ކޮޅުމަޑުލު ތިމަރަފުށީ ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީކޮށް ހިންގާ ފަރާތަކަށް ޓޫރިސްޓް ރިޒޯޓް ހިންގުމަށްޓަކައި، ދެ ފަޅުރަށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިކަމާ ގުޅޭގޮތުން އެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން ތިމަރަފުށީގައި ހައްދަވާ އެއަރޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުގެ ގޮތުގައި، 31 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ އަހަރު ވަނީ ނިންމަވާފައެވެ. އެއަރޕޯޓް ތަރައްޤީ ކުރުމަކީ، ވަރަށްބޮޑު ޚަރަދުތަކެއް ހިނގާ ކަމަކަށްވާތީ، މިފަދަ ކަމަކަށް އިންވެސްޓް ކުރާއިރު، ޚަރަދު ފޫބެއްދުމަށްޓަކައި ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ފަޅުރަށްރަށް ދޫކުރެއްވުމަކީ، އެ ސަރަޙައްދެއްގެ ޞިނާޢީ ކުރިއެރުމަށާއި، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަށް ލިބިގެންދާ ވަރަށްބޮޑު ބާރެއްކަން މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.