އ.ދ.ގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޓީމްގެ މެމްބަރުންނާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު އ.ދ. ބިލްޑިންގައި އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށް އ.ދ.އިން، މެދުކެނޑުމެއްނެތި ލިބެމުންދާ އެހީތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއަށް ހުރިހާ ދާއިރާތަކަކުންވެސް ތަރައްޤީ ގެނައުމަށްޓަކައި، އ.ދ.އާއެކު އޮންނަ ގުޅުން ދެމެހެއްޓުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ، އ.ދ.ގެ ފަރާތުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތައް، ޢާންމުން ވަރަށް ބޮޑަށް ދެނެގަނެ، ބަލައިގަންނަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހާއި، ރާއްޖެއަށް އެކި ގޮތްގޮތުން މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއާ އ.ދ. ގެ ބޭފުޅުން ޙިއްޞާ ކުރެއްވިއެވެ.

އ.ދ.ގެ ޓީމުން ދެއްކެވި ވާހަކައިގައި، ރާއްޖެ ތަރައްޤީވުމަށް ބޭނުންވާ ދާއިރާތަކަކީ ކޮބައިތޯ ދިރާސާ ކުރެއްވުމާއި، އެދާއިރާތައް ތަރައްޤީ ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވައިލެއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، އ.ދ. ގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ، ރައީސުލްޖުމްހޫރިއްޔާ ސަލާމް ކުރައްވައި، ވަޒީފާ އަދާކުރެއްވުމުގެ ކަންކަމާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.