ސިއެރޯގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ޚެތްރަޕަލް އަދި ޑަބްލިޔޫ.އެޗް.އޯ.ގެ ރެޕްރެޒެންޓެޓިވް އަކްޖެމަލް މަގްޓިމޮވާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށާއި އަދި ޞިއްޙީ ދާއިރާއިން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި، މިކަންކަމާ ގުޅޭގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި، މި މައްސަލަތަކުގައި ޑަބްލިޔޫ.އެޗް.އޯ.އިން ފޯރުއްވައިދެއްވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 
މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޢާންމު ޞިއްޙަތުގެ ދާއިރާއިން ރާއްޖެއަށް ވަރަށްގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޢާންމު ޞިއްޙަތާ ގުޅުންހުރި ޗައިލްޑް ނިއުޓްރިޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ސިއެރޯގެ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރ ޑޮކްޓަރ ޕޫނަމް ޚެތްރަޕަލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ޙާލަތު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކަށް ބައްލަވާލެއްވިއެވެ. އަދި ޞިއްޙީ ދާއިރާއިން ރާއްޖެއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑަބްލިޔޫ.އެޗް.އޯ.ގެ ފަރާތުން ތައްޔާރަށް އޮތް ކަމުގެ ޔަޤީންކަން އެކަމަނާ ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.