ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އޭ.އީ.ގެ އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރުފަހު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، "ޒައިދް ފިއުޗަރ އެނަރޖީ ޕްރައިޒް" މިއަހަރު ޙާޞިލްކުރާނެ ފަރާތްތައް ކަނޑައެޅުއްވުމަށް ބޭއްވެވި ފަނޑިޔާރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އަބޫދާބީގެ ސަރުކާރުން ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށްފަހު، "ގާ ކޮށްޓަށް" ވަޑައިގެން، އެތަނުގައި އަލަށް ޢިމާރާތްކުރެވޭ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވިއެވެ. އަދި ގާކޮށި ބިމުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ދަތުރުފުޅާބެހޭ ގޮތުންނާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢޫލޫމާތު ދެއްވިއެވެ.