ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި ވިޔަފާރީގެ ދާއިރާއަށް ވަރަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ކަނޑި އަޙްމަދު އިސްމާޢީލް މަނިކު އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން ކަނޑި އަޙްމަދު އިސްމާޢީލް މަނިކުގެ އަނބިކަނބަލުން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ މުއުމިނާ ޙަލީމާ ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މުއުމިނާ ޙަލީމަށާއި، ބޭފުޅުންނަށާއި ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ކަނޑި އަޙްމަދު އިސްމާޢީލް މަނިކު، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދްމަތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކަނޑި އަޙްމަދު އިސްމާޢީލް މަނިކު އަވަހާރަވީ، އާލަސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލުގައި މިއަދު ހެނދުނުއެވެ.

ކަނޑި އަޙްމަދު އިސްމާޢީލް މަނިކު އަވަހާރަވުމާ ގުޅިގެން، ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޚާއްޞަ މަންދޫބަކު ފޮނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ. މި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ، މިނިސްޓަރ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ މަރިޔަމް ޒުލްފާއެވެ. އެކަމަނާ މިރޭ ސްރީލަންކާއަށް ވަޑައިގަންނަވާނެއެވެ.

މަރްޙޫމް ކަނޑި އަޙްމަދު އިސްމާޢީލް މަނިކަކީ، 1972 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ، ފަތުރުވެރިކަމުގެ ދާއިރާގައި ޚިދްމަތް ކުރައްވަމުން ގެންދެވި ވަރަށް ހީވާގި ބޭފުޅެކެވެ. 1972 ވަނަ އަހަރު ޓޫރިޒަމް ފެށުނުއިރު، މާލެއަތޮޅު ބަނޑޮސް ތަރައްޤީ ކުރެއްވުމުގެ މަސައްކަތުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުން 1974 ވަނަ އަހަރާ ހަމައަށް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި 1974 ން 1976 އާ ހަމައަށް މާލެ އަތޮޅު ވިލިނގިލީ ރިޒޯޓުގެ މެނޭޖަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، 1976 ގައި ސަރުކާރުން ވިލިނގިލި ކުއްޔަށް ދެއްވަން ނިންމެވުމާ ގުޅިގެން، ވިލިނގިލި ކުއްޔަށް ހިއްޕަވައި އެތަން ތަރައްޤީ ކުރައްވައި 1979 ވަނަ އަހަރާ ހަމައަށް އެ ރިޒޯޓު ހިންގެވިއެވެ. އަދި މާލެއަތޮޅު އެނބޫދޫ، ރިޒޯޓަކަށް ތަރައްޤީ ކުރެއްވުމުގެ މަސައްކަތްވެސް ކުރެއްވިއެވެ. "ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް އުފައްދަވައި، އެކި ރިޒޯޓުތަކާއި ހޮޓާތައް ގެންދަވަނީ ހިންގަވަމުންނެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވި ބޭފުޅެއްގެ ޙައިޘިއްޔަތުން އެކަން ފާހަގަކުރައްވައި މިނިސްޓްރީ އޮފް ޓޫރިޒަމުން ދެއްވި އެވޯޑު 1997 ވަނަ އަހަރު ކަނޑި އަޙްމަދު އިސްމާޢީލް މަނިކަށް ލިބިވަޑައިގެންފައިވެއެވެ. ހަމައެހެންމެ، ފަތުރުވެރިކަމުގެ ދާއިރާއިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1997 ވަނަ އަހަރު އަދި އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 2005 ވަނަ އަހަރު ކަނޑި އަޙްމަދު އިސްމާޢީލް މަނިކަށްވަނީ ލިބިވަޑައިގެންފައެވެ.

ކަނޑި އަޙްމަދު އިސްމާޢިލް މަނިކަކީ، ސަރުކާރަށްވެސް 23 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ފުރުއްވި މަގާމުތަކުގެ ތެރޭގައި، މާލިއްޔާގެ އިނގިރޭސި ސެކްރެޓެރީކަމާއި، ސިލޯނުގައި ހުންނަވާ ސަފީރު އޮފީހުގެ ސެކްރެޓެރީކަމާއި، ޚާރިޖިއްޔާގެ ވަކީލުކަމާއި، އ.ދ.ގައި ހުންނަ ރާއްޖޭގެ ދާއިމީ އޮފީހުގެ ސެކްރެޓެރީކަމާއި، އ.ދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ މަންދޫބުކަން ހިމެނެއެވެ. އަދި ޓެލެކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ވަކީލުކަމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ މެނޭޖަރުކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކީލު ކަމާއި، މިނިސްޓަރ އޮފް ފިޝަރީޒްގެ ނައިބުކަންވެސް ކުރައްވާފައިވެއެވެ.

ކަނޑި އަޙްމަދު އިސްމާޢީލް މަނިކު އަވަހާރަވިއިރު އެމަނިކުފާނަށް ލިބިވަޑައިގެންނެވި 4 ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އެއީ، ފިރިހެން 2 ބޭފުޅުންނާއި އަންހެން 2 ބޭފުޅުންނެވެ.