ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިރޭ ދެއްވައިފިއެވެ. މިއިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަތީ ދެބޭފުޅަކަށެވެ. އެއީ، ތަޢްލީމީ ދާއިރާއިން، ތަޢްލީމު އުނގަންނައިދިނުމުގެ ރޮނގުން މާފަންނު މާޔާ އަލްފާޟިލް މުޙަންމަދު ޔޫސުފަށާއި، ޞިއްޙީ ދާއިރާއިން، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން މައްޗަންގޮޅީ މާފުނަ އަލްފާޟިލް މުޙަންމަދު އިސްމާޢީލްފުޅަށެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 13 ބޭފުޅަކަށް ލިބިވަޑައިގަތެވެ. އެއީ،

- ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަ ދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، އަލްފާޟިލް މުޙަންމަދު ނަޝީދު ހ. ފޮއްދޫގެ

- ތަޢުލީމީ ދާއިރާއިން ތަޢްލީމު އުނގަންނައިދިނުމާއި، ތަރައްޤީކުރުމުގެ ރޮނގުން ޑޮކްޓަރ އަޙްމަދު އަންވަރު ސ. މީދޫ ހަސަންކާރިގެ

- ޞިއްޙީ ދާއިރާއިން، ދިވެހި ބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން އަލްފާޟިލް ޢަލީ ރަޝީދު ނ. ހެނބަދޫ ތުނޑި

- ޤާނޫނީ ދާއިރާއިން، ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ޤާނޫނީ ލަފާ ދިނުމުގެ ރޮނގުން، އަލްއުސްތާޛު ޙުސްނުއްސުޢޫދު ސ. މީދޫ ހަސަންކާރިގެ

- އާ އުފެއްދުންތަކުގެ (އިނޮވޭޝަން) ދާއިރާއިން ޕްރޮފެސަރ ޙަސަން ޢުޤައިލް ސ. ހިތަދޫ ވެސްޓް ބްރީޒް.

- ބޯޓް ބިލްޑިންގގެ ދާއިރާއިން ކިއްސަރު ވަޑާމުގެ ރޮނގުން އަލްފާޟިލް ޢަބްދުލްޙާރިޘް ހާރޫން ރ. އިނގުރައިދޫ އުންމީދު.

- ބޯޓް ބިލްޑިންގގެ ދާއިރާއިން ކިއްސަރު ވަޑާމުގެ ރޮނގުން އަލްފާޟިލް މުޙަންމަދު ޢަލިފުޅު ރ. އިންނަމާދޫ ނާރެސް.

- މަސައްކަތްތެރި ކަމުގެ ދާއިރާއިން ލިޔެލާޖެހުމުގެ ރޮނގުން އަލްފާޟިލް ޢަބްދުއްރަޙްމާން މޫސާ ބ. ތުޅާދޫ ސޯސަންވިލާ.

- ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން އަލްފާޟިލް ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު ހ.ޝޭޑީކޯނަރ.

- ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން އަލްފާޟިލް ޢަބްދުﷲ ޢާމިރު މ. ރުބިކަން.

- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަ ކިޔުމުގެ ރޮނގުން އަލްފާޟިލާ ރާފިޢަތު ރަމީޒާ މ. ވައްތިޔަރަގެ

- ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން އަލްފާޟިލާ ނިޢުމާ މުޙަންމަދު ގދ. ވާދޫ އަލަމާގެ

- އެޕްލައިޑް އާޓްސްގެ ދާއިރާއިން ފެޝަން ޑިޒައިންގެ ރޮނގުން އަލްފާޟިލް ޖާދުﷲ އިސްމާޢީލް ގދ. ތިނަދޫ ހިންދޫސް.

މީގެ އިތުރުން، ޢިމާރާތް ކުރުމާއި، ޢިމާރާތް ފަރުމާކުރުމުގެ ދާއިރާއިން، ޢިމާރާތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޕްރޮޕް ޕްރައިވެޓް ލިމިޓެޑަށްވަނީ ލިބިފައެވެ.

މިރޭގެ ޖަލްސާގައި ޤައުމީ އިނާމު ކޮމިޓީގެ ރިޕޯޓު ހުށަހެޅުއްވީ ކޮމިޓީގެ ޗެއަރމަން އަލްފާޟިލް މަޙްމޫދު ރާޒީއެވެ. އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން، ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަ ކިޔުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޙާޞިލްކުރެއްވި ރާފިޢަތު ރަމީޒާވަނީ ޝުކުރުގެ ލަވައެއް ހުށަހަޅުއްވައި ދެއްވާފައެވެ.