ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރުމާ އިޙްތިރާމުގެ ޒިޔާރަތް ކުރައްވައިފިއެވެ.

މިރޭ އައްޑޫ ސިޓީ ސްޓޭޓް ހައުސްގައި އޮތް މިބައްދަލުކުރެއްވުމުގައި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ކޮމަންވެލްތާ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ސާކް ސަމިޓަށް ވެފައިވާ ތައްޔާރީތަކުގެ މައްޗަށް ބައްލަވާލައްވައި، މިއަހަރުގެ ސަމިޓްގެ ލަނޑުދަނޑިތައް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރެވޭނޭ ގޮތުގެ މަޢުލޫމާތު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލާ ޙިއްޞާކުރެއްވިއެވެ. އަދި ސާކް ސަމިޓާ ގުޅިގެން ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތާއި، ސާކް ސަމިޓާ ގުޅިގެން އައްޑޫސިޓީއަށް ގެނެވުނު ޢުމްރާނީ ތަރައްޤީގެ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

ކޮމަންވެލްތް ސެކްރެޓެރީ ޖެނެރަލްގެ ވާހަކަފުޅުގައި، ރާއްޖޭގައި މިއަހަރުގެ ސާކް ސަމިޓް ބޭއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ފުރުޞަތަކީ، ސާކް ސަމިޓްގައި ބައިވެރިވަޑައިގަތުމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފުރުޞަތުކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދި އަދި ޖަޒީރާ ޤައުމުތަކަށް ކޮމަންވެލްތުގެ ފަރާތުން ވެދެވިދާނެ އެހީތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި މިއަހަރު ބޭއްވުނު ޗޯގަމްގައި، ކޮމަންވެލްތްގެ މަސައްކަތްތައް ފުރިހަމަކުރުމަށްޓަކައި ދިވެހިރާއްޖެ އަދާކުރި ފުރިހަމަ ދައުރަށް ސެކްރެޓެރީ ޖެނެރަލް ތަޢުރީފު ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައ ކުރިއަށް އޮތް ތަނުގައި ސާކާއި ކޮމަންވެލްތާ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.