بســم اللّـه الرّحمـن الرّحيــم

الحمـد لله ربّ العالمين ، والصّـلاة والسّـلام على سـيّدنا محـمّد وعلى آله وصحـبه أجمعـين.

ދިވެހި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުސްޠަފާ ލުޠުފީ، ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު، ބަސްކޮމިޓީގެ ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު އަދި ބަސްކޮމިޓީގެ މެންބަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ އަޚުންނާއި އުޚްތުން
السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއުފާވެރި ދުވަހު މިއުފާވެރި މުނާސަބަތުގައި އެންމެހާ ބޭފުޅުންނަށް ހިޖުރީ އާއަހަރުގެ ހެޔޮއެދުންތައް އަރިސް ކުރަން. ޝައްކެއްނެތް. އެއްވެސް ޤައުމެއްގެ މީހުން ވާހަކަދައްކާ ބަހެއްގެ ހުރިހާ ބަސްތަކެއް އެކުލަވާލެވިގެން އެންމެ ފުރަތަމަ ފަހަރަށް ފޮތެއް ނެރުމަކީ އެއީ، ވަރަށްވެސް ތާރީޚީ ކަމެއް. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތްފުޅުން އެކަލާނގެ ވާގިފުޅުން މިއަދު، އަޅުގަނޑުމެންނަށް މި ތާރީޚީ ފޮތް ނެރުމުގެ ނަސީބު ލިބުނު ކަމަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ! އެފަދަ ބޮޑު މަސައްކަތެއް ކުރެވޭނީ ވަރަށްބޮޑު ހިތްވަރަކާއެކުގައި. ދެންމެ ބަސްކޮމިޓީގެ ރައީސް ވާހަކަފުޅު ދެއްކެވި ފަދައިން ބަސްފޮތަކީ ދިރެމުން އުފެދެމުން އެތަކެއް ޒަމާންވަންދެން އައިސްފައިވާ ފޮތެއް. އަދި އެތަކެއް ބޭފުޅުންގެ ވަރަށްބޮޑު ޚިދްމަތެއް އެކުލެވިގެން، ވަރަށް ބުރަ މަސައްކަތެއް މީގައި އެކުލެވިގެން މިހާ ހިސާބަށް އައި ފޮތެއް.

އާދެ! އެގޮތުން އެ ހުރިހާ ބޭފުޅުންގެ ނަން ވަކިވަކިން ނުދެންނެވުނަސް ދެންމެ އިވިވަޑައިގެން ފަދައިން އެ ނަންތައްވަނީ ބަސްފޮތުގައި ހިމެނިފައި. ނަމަވެސް ވަރަށް ކުރުކޮށް އަޅުގަނޑު މިއަދު މި މަގާމުގައި ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ ދެތިން ބޭފުޅަކު އެބަ ތިއްބެވި. އެގޮތުން އަޅުގަނޑު އެންމެ ފުރަތަމަ ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން، ބަސް ކޮމިޓީގެ ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށް. އަދި ޢަބްދުއްރަޝީދާ އެކުގައި ބަސް ކޮމިޓީގެ ހުރިހާ މެންބަރުން ތިޔަކުރެއްވި މަސައްކަތަކީ ދިވެހި ޤައުމަށް ކޮށްދެއްވި ވަރަށް ބޮޑު ޚިދްމަތެއް. އެކަމަށްޓަކައި އަޅުގަނޑަށް ޔަޤީން ކުރެވޭ، މި ޤައުމު ތިޔަބޭފުޅުންނަށް އަބަދުވެސް ޝުކުރުވެރިވާނެ. އަދި ހަމަ އެފަދައިން ދެންމެ އަޅުގަނޑުމެންނަށް އިވިގެން ދިޔަހެން މިބަސްފޮތް ނެރުމަށްޓަކައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އަދި ޤައުމީ ޔުނިވަރސިޓީ އުފެއްދުމުގެ ކުރިންވެސް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޙަސަން ޙަމީދު ކުރެއްވި މަސައްކަތް އަޅުގަނޑުމެން ޚާއްޞަ ގޮތެއްގައި ފާހަގަކުރަން. ޙަސަން ޙަމީދަށް އަޅުގަނޑުމެން ޝުކުރު ދަންނަވަން.

އެކި ސިފަސިފައިގައި ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ މަޖިލިސް އުފެދިގެން މަސައްކަތް ކުރަމުންދާތާ ވަރަށްގިނަ ޒަމާންތަކެއްވެއްޖެ. އެ މަޖިލިސްގެ މެންބަރުންވެސްވަނީ މިމަސައްކަތުގައި ވަރަށް ބޮޑު ޚިދްމަތްތަކެއް ކޮށްދެއްވާފައި. އެގޮތުން ދިވެހި ބަސް ކުރިއެރުވުމަށްޓަކައި މަޖިލިހުން ކުރައްވަމުން ގެންދެވި މަސައްކަތަކަށްޓަކައި މަޖިލިސްގެ ރައީސަށާއި، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! ކޮންމެ ޤައުމެއްގައިވެސް ވާހަކަ ދެކެވޭ ބަހަކީ އެއީ، އެ ބައެއްގެ ދިރިއުޅުން އެ ބަހަކުން ދައްކުވައިދޭ އެއްޗެއް. އަދި ޤައުމުގެ ދިރުން ހުރިވަރެއް، އެ ބަހުގައިވެސް ދިރުން ހިމެނިގެންދާ ކަމެއް. ބަހަކީ އަބަދުވެސް ދިރިހުރެ ބަދަލުވަމުންދާނެ އެއްޗެއް. އެއީ، އެބަހުން ވާހަކަދައްކާ މީހުންނަކީވެސް، ދިރޭ މުޖުތަމަޢެއްގައި އުޅެމުންދާ ބަޔަކަށްވާތީ. އެގޮތުން ބަހުގެ ތެރެއަށް އާ ބަސްބަސް އައުމާއި، ބަހުގައި ބޭނުން ކުރަމުންދާ ބައެއް ބަސްބަސް އުވިގެން ދިޔުމާއި، މިއީ ބަހުގެ ޒާތުގައި ހިމެނިގެންވާ ކަމެއް. ޝައްކެއްނެތް، ދިވެހިބަސްވެސް މިދެންނެވި އުސޫލަކުން އެއްކިބާވެގެނެއްނުވޭ. އެގޮތުން ދިވެހިބަހުގައި އަޅުގަނޑުމެން ބޭނުންކުރާ ބަސްތައްވެސް މިދަނީ ބަދަލުވަމުން. ފަހަކަށްއައިސް ދިވެހިން އެންމެ ބޮޑަށް މުޢާމަލާތުކޮށް، ދިރާސާކޮށް، މަސައްކަތް ކުރަމުންދާ ބޭރުގެ ބަސްތަކަކަށްވެފައި މިއޮތީ އިނގިރޭސިބަހާއި ޢަރަބިބަސް. އެގޮތުން ބަހުގެ ތެރެއަށް އަލަށް ގެނެވޭ ގިނަ ބަސްތަކަކީ އެއީ، ޢަރަބިބަހުގެ ބަސްތަކާއި އިނގިރޭސިބަހުގެ ބަސްތަކަށް މިއޮތީ ވެފައި.

މިބަދަލުތައް އަންނަމުންދާއިރުގައި އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ، ދިވެހިބަހުގައި ޒަމާނުއްސުރެން ބޭނުން ކުރެވެމުން އަންނަ ދިވެހި ބަސްތަކެއްވެސް ހުރެދާނެކަން. ވީމާ، ބަސް ދިރުވުމަށް މަސައްކަތް ކުރާ ބަޔަކު ސަމާލުކަމެއް އެބަދޭންޖެހޭ، ބަހުގައި އަބަދު ބޭނުންކުރަމުން އަންނަ ބަސްތައް ދެމެހެއްޓޭތޯވެސް. އެގޮތުން ޚާއްޞަކޮށް ބަހުގައި ބޭނުން ކުރަމުން އަންނަ ދުވަސްވީ ބަސްތައް ދެންމެ ފާހަގަކުރެއްވި ފަދައިން ހޯއްދަވައި، ދިރާސާ ކުރައްވައި، ބަސްފޮތުގެ ތެރޭގައި ހިމެނުމަކީވެސް އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް މުހިންމު ކަމެއް. ވީމާ އެކަމުގައި އަލްފާޟިލާ ނަސީމާ މުޙަންމަދު ކޮށްދެއްވި މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. އެކަން އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަން.

އާދެ! ބަހެއް ވާހަކަ ދެއްކުމުގެ ތެރެއަށް ތަޢާރަފްވެ، އެ ބޭނުން ކުރެވުމާއި ނުކުރެވުން ބިނާވެފައި މިއޮންނަނީ ތަފާތު ކަންތައްތަކެއްގެ މައްޗަށް. އޭގެ ތެރެއިން އެއްކަމަކީ، ބަހުގެ ހަމަތަކަށް ފަސޭހައިން ފެތުން. އަނެއްކަމަކީ، ބަހުގެ އަހުލުވެރިންގެ ދޫތަކަށް ފަސޭހަ ބަހަކަށްވުން. އަނެއްކަމަކީ އެއީ، ޢާންމުކޮށް ބޭނުންނުކުރާ ކަމަކާ ބެހޭގޮތުން އަލަށް ތަޢާރަފް ކުރެވޭ ބަހަކަށްވުން. މިދެންނެވި ގޮތްގޮތުން އާބަސްބަސް ތަޢާރަފްވެގެން މިދަނީ. ދާއިރުގައި އެއްކަމަކަށް ތަފާތު ބަސްތަކެއް ފުރަތަމަ ބޭނުން ކުރެވިދާނެ. އަލަށް ބަސް ތަޢާރަފްވެގެންދާއިރުގައި. އެގޮތުން މިހާރުވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ބަސްބަސް ހުރެދާނެ އެއްކަމަކަށް. މިސާލަކަށް އިނގިރޭސި ބަހެއް ނުވަތަ ޢަރަބި ބަހެއް ނުވަތަ އުރުދޫ ބަހެއް ނަމަވެސް ބޭނުން ކުރެވިގެންދާކަން. ނަމަވެސް އޭގެތެރެއިން ދުވަސް ގަނޑަކަށް ފަހުގައި ހަރުވާނީ، އަޅުގަނޑުމެންގެ ބަހާ އެންމެ ގާތް، އަޅުގަނޑުމެންގެ ދޫތަކަށް އެންމެ ފަސޭހަ އަދި އަޅުގަނޑުމެން ބުނަން އުޅޭ އެއްޗެއް އެންމެ ފަސޭހައިން ދޭހަކޮށްދޭ ޢިބާރާތް. ވީމާ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައް ބަދަލުވަމުން ދިޔަދިޔަހެން އަޅުގަނޑުމެންގެ ތެރެއަށް ދިރާސާ ކުރުމާއި، ހޯދުމާ މިކަންކަން އިތުރުވަމުން ދިޔަހެން، އަޅުގަނޑުމެންގެ ތެރޭގައި ޢިލްމުވެރިކަން އިތުރުވަމުން ދިޔަދިޔަހެން އާބަސްތައް ތަޢާރުފުވެގެންދާނެ. އެއްވެސް ޝައްކެއްނެތް، އެބަސްތައް ޤުދްރަތީގޮތުން ބަހުގެ ތެރެއަށް ތަޢާރުފުވެ، އޭގެތެރެއިން ބައެއް ބަސް އަޅުގަނޑުމެންގެ ތެރޭގައި ހަރުލައި ބަހުގެ ބަޔަކަށް ވެގެންދާނެ.

މިފަދަ މުހިންމު ފޮތެއް ތައްޔާރު ކުރެއްވުމުން އަޅުގަނޑުމެންގެ ޅަދަރިންނަށް ހަމަގައިމުވެސް ބަލާލެވޭނެ ބަހުގައި މިހާރު ބޭނުންކުރާ ބަސްތަކެއް އެބަހުރިތޯ ނުވަތަ ނޫންތޯ ފުރަތަމަ. އަދި ބަސް ކިޔަވައިދެއްވުމުގައި މުދައްރިސުންނަށްވެސް މިދެންނެވި ފުރަތަމަ ދިރާސާ ކުރައްވައި ޢާންމުކޮށް ބޭނުންކުރާ ބަހެއް ނޫނީވިއްޔާ އަދި މިހާރު މާ ބޭނުން ނުކުރިޔަސް ދިވެހިބަހުގައި ބޭނުންކުރަމުން އައިސްފައިވާ ބަހެއް އޮތްކަމަށްވާނަމަ އެ ބަސް ފުރަތަމަ ބޭނުން ކުރެވޭތޯ ބެލުން. އެއީ، އަޅުގަނޑު ދެކޭގޮތުގައި ބަސް ދެމެހެއްޓުމަށްޓަކައި މުހިންމު ކަމެއް.

އަޅުގަނޑު އުންމީދު ކުރަން މިއަދު މިނެރެވޭ ދިވެހިބަސްފޮތަކީ، ދިވެހިބަސް ކިޔަވައި ދިނުމަށް ޚާއްޞަކޮށް ވަރަށް ފުޅާ ދާއިރާއެއްގައި ހުރިހާ ސްކޫލްތަކެއްގައިވެސް، ހުރިހާ ކޮލެޖްތަކެއްގައިވެސް، ޔުނިވަރސިޓީގައިވެސް، ފުޅާކޮށް ބޭނުން ކުރެވޭ ރެފްރެންސް ފޮތަކަށްވާނެކަމަށް. އަދި ހުރިހާ މުދައްރިސުންނާއި ހުރިހާ ޓީޗަރުންނަށްވެސް ކުޑަ އަގަކަށް ލިބެން ހުންނަ ފޮތަކަށް ވާނެކަމަށް.

އާދެ! ކުރިން ދެންނެވިހެން ބަހަކީ، އަބަދު ބަދަލުވަމުން އަންނަ އެއްޗެއް. މި ބަސްފޮތަކީވެސް ވަރަށްދިގު މުއްދަތެއްގައި ބަދަލުވަމުން އައިސްފައިވާ ފޮތެއް. އެހެންވީމާ، ބަސްފޮތް އޮންނަންވާނީވެސް ދިރޭ އެއްޗެއްގެ ގޮތުގައި. އަޅުގަނޑު މިދަންނަވާ އެއްޗަކީ، ކުރިން ޑޮކްޓަރ ޙަސަން ޙަމީދު އިޝާރާތް ކުރެއްވިހެން މިހާރު ފޮތްވެސް މި ހުންނަނީ ޑިޖިޓަލް ފޮތުގެ ގޮތުގައި. ހުރިހާ އަސްލުތައް މި ތައްޔާރު ކުރެވުނީ ޑިޖިޓަލް ފޮތުގެ ގޮތުގައި. ޑިޖިޓަލް ފޮތަކީ ފަސޭހައިން ބަދަލު ކުރެވޭ ގޮތަށް ހުންނަ ފޮތްފޮތް، ކޮމްޕިއުޓަރައިޒް ކުރެވިފައި މި ހުންނަނީ. އެހެންވީމާ އަޅުގަނޑުގެ އުންމީދަކީވެސް، ދިވެހި ބަސްފޮތްވެސް ދިރޭ އެއްޗެއްގެ ގޮތުގައި އޮންނާނެކަމަށް. އަދި ދޭތެރެދޭތެރެއިން މީގެ ތަފާތު ޗާޕްތައް ނެރުއްވާނެކަމަށް. ދިވެހިބަސް ކޮމިޓީގެ މަސައްކަތް މިހާ ހިސާބަކުން ނިމުނީކީނޫން. އަޅުގަނޑު އުންމީދު ކުރަން މިހޯއްދެވި ވަރުގަދަ ކާމިޔާބީއަށްފަހުގައި އަނެއްކާވެސް ބަސްކޮމިޓީގެ މަސައްކަތް ހަމަ ވަރަށް ފޯރިއާއެކީގައި ތިޔަބޭފުޅުން ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް.

އާދެ! ޝައްކެއްނެތް، ދިވެހި ކިޔަވާ ކުދިންނަށާއި، ދިވެހި މުދައްރިސުންނަށާއި އަދި ޚާއްޞަކޮށް ދިރާސާކުރާ ފަރާތްތަކަށް މިއަދު ތޔަ ދެއްވީ ވަރަށްބޮޑު ހަދިޔާއެއް. އަދިވެސް އެއްފަހަރު މިފަދަ ބޮޑު މަސައްކަތެއް ކޮށްދެއްވި ކަމަށްޓަކައި އަދި މިފޮތް މިހާ ހިސާބަށް ގެނެސް ދެއްވައި ޝާއިޢު ކޮށްދެއްވި ކަމަށްޓަކައި ބަސްކޮމިޓީއަށާއި، ޔުނިވަރސިޓީއަށް، އަޅުގަނޑު، ސަރުކާރުގެ ނަމުގަޔާއި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ ދިވެހި ބަސް ކުރިއަރުވައި ދެއްވައި ދިވެހިބަސް މުއްސަނދިކޮށްދެއްވުން. ދިވެހިންނަކީ ބަލާޣާތްތެރި، ބަސްމޮށުންތެރި ބަޔަކު ކަމުގައި ލައްވައި، ދިވެހިންގެ ވިސްނުން މަތި ކުރެއްވުން. ކުދިންނަކީ ވިސްނުން ތޫނު، ކުޅަދާނަ ބަޔަކުކަމުގައި ލެއްވުން.

والحمـد لِلّـه ربّ العـالمـين.

والســّلام عليــكم