އައްޑޫސިޓީގެ މަރަދުއާއި ފޭދޫގެ މައިމަގު، ހަދައި ނިންމުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސެ މިއަދު މެންދުރުފަހު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިކަން އިފްތިތާޙްވެގެން ދިޔައީ، މަގު ރަމްޒުކޮށްދޭ ހަނދާނީ ފިލާގައި ދަމާލެވިފައިވާ ފަރުދާ، ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ރައީސް ކައްސަވާލަ ދެއްވުމުންނެވެ. މި މަގަކީ، ސްރީލަންކާ ސަރުކާރުން ޚަރަދު ދެއްވައިގެން ހައްދަވާ މަގެކެވެ.

މަރަދޫގައި ހަންކެޑެ ކޯޒްވޭއާ ކައިރީގައި ބޭއްވި މި ރަސްމިއްޔާތުގައި، ސަރުކާރުގެ އިސް ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސްރީލަންކާ ސަރުކާރުގެ އިސްވެރިންނާއި، ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.