އިސްލާމްދީން ހިމާޔަތް ކުރުމުގެ ގޮތުން ބަޔަކު އަޑު އުފުލާއިރު، އުފުލޭ ޙަޤީޤީ އަޑަކީ، ރަޖަމުކުރުން، އަތްކެނޑުން، ޤަތުލުކުރުން ފަދަ ބޮޑެތި ޙުކުމްތައް ހިންގުމާ ގުޅޭގޮތުން އެމީހުން އުފުލާ އަޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިފަދަ ބައެއް ޙުކުމްތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރަޖަމުކުރުން، އަތްކެނޑުން، ޤަތުލުކުރުންފަދަ ބޮޑެތި ޙުކުމްތަކަށް ދައުލަތުން އަބަދުވެސް ހުރީ، ހަމަ އެހިނދުން ހިނދަށް މަޢާފު ދެވިފައެވެ. އެހެންނަމަވެސް، ޙައްދު ޖެހުމުގައި ދައުލަތުން މިހާތަނަށް ޢަމަލުކުރަމުން މިއަންނަނީކީއެއް މިދެންނެވި މަގަކުންނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މީގެކުރީގައި އަޅުގަނޑުމެން ޢަމަލު ނުކުރާ ގޮތަކަށް މިހާރު ޢަމަލުކުރާން ފެށުމަށް މުޖުތަމަޢުގެ ތެރޭގައި އަޑު އުފުލަމުން އެބަ އަންނަ ކަމުގައި ވިދާޅުވިއެވެ. އިސްލާމްދީން ހިމާޔަތް ކުރުމުގެ ގޮތުން ބަޔަކު އަޑު އުފުލާއިރު، އުފުލޭ ޙަޤީޤީ އަޑަކީ، މި ޙުކުމްތައް ހިންގުމާ ގުޅޭގޮތުން އެމީހުން އުފުލާ އަޑު ކަމަށާއި، އެހެންކަމުން، މިއަދާ ހަމައަށް އަޅުގަނޑުމެން ޢަމަލުކުރަމުން މިއައި ގޮތްތައް އެއީތޯ، ރަނގަޅު ގޮތްތަކަކީ ނުވަތަ މިހާރު އަޑު އިވެމުން މިއަންނަ ގޮތްތައްތޯ ރަނގަޅު ގޮތަކީ، އެއީ މިވަގުތު އަޅުގަނޑުމެން ނިންމާން ޖެހިފައި އޮތް ނިންމުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ދިވެހިރާއްޖޭގައި ދީނީ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ޢަމަލުކުރާނީ، ދީނީ ދަންނަ ބޭކަލުންގެ ހެޔޮލަފާ ނަސޭހަތުގެ މައްޗަށް ބިނާވެގެންކަން އެއީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ނިންމާފައި އޮތް އެއް ނިންމުން ކަމާއި، މިއަދާ ހަމައަށްވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ޢަމަލު ކުރައްވަމުން ގެންދަވަން ބޭނުންފުޅުވަނީ މިދެންނެވި ޢުޞޫލުންކަން ހާމަކުރެއްވިއެވެ. އެހެންނަމަވެސް، ޤާނޫނުލްޢުޤޫބާތުގައި މި މާއްދާތައް ކަނޑައަޅަންވީ ގޮތް އެބަ އެނގެންޖެހޭ ކަމަށާއި، އެގޮތުގެ މަތިން އެ މާއްދާތައް ކަނޑައަޅައި ޤާނޫނުލްޢުޤޫބާތް އެބަ ނިންމާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މަސްއޫލިއްޔަތު އަދާކުރަން މިވަގުތު ޖެހިފައި މިވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެ މަޖިލީހަކީ، މި މަސްއޫލިއްޔަތު އަދާކުރުމުގައި ވަރަށް ތަޞައްރުފު ފުދިފައިވާ މަޖިލީހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، އެ މަޖިލީހުން މިކަން އަވަހަށް ނިންމެވުމަށާއި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކަށް، ޔަޤީންކަމާއި އަމާންކަމާއި އުފާވެރިކަން އެބަ ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިފެށޭ ރައްޔިތުންގެ މަޖިލީހުގެ އާދައުރުގައި ޤާނޫނުލްޢުޤޫބާތު ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ސުލްހަވެރި އެއްވުމަކަށް ނުކުތުމަށް ނިންމާފައި މިވަނީ، މިދެންނެވި ކަންކަމުގައި، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ފަށައިގެން ހިނގަމުން އައި ގޮތާއި، އަދި އެގޮތް އެއީ، ރަނގަޅު ގޮތް ނޫންކަމަށް އަޑު އުފުލަމުން އަންނަ ގޮތާ، މިދެގޮތުގެ ފަރަޤު ދިވެހިންނަށް ސާފު ކޮށްދިނުމަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނުލްޢުޤޫބާތު އިސްލާހުވެގެން ނިމިގެން އަންނައިރުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީންވެސް، ޑީ.އާރު.ޕީ.އިންވެސް، ޕީ.ޕީ.އެމް.އިންވެސް، ޖުމްހޫރީ ޕާޓީންވެސް އަދި އެހެން ޕާޓީތަކުންވެސް އެބޭފުޅުން މިކަމުގައި ގަބޫލުކުރައްވާ ގޮތަކީ ކޮބައިތޯއާއި، އެބޭފުޅުންގެ ފިކުރަކީ ކޮބައިތޯ، ރާއްޖޭގެ ރައްޔިތުންނަށް ސާފުކޮށްދެއްވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.