އައްޑޫސިޓީގެ އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިމެނޭ ސަރަޙައްދާއި، ހަންކެޑެ ސަރަޙައްދަކީ، މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ކަރުދާސް، އެމިނިސްޓްރީން ހުށަހެޅުއްވީ، މި ދެސަރަޙައްދަކީ މީހުން ދިރިނޫޅޭ ފަޅު ދެ ސަރަޙައްދުގެ ގޮތުގައި ކަނޑައެޅުއްވުމަށް، އައްޑޫސިޓީ ކައުންސިލުން ޤަރާރެއް ފާސްކުރައްވައި، އެ މިނިސްޓްރީއަށް ފޮނުއްވުމާ ގުޅިގެންނެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، އީކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރ ހިމެނޭ ސަރަޙައްދުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި ހަންކެޑެ، ރިޒޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ދޫކުރެއްވުމަށް ހަމަޖެއްސެވުމާ ގުޅިގެން، ސިންގަޕޯރ ކްރެސެންޑަރސް ގްރޫޕްގެ ފަރާތުން އެމަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.