27 ޑިސެމްބަރ 2011 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި "ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، މި ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މި ބިލާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، މި ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ބައްލަވާލައްވައި، އެމައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

މިގޮތުން، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ދިނުމުގެ އިންތިޒާމް، މި ބިލުގައި އެކަށައަޅާފައިވަނީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ނޫން ކަމަށާއި، ޞިއްޙީ ޚިދުމަތަކީ ޤާނޫނު ނަންބަރު 2011/15 (އިޖުތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނު) ގައި ބުނެފައިވާ ޤައުމީ ނިޒާމްގެ ތެރެއިން ދިނުމަށް ހަމަޖެހިފައިވާ ޚިދުމަތަކަށްވާތީ، ތެލަސީމިއާ ކުދިންނަށްދެވޭ ފަރުވާވެސް އެ ނިޒާމްގެ ތެރެއިން އިންތިޒާމް ކުރެއްވުން ރަނގަޅުވާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ލަފާދެއްވައި، އެބިލާ ގުޅޭގޮތުން ފާހަގަކުރައްވާފައިވާ ބައެއް މައްސަލަތައް ބަޔާންކުރައްވައި، އެ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި، އެބިލަށް އިޞްލާޙު ގެންނެވުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.