ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޤައުމީ އިނާމު ދެއްވުމުގެ ޖަލްސާ، މާދަމާ ރޭ އޮންނާނެއެވެ. މާދަމާ ރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ މި ޖަލްސާގައި، މިއަހަރު އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އިނާމު ދެއްވާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މިއަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 2 ބޭފުޅަކަށެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 13 ބޭފުޅަކަށާއި، 1 ކުންފުންޏަށް ދެއްވާގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވޭ ދެ ބޭފުޅުންނަކީވެސް، މީގެކުރިން ޢާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވުމަށްފަހު، މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޤައުމާ މުޚާޠަބު ކުރައްވާނެއެވެ. މިޖަލްސާގައި، މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީގެ ރިޕޯޓް ހުށަހަޅުއްވާނީ، ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއެވެ.