އިންޑިޔާގެ އާރމްޑް ފޯސަސްގެ ޗެއަރމަން، ޗީފް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ނިރްމަލް ވަރްމާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކިދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ރާއްޖެއާއި އަދި އިންޑިޔާ ކަނޑުގެ ސަރަޙައްދު ޙިމާޔަތް ކުރުމާއި ރައްކާތެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކަނޑުފޭރޭ މީހުންގެ ސަބަބުން، ރާއްޖެއަށް ކުރިމަތިވާ ނުރައްކާތައް އިތުރުވަމުން ދިޔުމަކީވެސް، ރާއްޖެއިން ކަންބޮޑުވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އިންޑިޔާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ނިރްމަލް ވަރްމާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފް ކުރެއްވިއެވެ. އަދި، ރާއްޖެއާއި އިންޑިޔާއަކީ، ވަރަށް ގާތް ރަޙްމަތްތެރި ދެ ޤައުމުކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ކަނޑުގެ ޙިމާޔަތަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުވައިދިނުމުގައި އިންޑިޔާ ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގައި ނިރްމަލް ވަރްމާ ވިދާޅުވިއެވެ.