އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ބާރުއަޅުއްވައި، އެކަމަށް ހިތްވަރުދެއްވުމުގެ ގޮތުން ކޮންމެ އަހަރަކު ދޭ "ޒައިދް ފިއުޗަރ އެނަރޖީ ޕްރައިޒް" މިއަހަރު ޙާސިލްކުރާނެ ފަރާތްތައް ކަނަޑައެޅުއްވުމަށް ބާއްވަވާ ފަނޑިޔާރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫ.އޭ.އީގެ އަބޫދާބީއަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ.

މިދަތުރުފުޅު ފެށްޓެވުމުގެ ކުރިން، ރަސްމީ ފާލަމުގައި ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، މިދަތުރުފުޅާ ބެހޭގޮތުންނާއި، އަބޫދާބީގެ ޒައިދް ފިއުޗަރ އެނަރޖީ ޕްރައިޒްގެ ފަންޑުން ރާއްޖެއަށް ލިބެމުންދާ އެހީތަކާ ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ. މިގޮތުން، އަބޫދާބީ ފަންޑުގެ އެހީގައި ރާއްޖޭގައި ފަށާފައިވާ ޓެލެމެޑިސިންގެ މަޝްރޫޢު މިހާރު ނިމެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މަގުތައް ތަރައްޤީކުރުމަށްޓަކައި އެފަންޑުން ލޯނެއް ދެއްވުމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.