ރާއްޖޭގައި ޗައިނާގެ އެމްބަސީއެއް މިއަދު ހުޅުވައިފިއެވެ. މިކަމަށްޓަކައި މިއަދު އިރުއޮއްސުނުއިރު ޓްރޭޑަރޒް ހޮޓެލްގައި ބޭއްވެވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީ ހުޅުއްވައިދެއްވީ، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ (ނ.ޢ.ޢ.ވ)އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޖަންގ ޖީޖުން އާއި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫ ހޮންގްޔާއޮ އެވެ.

މިރަސްމިއްޔާތުގައި ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވާކަމަށްޓަކައި ޗައިނާ ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކުގައި ޗައިނާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި ސްޕެޝަލް އެންވޯއީ ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި މިގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ސްޕެޝަލް އެންވޯއީ ވިދާޅުވިއެވެ.