މިދިޔަ ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 13 ވަނަ ޖަލްސާއިން ފާސްކުރެއްވި ޤާނޫނު ނަންބަރު 79/31 [ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު] އަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ. މި ޤާނޫނަށް ޢަމަލު ކުރައްވަން ފަށްޓަވާނީ، މިއަދުން ފެށިގެންނެވެ.

މި ޤާނޫނަށް ގެންނެވި އިޞްލާޙުގައިވާ ގޮތުން، ދިވެހިރާއްޖޭގައި އުފެދޭ އަދި އުފައްދާ ތަކެތި އެކްސްޕޯޓް ކުރުމާއި، ރާއްޖެއަށް އިމްޕޯޓް ކުރުމާއި، ރީއެކްސްޕޯޓް ކުރުމާއި، މިއިން ކަމެއް ރާއްޖޭގައި ހިންގަންވާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންނެވެ. އަދި މި ޤާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށާއި ހިންގުމަށް ހަދަންޖެހޭ ގަވާއިދުތައް ހައްދަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް މިގެންނެވި އިޞްލާޙުގައި، ގެދޮރު ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތިންނާއި، ތިމާވެށްޓާ ރައްޓެހި ތަކެތިންނާއި، ގަހު ކާނާގެ އެންމެހާ ބާވަތްތަކުންނާއި، އިޢާދަކުރަނިވި ހަކަތައިން ހިންގާ މެޝިންފަދަ ތަކެތިންވަނީ ޑިއުޓީ މާފުކޮށްދެއްވާފައެވެ. އަދި ކާބޯތަކެތީގެ ބާވަތްތަކުން ވަނީ ޑިއުޓީ މާފްކޮށްދެއްވާފައެވެ. އެހެން ނަމަވެސް، ރާއްޖެއިން ލިބެންހުރި ކާބޯތަކެތީގެ ބާވަތެއް ރާއްޖެއަށް އެތެރެކުރާނަމަ، އެތަކެތިން ނަންގަވާ ޑިއުޓީ ވަނީ ބޮޑުކުރައްވާފައެވެ. މީގެއިތުރުން، ތިމާވެށްޓަށް ގެއްލުން ލިބޭ ތަކެތިންނާއި، ޞިއްޙަތަށް ގެއްލުން ލިބޭ ތަކެތިންވެސް ޑިއުޓީ ވަނީ ބޮޑުކުރައްވާފައެވެ. ޞިއްޙަތަށް ގެއްލުން ލިބޭ ތަކެތީގެ ގޮތުގައި ބައްލަވާފައިވަނީ، ދުންފަތާއި ދުންފަތް އެކުލެވޭ ބާވަތްތަކެވެ.