ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައި، އެ ހޮސްޕިޓަލްގެ އިސްބޭފުޅުންނާއި، މާލޭ ހެލްތް ސަރވިސް ކޯޕަރޭޝަންގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އެ ހޮސްޕިޓަލަށް މި ޒިޔާރަތް ކުރެއްވީ، އިއްޔެއިން ފެށިގެން ސަރުކާރުން ދެއްވަން ފެށްޓެވި އާސަންދައިގެ ޚިދްމަތާ ގުޅޭ މަސައްކަތްތައް ހޮސްޕިޓަލުން ރާއްވަވާފައިވާ ގޮތާއި، އެކަން ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށްޓަކައެވެ.

މި ބައްދަލުކުރެއްވުމުގައި، އާސަންދައިގެ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ޚިދްމަތް ހިލޭ ލިބޭގޮތަށް ހަމަޖެހުމާ ގުޅިގެން، ހޮސްޕިޓަލުން ނަގާ ފީތަކަށް މިހާރު ގެންނަވަން ކަނޑައަޅުއްވާފައިވާ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ހޮސްޕިޓަލުން ދެމުންގެންދާ ޚިދްމަތްތަކުގެ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭގޮތުންނާއި، ހޮސްޕިޓަލުން އިތުރަށް ދެވެންހުރި ޚިދުމަތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އައި.ޖީ.އެމް.އެޗް.އަށް ޒިޔާރަތް ކުރެއްވި ކުރެއްވުމުގައި، ޚަބަރުފަތުރާ ވަސީލަތްތަކާވެސް ބައްދަލުކުރައްވައި، އާސަންދައިގެ ނިޒާމާބެހޭ މަޢްލޫމާތު ދެއްވައި، ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.