ރާއްޖޭގެ ރައްޔިތުންނަށް މިހާރަށްވުރެ ލާހިކު ގޮތެއްގައި ގެދޮރު އެޅުމަށްޓަކައި ލޯނު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ރާއްޖޭގެ ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށާއި، ރާއްޖޭގެ ބޭންކިންގ ސެކްޓަރަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވައިލެއްވީ، "އޭސް ހާޑްވެއަރ އެންޑް ހޯމް ސެންޓަރ"ގެ ފިހާރައެއް ރާއްޖޭގައި ހުޅުވުމަށް މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، މާލޭގެ ބިމުގެ އަގާއި މޯގޭޖް ރޭޓް ބޮޑުވުމުގެ ސަބަބުން، ބިމުގެ ވެރިފަރާތްތަކަށް އެބިންތަކުގައި ޢިމާރާތް ނުކުރެވިފައި ތިބެން ޖެހުމަކީ، ޤައުމުގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ.

ޓްރޭޑަރޒް ހޮޓެލްގައި އޮތް މި ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައި، ކުންފުނިތަކަށް ކުރިއަށް ދެވޭނީ، އެ ކުންފުނިތަކަށް އިޤްތިޞާދީގޮތުން ކުރިއެރޭނެ މަގުފަހިވެގެންކަން ފާހަގަކުރެއްވިއެވެ. އަދި މިކަމަށްޓަކައި، އަމިއްލަ ފަރުދުންނަށާއި ކުދި ކުންފުނިތަކަށް ލޯނު ލިބޭނެ ގޮތް ފަހިވާންޖެހޭ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަމިއްލަ ފަރުދުން ޢިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމަށްޓަކައި އެފަރާތްތަކަށް ސަރުކާރުން ގެރެންޓީއާއެކު ލޯނު ލިބޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސެވުމަށް ކެބިނެޓުން މިހާރުވަނީ ނިންމަވާފައި ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އޭސް ހާޑްވެއަރގެ ފިހާރައެއް ރާއްޖޭގައި ހުޅުވުމަކީ، ރާއްޖޭގެ އިޤްތިޞާދާއި ރާއްޖެއާ ދޭތެރޭގައި ބޭރުގެ ކުންފުނިތަކުން އުފެދިފައިވާ އިތުބާރު ހާމަވެގެންދާ ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިގޮތަށް ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމުން ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އައިސް، ރާއްޖެއަށް ޢުމްރާނީ ތަރައްޤީ ގެނެސްދޭނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އޭސް ހާޑްވެއަރ ކޯޕަރޭޝަނަކީ، ދުނިޔޭގެ އެކި ޤައުމުތަކުގައި އެކުންފުނީގެ ފިހާރަތައް ހުޅުވާފައިވާ އެމެރިކާގެ ކުންފުންޏެކެވެ. ރާއްޖޭގައި މިކުންފުނީގެ ފިހާރައެއް މިހުޅުވީ، ރާއްޖޭގެ ވިޔަފާރި ކުންފުންޏެއް ކަމަށްވާ ކޯ ލޯޑާ ގުޅިގެންނެވެ.