ޕެރޫ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހާވިޔެރ ޕޮލިނިޗް، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޕެރޫގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ޕެރޫ އާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މީގެއިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަށް ޙައްލެއް ހޯއްދެވުމަށާއި، މިކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް، ޕެރޫގެ ސަރުކާރުން ފާހަގަކުރައްވާކަމަށް ޕެރޫ ސަފީރު ވިދާޅުވިއެވެ. އަދި މިކަންކަމުގައި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.