بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިއަދުގެ މިކުޑަކުދިންގެ ހަވީރު ރާއްވަވައިދެއްވި ކަމަށްޓަކައި އަޅުގަނޑު ފުރަތަމައިނުންވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން މިފުރުސަތުގައި އެއްޗެއް ދެންނެވުމުގެ ނަސީބު އަޅުގަނޑަށް ދެއްވިކަމަށްޓަކައިވެސް އަޅުގަނޑު ވަރަށް އުފާކޮށް އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! ކުޑަކުދިންނަށް ކުރާ އަނިޔާތަކުން އެކުދިން ސަލާމަތް ކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ވަކި ދުވަހެއް ކަނޑައެޅި އެދުވަސް ފާހަގަކުރަމުންދާއިރު، މިއަދު ރާއްޖޭގައިވެސް ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އިސްނަންގަވައިގެން މިކަން ކުރައްވާކަމީ އެއީ، ވަރަށް މުހިންމު ކަމެއް. އެކަމަށްޓަކައި އަޅުގަނޑު މިދެންނެވިހެން އަޅުގަނޑުގެ އިތުރުން ހަމަ ހުރިހާ ބެލެނިވެރިންވެސް އަދި ޢާންމުކޮށް ހުރިހާ އެންމެންވެސް ޝުކުރު ކުރާނެހެން.

މިއަދަކީ މިއީ ހަމަ މިކަމާ ދޭތެރޭގައި ފިކުރުކޮށް ވިސްނާލަން ހަމަ އެންމެ ރަނގަޅު އެއް ދުވަސް. އަޅުގަނޑުމެންގެ ތެރޭގައިވެސް އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އެބަހުރި ކުޑަކުދިންނާ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި. އެގޮތުން އެނގިވަޑައިގަންނަވާނެ ފަދައިން ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް ގެ ނަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ހެދިފައިވާ މުޢާހަދާއެއް އެބައޮވޭ، ކޮންވެންޝަނެއް. މި ކޮންވެންޝަންގައިވަނީ ދުނިޔޭގެ ގާތްގަނޑަކަށް ހަމަ ހުރިހާ ޤައުމުތަކެއްހެން މިހާރު ސޮއިކޮށް ނިމިފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެންމެ ޤައުމެއް ދެޤައުމެއް ނޫނީ މިހާރު ހުރިހާ ޤައުމުތަކެއްހެން ސޮއިކޮށް ނިމިފައިއޮތީ. ހަމައެހެން ރާއްޖެވަނީ އެކޮންވެންޝަންގައި ސޮއިކޮށްފައި. އަދި ރާއްޖޭގައިވެސް ވަރަށް ކުރީއްސުރެ ފަށައިގެން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއްވަނީ އެކުލަވާލެވިފައި.

ދެން މިދެންނެވި ޤާނޫނުތަކުގެ މައްޗަށް ބިނާކޮށް، އެޤާނޫނުތަކުގައި ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެއީ، ކޮންކަންތައްތަކެއްތޯ ބޮޑަށް މައިންބަފައިންނަށާއި ސްކޫލް ޓީޗަރުންނަށާއި އަދި ޢާންމު ރައްޔިތުންނަށް ފުރިހަމައަށް އެނގުމަކީ އެއީ، ވަރަށް މުހިންމު ކަމެއް. ތުއްތު ކުއްޖަކު އޭނާގެ ޢުމުރު ކުޑަވުމަކުން އެ ޙައްޤުތަކަކުން މަޙްރޫމްވެގެނެއް ނުދޭ. އަދި ޚާއްޞަ ޙައްޤުތަކެއް އެކުދިންނަށް އެބަލިބިދޭ. ޙައްޤުތަކެއް ލިބިދިނުމަކީ، އެޙައްޤުތައް ރައްކާތެރި ކުރުމުގެ ޒިންމާ އަދި މަސްއޫލިއްޔަތު އެހެން މީހުންގެ ކޮނޑުގައި އެޅޭ ކަމެއް. އެގޮތުން ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށްދީ، އެޙައްޤުތައް ކުޑަކުދިންނަށް ލިބިދިނުމުގެ ޒިންމާ މިއެޅެނީ ބޮޑެތި މީހުންގެ އިސްތަށިފުޅުގައި. ސަރުކާރުގެ ފަރާތުގައި، އަދި އެހެނިހެންވެސް ޖަމާޢަތްތަކުގެ މަސްއޫލިއްޔަތުކަމަށްވާނީ.

ވީމާ އަޅުގަނޑަށް ހީވަނީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭހެން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކާ ދޭތެރޭގައި ވިސްނަން. ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ބޮޑުވުމަށްޓަކައި ދޭންޖެހޭ އެހީތެރިކަން ދިނުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް ލާޒިމުކުރާ ކަމެއް. ޤާނޫނީގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ޤައުމީ ފެންވަރުގައިވިޔަސް ލާޒިމުކުރާކަމެއް ކުޑަކުދިންނަށް ދޭންޖެހޭ ޙިމާޔަތްދީ ރައްކާތެރިކަންދީ އެކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި އެކުދިން ބޮޑެތި ކުރުމަށްޓަކައި ދޭންޖެހޭ އެހީ، އެކިގޮތްގޮތުން ދެންމެ އެވިދާޅުވިހެން ތަޢްލީމީ ގޮތުންނާއި، ޞިއްޙީ ގޮތުންނާއި، ކާބޯތަކެތީގެ ގޮތުންނާއި، އަޅާލުމުގެ ގޮތުންނާ މިހުރިހާ ގޮތަކުން އެކުދިންނަށް ދިނުމަކީ، އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް.

އަޅުގަނޑު އަހަމު ކުޑަކުއްޖަކު އުފަންވުމަކީ އެއީ، އަޅުގަނޑުމެންގެ މިދުނިޔެއާ ދޭތެރޭގައި ކުޑަކުއްޖަކު އުފަންވާ ކޮންމެ ފަހަރަކު އެއީ، ﷲ ސުބްހާނަހޫ ވަޠަޢާލާ އަޅުގަނޑުމެންނަށް ދެއްވާ ރިޒްޤެކޭ. އުންމީދެކޭ. އަޅުގަނޑުމެންނަށް މިދުނިޔެ ރަނގަޅު ގޮތެއްގައި ކުރިއަށް ގެންދެވިދާނެ ކަމަށް ދެއްވާ ޔަޤީންކަމެކޭ. އެހެންވީމާ، ކުޑަކުދިން މިވަނީ ވަރަށް މުހިންމު ބަޔަކަށް. އެއީ، މުސްތަޤްބަލް ބިނާކުރެވެން އަންނަނީ، ޤައުމީ ފެންވަރެއްގައިވެސް އަދި ދުނިޔޭގެ ފެންވަރުގައިވެސް ބައްޓަން ކުރެވެން އަންނަނީ، ކުޑަކުދިންނަށް އަޅުގަނޑުމެން އަޅާލެވުނު ވަރަކުން. ކުޑަކުދިން ތަރުބިއްޔަތު ކުރުމަށްޓަކައި އަޅުގަނޑުމެން ކުރި މަސައްކަތަކުން، ކުރި އިންވެސްޓްމަންޓަކުން. އެހެންވީމާ، ކުޑަކުދިންނާ ދޭތެރޭގައި ޚާއްޞަ ސަމާލުކަމެއް ބެހެއްޓުން އަޅުގަނޑުމެންނަށް މިވާޖިބުވަނީ.

ކުރިން ދެންނެވިހެން މިއީކީ އަޅުގަނޑުމެން ހަމަ އަޅުގަނޑުމެން ކުރާހިތްވީމަ ކޮންމެހެން ކޮށްލާފައި ކުރެވުނު ހަކުއް ކޮށްފައި ނުކުރެވުނު މީހަކު ނުކޮށް ދޫކޮށްލަންޖެހޭ ކަހަލަ ކަމެއް ނޫން. ކުޑަކުދިންނާ ދޭތެރޭގައި އަޅާލުމަކީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ އެއީ. ޤާނޫނީ ވާޖިބެއް. އެކަން އަޅުގަނޑުމެން އެބަޖެހޭ ހުރިހާ އެންމެން ދެނެގަންނަން. އަދި އެ ޙައްޤުތަކަކީ ކޮބައިކަން އެބަޖެހޭ ވަރަށް ރަނގަޅަށް ދަސްކުރަން.

ދެން ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ހިންގަވަމުން ގެންދަވާ ކެމްޕެއިންގެ ޝިޢާރު އަޅުގަނޑުމެންނަށް ފެންނަން މިއޮތީ. "ކޮންމެ އިޙްމާލަކީ އަނިޔާއެކޭ." ތެދެއް، ކަނޑައެޅިގެން ގަސްދުގައި ކުޑަކުދިންނަށް އިޙްމާލުވުމަކީ އެއީ، އަނިޔާއެއް. މިސާލަކަށް ދަންނަވަނީނަމަ ކުދިންނަށް ދޭންޖެހޭ ކާބޯތަކެތި ނުދީ، ކާންނުދީ ބެހެއްޓުން. ނޫނީވިއްޔާ އެކުދިންނަށް ލިބެންޖެހޭ ތަޢްލީމު ނުދީ ތަޢްލީމުން މަޙްރޫމް ކުރުން. ނޫނީވިއްޔާ އެކުދިން ބަލިތަކުން ސަލާމަތް ކުރުމަށްޓަކައި ދޭންޖެހޭ ވެކްސިން ނުދިނުން. މިއިން ކޮންމެ ކަމަކީ އެއީ، ކުޑަކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ބެލޭނީ. ކުރިން ދެންނެވިހެން އެހުރިހާ ކަންކަމަކީވެސް އެކުދިންގެ ޙައްޤުތަކާ ގުޅިފައިވާ ކަންތައްތައް. އެ އިޙްމާލު ކުރެވެނީ އެކުޑަކުދިންގެ ޙައްޤުތަކަށް.

ކުޑަކުދިންނަށް ލިބޭ އަނިޔާތައް، ކުޑަކުދިންނަށް ކުރާ އަނިޔާތައް މިމައުޟޫއާ ބެހޭގޮތުން ވަރަށް ދިގުކޮށް އެކިމުނާސަބަތުތަކުގައި ވާހަކަ ދެކެވެމުންދޭ. މިކަމުން ކުޑަކުދިން ސަލާމަތް ކުރުމަށްޓަކައި ކުޑަކުދިންނަށް އަޅުގަނޑުމެން އެބަޖެހޭ ވަކިގޮތްގޮތަށް ހަވާލުވެފައި ބަހައްޓަން. ޚާއްޞަ ގޮތެއްގައި މައިންބަފައިން، ކުޑަކުދިންނަށް މުޢާމަލާތު ކުރާ ގޮތް އެއީ، ވަރަށް މުހިންމު ކަމެއް. ހުރިހާ މައުޟޫއެއްގައިވެސް ކުޑަކުދިންނާ އެކި ވާހަކަ ދެކެވުން އެއީ، ވަރަށް މުހިންމު ކަމެއް. ކުޑަކުދިންނާއެކީގައި ޢާންމު ގޮތެއްގައި އެކުދިންނަށް މީހުންގެ ފަރާތުން ލިބޭނެ ގެއްލުމާ ބެހޭގޮތުން ވަރަށް ގިނަމީހުންނަށް ނޭނގޭނެ ވާހަކަ ދައްކާކަށް. އެހެންވެ، އެކަމަށްޓަކައި އެބަޖެހޭ ކޮންމެވެސް ކަހަލަ އެހީތެރިކަމެއްވެސް އޮވެދާނެ، ޓްރޭނިންގގެ ގޮތުން ނަމަވެސް މައިންބަފައިންނަށް. ކޮންމެއަކަސް ކުދިންނާ ވާހަކަދައްކާނެ ގޮތް، ކުދިންނަށް މީހަކު ގޯނާއެއް ކޮށްފާނެތީ، އެ ގޯނާއެއް ކުރީމާ އެކަމާބެހޭގޮތުން ކިހިނެއްތޯ ކުޑަކުދިންވެސް ޢަމަލު ކުރަންވީ. އަދި ބޮޑެތި މީހުން އެވާހަކަ ކޮންމެވެސް ވަރަކަށް ދެކެވިގެން ކުޑަކުދިންނަށް ޔަޤީންކަން ލިބޭނީ ތިމަންނަމެންނަށް އެހީތެރިކަން ދޭނެކަން ބޮޑެތިމީހުން. މިކަހަލަ ކަމެއް ދިމާވުމުން އެވާހަކަ ދެއްކީމާ. އެވާހަކަ ނުދައްކާ ފޮރުވައިގެން ހުރުމަށް ލިބޭ ބާރަކަށްވާނީ، މިދެންނެވި ކަހަލަ މުވާޞަލާތު، ކޮމިއުނިކޭޝަން ކުޑަކުދިންނާއި މައިންބަފައިންނާ ދޭތެރޭގައި ނޯންނަންޏާ.

އަޅުގަނޑަށް މިއަދު ދެން މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތީމު. އެހެންނަމަވެސް، މިއަދުގެ ވާހަކައިގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިންމު ނުކުތާއަކީ، މިދެންނެވީ. ވީހާވެސް ބޮޑަކަށް ހުރިހާ ބޭފުޅުންވެސް، އެބޭފުޅުންގެ ކުޑަކުދިންނާ އެކުގައި ވާހަކަ ދައްކަން ދަސްކުރައްވާށޭ. ވާހަކަ ދައްކަވާށޭ. އެކިކަންކަމާ ބެހޭގޮތުން، އެކުދިންގެ ޝުޢޫރުތަކާ ބެހޭގޮތުން، އެކުދިންނަށް ދިމާވާ އެކިއެކި ކަންކަމާ ބެހޭގޮތުން، އުނދަގޫތަކާ ބެހޭގޮތުން އަދި ދައްކަން އުނދަގޫ ވާހަކަ ދެއްކުމުގެ ފަސޭހަކަން އެ ފުރުސަތު ކުޑަކުދިންނަށް ހުޅުވާލަދޭށޭ. މިއީ އަޅުގަނޑު މިއަދު ބުނަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ. އަޅުގަނޑު ހީކުރަން ކުޑަކުދިންގެ މި ބާވަތުގެ ހަވީރުތައް ވީހާވެސް ގިނައެއްކޮށް ބާއްވަވަމުން ގެންދަވާނެކަމަށް. އަދި އެހެނިހެން ޖަމާޢަތްތަކުންވެސް މިއަދުގެ މިމުނާސަބާ ބޭއްވުމުގައި ވަރަށްގިނަ ޖަމާޢަތްތައް އެކުލެވިފައި އެބަހުރި. އެހެންވީމާ އެހުރިހާ ފަރާތްތަކަކުންވެސް ބައިވެރިވެވަޑައިގެން މިބާވަތުގެ އިޖްތިމާޢީ ކަންކަން، ކުޑަކުދިންނާއި އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންއެކީގައި ކުރެވޭނެ ގިނަ ކަންތައްތައް ގިނަ ފުރުސަތުތައް ހުޅުވާލަދެއްވައި މިބާވަތުގެ ހަވީރުތައް ގިނަގިނައިން ތިޔަހުރިހާ ބޭފުޅުންވެސް ބާއްވަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ދެން އަދިވެސް އެއްފަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް، ކޮމިޝަންގެ ރައީސަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ހަމައެހެން މިހަވީރު އިންތިޒާމު ކުރުމަށްޓަކައި މީގައި ބައިވެރިވި އެންމެހާ ޖަމާޢަތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން.

والســّلام عليــكم