މިދިޔަ ހަފްތާގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓަކީ، އެ އަހަރަކީ ޑިޔުޓީ ފްރީ އަހަރަކަށް ހަދައިދޭނެ ބަޖެޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، އަންނަ އަހަރަށް ހުށަހަޅުއްވާފައިވާ ބަޖެޓުން އެމަނިކުފާނަށް ފާހަގަކުރެއްވޭ ނުކުތާތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ.

މިފަހަރު ހުށަހެޅިފައިމިވާ ބަޖެޓަކީ، ރާއްޖެއަށް ތަރައްޤީގެ މަގުގައި ވަރަށް ފުރިހަމަ ފުރްޞަތުތަކެއް ލިބިދާނެ ބަޖެޓެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރާއްޖެ އެތެރެކުރާ މުދަލުގެ ބައެއް ބާވަތްތަކުން ޑިއުޓީ ނުނެންގެވުމަށް ހަމަޖެއްސެވުމާ ގުޅިގެން، ބާޒާރުގައި ތަކެތީގެ އަގު ހެޔޮވެދާނެ ކަމަށް، ކަމާބެހޭ މާހިރުން ވިދާޅުވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޑިއުޓީ ނުނެންގެވުމަށް ހަމަޖެއްސެވި ބައެއް ބާވަތުގެ ތަކެތިން ޖީ.އެސް.ޓީ.ވެސް ނުނެންގެވުމަށް ކަނޑައަޅުއްވާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ކުރިއެރުން ލިބި، އިޖްތިމާޢީ އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިފަހަރުގެ ބަޖެޓްގައި، ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި ކޮމާޝަލް ބޭންކްތަކުން ޢާންމު ބޭންކްތަކަށް ސަރުކާރުގެ ޓްރެޜަރީ ބިލް ވިއްކައިގެން ފައިސާ ހޯދާ މިންވަރު ވަރަށްބޮޑަށް ކުޑަކުރެވިފައިވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން، ލޯނުގެ ގޮތުގައި ދޫކުރާނެ ފައިސާ ބޭންކްތަކުގައި އިތުރުވެގެންދާނެ ކަމަށާއި، ބޭންކްތަކުން ލޯނު ދޫކުރާ ޢަދަދުވެސް، އިތުރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ޢާންމު ވިޔަފާރި ފުޅާވެގެންދާނެ ކަމަށާއި، ވިޔަފާރި ކުރިއަރައިދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ޤައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ޞިނާޢަތުން ޙިއްޞާކުރާ މިންވަރު، އަހަރަކަށްވުރެ އަހަރެއް ދަށަށް ދަމުން އައިސްފައިވީނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުގެ ސަބަބުން 2012 ވަނަ އަހަރު މަސްވެރިކަމުގެ ޞިނާޢަތް، ރާއްޖޭގެ އުފެއްދުންތެރިކަމުގައި ޙިއްޞާވާ މިންވަރު އިތުރުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބަޖެޓަކީ އިޤްތިޞާދު ކުރިއެރުމަށްޓަކައި ލިބޭން އޮތް އެންމެ ރަނގަޅު ވަސީލަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ބަޖެޓްގެ ކަންތައްތައް ވީހާވެސް އޮމާންކަމާއެކުގައި އަވަހަށް ނިންމަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ރޭޑިޔޯ ޚިޠާބު ނިންމަވާލައްވަމުން، ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވިއެވެ. އަދި ޤައުމީ ޓީމު މިއަދު ނޭޕާލާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުންނާއި، މުޅި މުބާރާތުންވެސް ދިވެހި ޓީމަށް ކާމިޔާބު ދެއްވުން އެދިވަޑައިގެން ދުޢާ ދެންނެވިއެވެ.