯ، މުޅި ރާއްޖެއަށް ފައިދާވެގެން އަންނަނީ. މަހިބަދޫގައި ކުރާ ކަމެއް، މިކުރަނީކީއެއް ހަމައެކަނި މަހިބަދޫ ރައްޔިތުންނަކަށް ނޫން. އެއީ މުޅި ރާއްޖެއަށް. މި ރާއްޖޭގައި ކުރާ ކޮންމެ ކަމެއް ކުރާން މިޖެހެނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް. މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރާ ކަންކަން އެބަ ކުރާން މިޖެހެނީ، މުޅި ރާއްޖޭގެ އެކި ތަންތަނުގައި. އެހެންވީމާ، ކޮންކަމެއް، ކޮންތަނެއްގައި، ކޮންހެނެއް ކުރީމާތޯ އެންމެ ފައިދާވެގެންދަނީ، އެއީ އަބަދުވެސް އަޅުގަނޑުމެން ޖަހަންޖެހޭ ހިސާބު. އަޅުގަނޑު ކުޑަކުޑަ ހިސާބެއް ތިޔަބޭފުޅުންނަށް ފާހަގަކޮށްދޭނަން. މަހިބަދޫ ރައްޔިތުންނަކީ މަސްވެރި ބައެއް. ކަންނެއްޔަށްދާ ބައެއް. އަދި ޖެހިގެން އޮތް އޮމަދޫގައިވެސް ކަންނެއްޔަށްދާ ދެތިން އޮޑިއެއް އޮވޭ. މުޅި ޖުމްލަ، މަހިބަދުއާ ގާތުގައި، އަޅުގަނޑު ބަލައިލިއިރުގައި ކަންނެއްޔަށްދާ ތިރީހަކަށް އޮޑި އެބައޮވޭ. މި 30 އޮޑިވެސް އައިސް ގަންނަނީ އުކުޅަހުން، އެހެން ނޫނިއްޔާ މާލެއިން. އެހެންވީމާ، މިތަނުގައި އައިސްގެ ޚިދްމަތް ލިބޭނެ ގޮތެއް ހޯދުމަށް، ތިޔަބޭފުޅުންގެ ކައުންސިލަރުން އެކުރައްވާ މަސައްކަތް، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެކުގައި، ސަރުކާރާ އެކުގައި އެކަން ކޮށްދިނުމުގައި، އިރާދަކުރެއްވިއްޔާ، ސަރުކާރަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ތިޔަބޭފުޅުންނަށް ކޮށްދޭނަން.
އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންގެ ޖީބަށް އިއްޔެ ވަން މިންވަރަށްވުރެ ރަނގަޅު އެއްޗެއް މިއަދު ވަނުން. އަޅުގަނޑުމެން އެންމެންވެސް ބޭނުންވަނީ ދަރިންނަށް ކިޔަވައިދޭން. ރަނގަޅު ޞިއްޙަތެއް، ބަލިވީމާ ބޭސްކުރެވޭނެ ގޮތެއް. ދެން އެގޮތް މިހާރު އެއޮތީ ވަރަށް ފަސޭހައިން ހަމަޖެހި ނިމިފައި. ދެން އަޅުގަނޑުމެން މި ބޭނުންވަނީ، އަޅުގަނޑުމެންގެ އަމާޒަކަށް، އަޅުގަނޑުމެން ދެންނެވިން، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކޮންމެ ދިހަ ކުއްޖަކުން ހަކުދިން ފަސް މާއްދާއިން ފާސްވާންޖެހޭނެއޭ. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، އެކަންވަނީ ދެކުދިންނަށް، ދިހަ ކުދިންގެ ތެރެއިން. މިއަދު އެކަން އެބަވޭ ދިހަ ކުދިންގެ ތެރެއިން ހަތަރު ކުދިންނަށް. 2011 ވަނަ އަހަރުގެ އޯ ލެވެލް އިމްތިޙާނާ އެކުގައި، އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑަށް ޝިފާއަށް އޮންނަ އިތުބާރު ވަރަށްބޮޑު. އަޅުގަނޑު ޔަޤީން ކުރަނީ، އަޅުގަނޑުމެންނަށް އެކަން، ހަކުދިންނާ ހަމައަށް އޮވެފައި، ފަސް ކުދިންނާ ހަމައަށް އެންމެ ކުޑަވެގެން މިއަހަރު ގެނެސްދެވޭނެ.
އަޅުގަނޑުމެން ބުނީ، އަޅުގަނޑުމެންނެއް ނޭދެމޭ، ރާއްޖޭގެ ރައްޔިތުން އެއް ސާދާގަރެއް ކައިރިން، އަނެއް ވިޔަފާރިއެއް ކައިރިން ބޭސްފަރުވާއަށް ގޮތެއް ހޯދަން، ބުނެކިޔައި އާދޭސް ކުރަމުން ހިނގާކަށް. އެތަން ދެކޭކަށް އަޅުގަނޑުމެންނެއް ނޭދެމޭ. ރާއްޖޭގައި ބޭސް ސިޓީއަށް ސަލާންޖެހުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހުއްޓާލަދޭނަމޭ. މިއަދު އެކަމެއް ނުހިނގާނެ ރާއްޖެއަކު. މިއަދަކު ބޭސް ސިޓީއެއް ހިފައިގެނެއް، ބޭސް ނުލިބިގެނެއް ރާއްޖޭގެ އެއްވެސް ރައްޔިތަކު، އެއްވެސް ރައްޔިތަކު ނޫޅޭނެ. ހުރިހާ ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ، ބޭސްފަރުވާގެ، ފުރިހަމަ ބޭސްފަރުވާ ލިބޭނެ ނިޒާމެއް، އިންތިޒާމެއް މިވަނީ ހަމަޖެހިފައި.
އާދެ! ފާޅުގައި ތިޔަބޭފުޅުން ވިދާޅުވާންވެސް ޖެހޭނެ. ވިދާޅުވެވެސްދާނެ. ހޮސްޕިޓަލްގައި މިވެނި އެއްޗެއް، އެވެނި އެއްޗެއް ނެތޭ. އަޅުގަނޑު މިއައީ މިތަނުގެ ހޮސްޕިޓާވެސް ބަލާފައި. ހިމަންދޫ ކުއްޖެއް އެބައޮތް ވިހާފައި. ތިންވަނަ ކުއްޖާ އޭނާ ވިހެއީ. އެހެންވީމާ، ސިޒޭރިއަނަކާނުލާ އިރާދަކުރެއްވިއްޔާ، މަހިބަދޫ ހޮސްޕިޓަލްގައި ހެޔޮ ޙާލުގައި ވިހައިފި. އެއަށްވުރެ ވަކި ބޮޑު އުފަލެއް، ހަމަގައިމުވެސް އަޅުގަނޑަކަށް ނުލިބޭނެ. މަހިބަދޫގައި މިއަދު އެބަތިބި 68 މާބަނޑު އަންހެނުން. ކޮންމެ މައެއް ހެޔޮ ޙާލުގައި ވިހެއުމަށް ސަރުކާރުން އަބަދުވެސް އެދޭނެ. ސަރުކާރުގެ އަމާޒަކީ، މާބަނޑު އަންހެނުން، އެ ރައްޔިތުން ދެން އަންނާން އޮތް ޖީލު އަޅުގަނޑުމެންނަށް އެ ފޯރުކޮށްދެނީ. އެ އަންހެނުންނާ ނުލާ އަޅާނުލާ ކައުންސިލަރުވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުވެސް އަދި އަޅުގަނޑުވެސް ކުރާނެ ހަމަ އެއްވެސް ކަމެއް ނެތް.
ރަށުގެ ތަރައްޤީއަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން، ބޮޑުހިލަ ބަނދަރެއް ނޫނޭ، އެއްގަމު ތޮށްޓެއް ނޫނޭ. ތަރައްޤީއަކީ އަޅުގަނޑުމެންނަށްވާ ކަމެކޭ. އަޅުގަނޑުމެންނަށް ތަންދޮރުފިލުމޭ. ވާނުވާ އެނގުމޭ. އެ ތަރައްޤީ ހޯދައިދިނުމުގައި، ތުއްތުކުއްޖާ ވިހޭއްސުރެ ފަށައިގެން، މަންމަގެ އުނގުން ކަށްވަޅާ ހަމައަށް އަޅުގަނޑުމެން އެކުއްޖާއާ އަޅާލާންޖެހޭނެ. އެ ރައްޔިތު އުފައްދާންޖެހޭ. ސަރުކާރުގެ އަބަދުވެސް އަމާޒަކީ މިދެންނެވި ދުޅަހެޔޮ ރައްޔިތަކު އުފެއްދުން.
އަޅުގަނޑު މާގިނައިރެއް ނުނަގާނަން. އަޅުގަނޑު ނިންމާލުމުގެ ކުރީގައިވެސް އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް ދަންނަވާލަން ބޭނުން. ބައެއްފަހަރަށް ހަމަ ތަކުރާރުކޮށް ދަންނަވާލާނަން. ބައެއްފަހަރަށް އަޅުގަނޑު ޢަމަލުކުރާ ގޮތުން، ކަންކުރާ ގޮތުން ބައެއް ރައްޔިތުންނަށް އަދި ބައެއް ރައްޔިތުންނަށް މުޅިން ސާފުވެގެން ކަންކަންނުދޭ. އަޅުގަނޑު އެންމެ ފުރަތަމަ ހަނދާންވަނީ، 1990ގެ އަހަރުތަކުގައި ސިޔާސީ ޕާޓީއެއް ހެދުމަށް އަޅުގަނޑު އުޅުނީތީވެ، އެއީ އެއްގޮތަކަށް ކަމުދާ ކަމެއްގެ ގޮތުގައި އެއްވެސް ބޭފުޅަކަށް ނުފެނުނު. އެއިރުގެ ޤާނޫނުހަދާ މަޖިލީހަކަށްވެސް ނުފެނުނު. އެއިރުގެ ޚާއްޞަ މަޖިލީހަކަށްވެސް ނުފެނުނު. އަދި ދެން ކިޔަވައިގެން ތިއްބެވި ފުންނާބު އުސް ޤާނޫނީ ވަކީލުން އަދި އަމުދުން ދުށީ އެއީ، ވަރަށް ވިޔާނުދާ ކަމެއްގެ ގޮތުގައި. އެބޭފުޅުން ދުށީ އެއީ އެއްގޮތަކަށްވެސް ދިވެހިރާއްޖޭގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް. އެހެން ނަމަވެސް، މިއަދު އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބޭ، ހުއްޓާނުލާ އަޅުގަނޑު އެވާހަކަ ދައްކަމުން ގެންދިޔައީތީވެ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ، މިއަދު މި ޤާނޫނީ ނިޒާމް، ވެރިކަން ހިންގުމުގެ ނިޒާމް، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް މިއޮތީ ލިބިފައި.
މިއަދު ފަނޑިޔާރުންނާ ގުޅޭގޮތުން، ބައެއް ފަނޑިޔާރުންނާ ގުޅޭގޮތުން އަޅުގަނޑު ޢަމަލު ކުރަމުން ގެންދާ ގޮތުން، ހަމަ އަޅުގަނޑު މިދެންނެވި ފުންނާބު އުސް ކިތަންމެ ޤާނޫނީ ވަކީލުންނެއް އެބަ ވާހަކަ ވިދާޅުވަމުން ގެންދަވާ. މުޅި ދުސްތޫރީ ނިޒާމް ގަޑުބަޑުވެ ހަލާކުވަމުން، މި ރާއްޖެ އެކީއެކައްޗަކަށް ފަސާދަވެ، އަޅުގަނޑުމެންގެ މުޅި ޙަޔާތް ނިމިދަނީ. އެހެންވެގެން އަޅުގަނޑު ހިތަށްއެރީ، މަހިބަދުއަށް އައިސް ބަލައިލާނަމޭ، އެއީ ތިޔަބޭފުޅުން ކިހިނެއްބާއޭ ތިބީ. އަޅުގަނޑު ބަލައިލިއިރުގައި ހަމަ ނަރުދަމައެއް ބޭނުމީ. ހަމަ ފޮތެއް ބޭނުމީ. ހަމަ ބޭސްގުޅައެއް ބޭނުމީ. ހަމަ ބޯހިޔާކުރެވޭނެ ގޮތެއް ބޭނުމީ. އެކަމަކު އަޅުގަނޑު ދަންނަވަން ބޭނުން. ތިޔަބޭފުޅުން ބައްލަވަން އެބަޖެހެޔޭ، ބޭސްގުޅައެއް މިލިބެނީ، ފޮތެއް މިލިބެނީ، ބޯހިޔާކުރެވޭނެ ގޮތެއް މިވަނީ، ރަނގަޅު ސާދާ ވެރިކަމުގެ ނިޒާމެއް އޮތީމާކަން.
އެ ވެރިކަމުގެ ނިޒާމް ގާއިމްކުރާއިރު، އަބަދަކު އަބަދަކު ލިޔެފައި ހުރި ހުރިހާ ފޮޅުވަތްތަކެއްގެ ދޭތެރެއަކުންނެއް އެ ނިޒާމެއް ޤާއިމެއް ނުކުރެވޭނެ. އެހެންވީމާ، އެއިރެއްގައި މިކަންކަން ހަމަ މަގަށް ގެނައުމަށްޓަކައި، އެއިރެއްގައި ކުރާންހުރި ކަމެއް، ޖެހިލުމެއްނެތި އަޅުގަނޑު ގެންދާނީ ކުރަމުން. އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ތިޔަބޭފުޅުންނާ އެކުގައި، އަނެއް ދިވެހިރާއްޖެ ދެކެމުންދާނަމޭ.
والحَمْـدُ لِلّـهِ. ވަރަށް ބޮޑަށް ޝުކުރިއްޔާ!