ހެރިއެޓް-ވޮޓް ޔުނިވަރސިޓީއާއި ކްލީކް ކޮލެޖް ގުޅިގެން ހިންގެވުމަށް ހަމަޖެހިފައިވާ ޑިގްރީ ޕްރޮގްރާމް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ނަސަންދުރަ ޕެލެސް ހޮޓެލްގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިގްރީގެ ފަހު އަހަރު ހެރިއެޓް-ވޮޓް ޔުނިވަރސިޓީގެ ކޮލެޖެއްގައި ފުރިހަމަކުރުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވުން ފަދަ މުހިންމު މަސައްކަތެއް، މަތީ ތައުލީމަށްޓަކައި ކޮށްދެއްވުމަކީ، ކްލީކް ކޮލެޖުން ޤައުމަށް ކޮށްދެއްވާ ވަރަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި ކްލީކް ކޮލެޖްގެ ވެރިންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހި ޤައުމަށް ޚިދުމަތްކުރުމަށް ތައުލީމީ ޒުވާނުން ދެމި ތިބޭނީ ރާއްޖެއަކީ އުފާވެރި، ދިރިއުޅޭ ހިތްވާ، ހަމަޖެހޭ ޤައުމަކަށް ވެގެންކަން ފާހަގަކުރައްވައި، ޤައުމު ދެކެ މާޔޫސްވެ، ވެރިންނަށް އޮންނަ އިތުބާރު ނެތި ދިއުމަކީ، މަތީ ތައުލީމް ހާސިލްކުރާ ކުދިން މިޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކުރާނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަރަމުންދާ ޤައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ކިޔަވައިގެން ތިބި ޒުވާން ކުޅަދާނަ ކުދިން، އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ވަޒީފާ ހޯދަން ދިއުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބާރުތައް މިވަނީ ވަކިކުރެވި، އެބާރުތައް ހިންގޭނެ މިންވަރާއި ހުދޫދުތައް ވަރަށް ސާފުކޮށް ކަނޑައެޅިފައިކަން ނައިބު ރައީސް ފާހަގަކުރައްވަމުން، އެއްވެސް ބާރެއް ހިނގަމުން ދަނީ ޤާނޫނު އަސާސީގެ ރޫޙާ އެއްގޮތަށް، އެންމެ ފުރިހަމައަށް ކަމުގައި ދެންނެވެން ނެތްކަމުގައި ވިދާޅުވިއެވެ. މިގޮތުން، މިބާރުތަކުގެ ފުރިހަމަކަން ހާސިލްކުރުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް އިޙްތިރާމް ކުރުމާއެކު، އެއް ބައެއްގެ މައްޗަށް އަނެއް ބަޔަކު ނުފޫޒު ނުފޯރުވައި، އެއް ބައެއްގެ ޤަދަރާއި އިއްޒަތަށް އަނެއް ބަޔަކު އަރައި ނުގަތުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޢަދުލްވެރި، އިންސާފުވެރި ދައުލަތެއް ބިނާކުރުމަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއްމަޤްޞަދު ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޑިމޮކްރަސީ ޤާއިމްކުރުމުގެ މަގުމަތީގައި މައްސަލަތަކާ ދިމާވާނެ ކަމަށާއި، މައްސަލަތައް ހައްލުކުރުމުގައި ދެކޮޅުވެރި، ވާދަވެރި ގޮތްތައް ގެންގުޅުމުގެ ބަދަލުގައި، ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރެވޭނެ ގޮތްތައް ހޯދުމުގެ މުހިންމުކަމުގެ މައްޗަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.