ހުސްވި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރެއްވި [މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުތައް އެކަށައަޅައި، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ އެންމެހައި ގަވާއިދުތަކާއި އުޞޫލުތަކާއި ހަމަތައް ކަނޑައަޅައި، އެކަންކަން ރާވައި ހިންގާ ބެލެހެއްޓުމަށްޓަކައި [މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ]ގެ ނަމުގައި ވަކި ޤައުމީ އިދާރާއެއް އުފެއްދުމަށާއި، އެ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކުރާ ޤާނޫނެވެ.
މި ޤާނޫނުން ޙާޞިލްކުރަން ބޭނުންވާ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހައި ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގާ ބެލެހެއްޓުމާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ނަމުގައި ވަކި އިދާރާއެއް އުފައްދައި، އެ އިދާރާ ހިންގަމުން ގެންދާނެ އުޞޫލުތައް ކަނޑައެޅުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫނާރާ ގޮތުގެ މަތިން، މަދަނީ ވައިގެ ދަތުރުފަތުރާބެހޭ މުޢާހަދާތަކުގެ އުޞޫލުތަކާ އެއްގޮތްވާ، މަދަނީ ވައިގެ ދަތުރުފަތުރުގެ ކަންކަން ދިވެހިރާއްޖޭގައި ހިންގުމަށް މަގުފަހިކޮށްދިނުންވެސް ހިމެނެއެވެ.
މި ޤާނޫނަށް ޢަމަލުކުރައްވަން ފަށްޓަވާނީ މިއަދުން ފެށިގެންނެވެ. މިޤާނޫނަށް ޢަމަލު ކުރައްވަން ފެށްޓެވުމާއެކު، މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީ އުފެދުނީއެވެ. މި އޮތޯރިޓީއަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމާއި، މުދާ ހޯދުމާއި މުދާ މިލްކު ކުރުމާއި، ދަރަންޏަށް ޒިންމާވުމާއި، އެ މުދަލުން ތަޞައްރުފް ކުރުމުގެ ޙައްޤު ލިބިގެންވާ، އަދި ދިވެހިރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރާ ގުޅުންހުރި އެންމެހައި ކަންކަން ހަރުދަނާކަމާއެކު ރާވައި ހިންގާނެ ގޮތްތަކާއި އުޞޫލުތައް ކަނޑައަޅައި، އަދި މި ޤާނޫނު ތަންފީޛު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރާ ދައުލަތުގެ އިދާރާއެވެ.
މޯލްޑިވްސް ސިވިލްއޭވިއޭޝަން އޮތޯރިޓީއަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ އިދާރާއެކެވެ. މި އޮތޯރިޓީ ހިނގަމުންދާނީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެއްލެވުމުގެ ދަށުންނެވެ. މި އޮތޯރިޓީގެ ސިޔާސަތު ކަނޑައެޅުމަށް މަސްއޫލުވާންޖެހޭ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑެއް އޮންނަންވާނެ ކަމަށް، މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންނަކީ، ބޯޑުގެ ޗެއަރމަނާއި، އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އާއި، އިތުރު 3 ޑިރެކްޓަރުންނެވެ.