بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى مُحَـمَّدٍ وَعلـى آلـه وصحبـه أجمـعـين.

ސަން ފްރޮންޓް ޕްރައިވެޓް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ އަދި ކުންފުނީގެ ވެރިން. މާލޭސިޓީގެ މޭޔަރ އަލްފާޟިލް ޢަލިމަނިކު. އަދި މިރޭގެ މި ފަޚްރުވެރި އިނާމުތައް ހޯއްދެވި ހުރިހާ ދަރިވަރުންނާއި، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބެލެނިވެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިރެއަކީ އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބޭ ރެއެއް. ސަބަބަކީ އަޅުގަނޑަކީވެސް ކުޑަކޮށް ކުރަހާ އުޅޭ މީހެއް. އެހެންވީމާ، މިހާގިނަ ކުދިންތަކެއް، މިހާ ރަނގަޅު ވަނަތަކެއް، ކުރެހުމުން ހޯދިކަމީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް.

އާދެ! އެންމެ ފުރަތަމަ އަޅުގަނޑުމެން މިޖެހެނީ، ސަން ފްރޮންޓް ޕްރައިވެޓް ލިމިޓެޑަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެއީ، މިފަދަ މުބާރާތެއް ރާއްވަވައިގެން، ޒުވާން އެތައް ބައިވަރު ކުދިންތަކަކަށް މިމުބާރާތުގައި ބައިވެރިވެ، އެކަމުގެ ތަމްރީނު ކޮންމެވެސްވަރަކަށް ލިބި އަދި ވަނަތަކެއް ހޯދުމުގެ ފުރްޞަތު ހުޅުވާލަދެއްވި ކަމަށްޓަކައި. އެހެންވީމާ، ވަރަށް ބޮޑަށް ސަން ފްރޮންޓަށް އަޅުގަނޑުމެން އެކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި ހަމައެހެން، މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވި 4 ބޭފުޅުންނަށް މިރޭ ސެޓްފިކެޓް ލިބިވަޑައިގެންނެވި. އެބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ސަން ފްރޮންޓަށް ތަހުނިޔާ ދަންނަވަން، މިކަހަލަ އުފެއްދުންތެރި މަޝްރޫޢެއް ފެށްޓެވީތީ. ކޮންމެއަކަސް [މައި ޑްރީމް ހޯމް]ގެ ނަމުގައި މިކަން ކުރެއްވިކަންވެސް އެއީ، ވަރަށް މާނަވީ ކަމެއް. އެކަމަށްޓަކައި ކުދިންނާއި އަދި މިކަމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންވެސް، ކޮންމެވެސްވަރެއްގެ ވިސްނުންފުޅުތަކެއް ހުންނާނީ ކުރައްވާފައި. ކޮބައިތޯ [މައި ޑްރީމް ހޯމް] އަކީ. ޝައްކެއްނެތް، ތަނަވަސް ދިރިއުޅުމެއް އުޅުމަށްޓަކައި ރީތި ތަނަވަސް ގެއެއް ކޮންމެ މީހަކުވެސް ބޭނުންވާނެ. އަދި އެފަދަ ގެއެއްގައި އަރާމު ރީތި ފަރުނީޗަރު ހުންނަންވެސް ބޭނުންވާނެ. އަދި އެ ގެންގުޅޭނެ އެހެނިހެން އާލާތްތައްވެސް ހަމަ ބޭނުންވާނެ. އަޅުގަނޑުމެން ހުރިހާ ޢާއިލާތަކުގެވެސް ހުވަފެނަކީ، ތަނަވަސް، ރީތި ދިރިއުޅުމެއް ހޯދުން. އެހެންވީމާ، މިކަމަށްޓަކައި އަޅުގަނޑުމެން ކުދިންގެ ހުރިހާ މައިންބަފައިންވެސް ރެޔާދުވާލު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަނގަޅު ދިރިއުޅުމެއް އަޅުގަނޑުމެންގެ ހުރިހާ ޅަދަރިންނަށް ހޯދައިދެވޭތޯ. އެހެންވީމާ، އެގޮތުން ބައެއްފަހަރު އުނދަގޫ ވަޒީފާތަކަށްވެސް ނުކުމެވަޑައިގަންނަވައިގެން މަސައްކަތް ކުރައްވައި، ރަނގަޅު އާމްދަނީ ހޯއްދަވައިގެން، ގޭތެރޭގެ ދިރިއުޅުން ތަނަވަސް ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދަނީ.

ކުރިން ދެންނެވިހެން ރީތިކޮށް ޑިޒައިންކޮށްފައި ހުރި ތަނަވަސް ގެއެއް ލިބުމަކީ އެއީ، ވަރަށްބޮޑު ނަޞީބެއް. އަޅުގަނޑުމެން ރާއްޖޭގައި މިހާރު ދިރިއުޅުމުގެ ކަންތައްތައް އަދި މިހުންނަނީ ވަރަށްމަދު ބަޔަކަށް ނޫނީ އެ ނަޞީބު ނުލިބޭ ގޮތަކަށް. އެހެން ނަމަވެސް، މިހާރު ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވީހާވެސް ގިނަ ބަޔަކަށް، ވީހާވެސް ތަނަވަސްކޮށް އުޅެވޭނެ ގޮތަކަށް ގެދޮރުގެ ކަންތައް އިންތިޒާމްކޮށްދެވޭތޯ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، ދާދި އަވަހަށް ވަރަށްގިނަ ބަޔަކަށް، މާލޭގައިވެސް، އަތޮޅުތެރޭގައިވެސް ތަނަވަސް ދިރިއުޅުމެއް އުޅުމަށްޓަކައި، ތަނަވަސް ގެދޮރު ލިބިގެންދާނެ ކަމަށް.

ދެން މި މަސައްކަތް، މި އުންމީދުތައް އަޅުގަނޑުމެން ކުރާއިރުގައި، މި ހުވަފެންތައް އަޅުގަނޑުމެން ދެކޭއިރުގައި، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ކުދިންގެ ހުނަރުވެރިކަންވެސް އިތުރުކުރަން. އަދި ކުދިން ލޯބިކުރާ، ތަނަވަސް އުޅުމަކަށްވެސް އަޅުގަނޑުމެން އެބަޖެހޭ އެކުދިންގެ ލޯބި ޖައްސުވަން. އެކަމަށްޓަކައި މިހާރު ދެން ކޮންމެވެސްވަރަކަށް ޢާއިލާތަކަށްވެސް، ކުދިންނަށްވެސް ޓީ.ވީ.ގެ ޒަރީޢާއިންނާއި، އިންޓަރނެޓުންނާއި އަދި ހުރިހާ ވަސީލަތްތަކެއް މެދުވެރިކޮށް، ދުނިޔޭގެ އެހެން ތަންތާނގައިވެސް މީހުން ދިރިއުޅެމުން ގެންދާ ގޮތްތައް ފެންނަމުންދާނެ. އެހެން ނަމަވެސް، މީގައި އަޅުގަނޑުމެންގެ ޤައުމުގައިވެސް އެބަޖެހޭ، މި އުފެއްދުންތައް އުފައްދާނެ، ރީތި ގެތައް ކުރަހާނެ، ރީތި ފަރުނީޗަރު ޑިޒައިން ކުރާނެ މީހުންތަކެއް އުފައްދަން. ރާއްޖޭގައި ކޮންމެވެސް ވަރަކަށް އެމަސައްކަތްކުރާ ބަޔަކު މިހާރުވެސް އެބަތިބި. އެހެން ނަމަވެސް، މުސްތަޤްބަލުގައިވެސް މިއީ ހަމަ ވަރަށް ބޭނުންތެރި ކަމަކަށް ވެގެންދާނެ. އެހެންވީމާ، ފުރަތަމަ އެއްޗެއް އުފެއްދުމުގެ ކުރިން، ކޮންމެ މީހަކުވެސް ޖެހޭނެ، ސިކުނޑީގައި އޭތި ކުރަހާލަން. ސިކުނޑީގައި އޭތި ތަޞައްވުރު ކުރަން. ސިކުނޑީގައި ތަޞައްވުރު ނުކުރެވޭ އެއްޗެއް އުފެދިގެނެއް ނާންނާނެ. ކޮންމެ އެއްޗަކަށް ވިސްނެވިޔަސް، އަޅުގަނޑުމެން ހިފާ ގެންގުޅޭ ހުރިހާ އެއްޗަކަށް ވިސްނެވިޔަސް، މިތާ އެތެރޭގައި ހުރި ހުރިހާ އެއްޗިއްސަށް ވިސްނެވިޔަސް، އެނގިވަޑައިގަންނަވާނެ، މިއިން އެއްވެސް އެއްޗެއް އުފެދިގެނެއް ނާންނާނެ، އެ އެއްޗެއްގެ ތަޞައްވުރު، ފުރަތަމަ ކޮންމެވެސް އިންސާނެއްގެ ސިކުނޑީގައި ކުރެހިގެނެއް ނޫނިއްޔަކާ.

اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް މިވަނީ އެތައް ބައިވަރު ހުނަރުތަކަކާއި ކުޅަދާނަކަން ދެއްވާފައި. އުފެދުމުގައި އެ ކުޅަދާނަކަން ލައްވަވާފައި. މިރޭ މިތާނގައި އެ ޤުރްއާން ކިޔަވައިދެއްވި އަޅުގަނޑުމެންގެ ދަރިވަރު. އެހާ ރީތިކޮށް އެ ޤުރްއާން ކިޔެވީ، އޭނާއަށް اللّـه سبحـانـه وتعـالى ވަރަށް ޚާއްޞަ ކުޅަދާނަކަމެއް ދެއްވާފައިވާތީ. އަޅުގަނޑުމެންނަށް ދެވޭ ތަޢްލީމުގެ ތެރެއިން އެ ހުނަރު، އެ ކުޅަދާނަކަން އުފެދިގެން އަންނަ ގޮތަށް ތަޢްލީމު ދެވުމުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް އެ އުފާވެރި މަންޒަރު ފެނިގެން މިދިޔައީ. ކޮންމެ ކުއްޖަކީވެސް، މިދެންނެވިކަހަލަ ތަފާތު ހުނަރުތައް އެކުލެވިގެންވާ ކުއްޖެއް. އަދި ކުދިން ކިޔަވަނީވެސް ތަފާތު ހުނަރުތައް ބޭނުންކޮށްގެން. ދެން އެނގިވަޑައިގަންނަވާނެ، ބައެއް ކުދިންނަކީ ވަރަށް ހިސާބަށް މޮޅު ކުދިން. ހުރިހާ ކުދިން ހިސާބަކަށް މޮޅެއް ނުވާނެ. އެކަމަކު ކޮންމެ ކުއްޖެއްގެވެސް އެ ހުނަރު އެބަހުރި. ހަމައެހެން، ލިޔާ ކުދިން، ލަވަކިޔާ ކުދިން، ސްޕޯޓްސް ކުދިން، މިހުރިހާ ކުދިންގެވެސް އެބަހުރޭ، މި ކުޅަދާނަކަން اللّـه سبحـانـه وتعـالى ދެއްވާފައި. އެހެން ނަމަވެސް، އެކުއްޖަކަށް އެ ލިބޭ ތަޖްރިބާއެއްގެ ސަބަބުން، ލިބޭ ތަޢްލީމެއްގެ ސަބަބުން، މި ކުޅަދާނަކަން އިތުރުވެގެން، ފުރިހަމަވެގެން މިދަނީ. އެހެންވީމާ، ތަޢްލީމުގެ ތެރެއިން މިހުރިހާ ހުނަރުތައް ނެރެވޭނެ، އުފެދޭނެ ތަޖްރިބާތަކެއް އެކުލެވިފައި ހުރުމަކީ، އެއީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދަންނަވަން އުޅޭ އެއްޗަކީ، އަޅުގަނޑުމެންގެ ތަޢްލީމުގެ ތެރެއިން ޑިޒައިން ކުރުމާއި، ކުރެހުމާ، މިކަންކަންވެސް ކުރުމުގެ ފުރްޞަތު، ހުރިހާ ކުދިންނަށް ލިބިދިނުމަކީ ވަރަށް މުހިންމު ކަމެކޭ.

މިއިން ކޮންމެ ރޮނގަކީވެސް އެކަން ރަނގަޅަށް ކުރެވިއްޖިއްޔާ، އޭގެ ސަބަބުން ވަރަށް ބޮޑެތި ނިޢުމަތްތައް ފަހުން ލިބެންހުރި ކަންކަން. ދަރިފުޅު ބޮޑުވެ، ވަޒީފާއަކަށް ކުރިމަތިލައި، މަސައްކަތާއިގެން ނުކުންނައިރުގައި، ރަނގަޅަށް ކުރަހާ ކުއްޖަކަށް އާކިޓެކްޓަކަށްވެ، ނޫނީ އިންޖިނިއަރިންގ ކުރަހާ ކުއްޖަކަށްވެ، މެޝިން އެއްޗިހި ކުރަހާ ކުއްޖަކަށްވެ، ފަރުނީޗަރ ޑިޒައިން ކުރާ ކުއްޖަކަށްވުން އެކަށީގެންވޭ ހަމަ. ހަމައެހެން، ރީތި މަންޒަރުތައް ކުރެހުމާ، މީހުންނަށް ހިތްފަސޭހަކަން ލިބޭކަހަލަ އެކިއެކި މަންޒަރުތައް އުފައްދައިދިނުންވެސް އެއީ، ކުރެވިދާނެ ކަމެއް. ބޮޑެތި ޢިމާރާތްތައް، އެނގިވަޑައިގަންނަވާނެ، މިހާރު ރާއްޖޭގައިވެސް ކުރިން ޢިމާރާތްކުރާ ގޮތަކަށް ނޫން ޢިމާރާތް ކުރަމުން މިގެންދަނީކީ. ދުނިޔޭގައި ހަމަ ކޮންމެ އަހަރަކުވެސް މަސައްކަތް ކުރަމުން އެދަނީ، އެއްބަޔަކު ހެދި ޢިމާރާތަށްވުރެ އުސް ޢިމާރާތެއް، އަނެއް ބަޔަކަށް ހެދޭތޯ. އެއްބަޔަކު ހެދި ޢިމާރާތަކަށްވުރެ ބޮޑު ޢިމާރާތެއް، އެހެން ބަޔަކަށް ހެދޭތޯ މަސައްކަތް ކުރަމުން މިދަނީ. އެކަން ކުރެވޭނީ، މިދެންނެވިހެން އެކަމުގެ ހުނަރު ލިބި، އެކަމުގެ ތަމްރީނު ލިބިފައި ތިބޭ މީހުންނަށް. އަޅުގަނޑުމެން ހަމަ ކޮންމެ މީހަކަށް ގޮސް، އުސް ޢިމާރާތެއް ކުރަހާލިޔަކަސް، އެ ފާހެއްވެސް ނުވާނެ. އަދި އެ ރީތިކޮށެއް ދުވަސްކޮޅަކަށްވެސް ނުވެސް ހުންނާނެ، ވެއްޓިދާނެ. އެހެންވީމާ، މިކަންކަމަކީ މިއަދު ދަސްކުރަންޖެހޭ ކަންކަން.

އަޅުގަނޑުގެ ވާހަކަ މާ ދިގުކުރާކަށްނެތިން. އެހެން ނަމަވެސް، އަޅުގަނޑު މިރޭ ބުނެލާހިތް އޮތް އެއްޗަކީ، ހަމަ ހުރިހާ ތަޢްލީމީ ފުރްޞަތުތަކެއްގެ ތެރޭގައިވެސް، ކުރެހުމާއި، ޑިޒައިން ކުރުމުގެ ފުރްޞަތު، ކުދިންނަށް ދިނުމަކީ، އެއީ ވަރަށް މުހިންމު ކަމެކޭ. އެ ފުރްޞަތު ނުދިނުމުން، މިވާގޮތަކީ ﷲ އަޅުގަނޑުމެންގައި ލައްވަވާފައިވާ ވަރަށް މުހިންމު ހުނަރެއްގެ ބޭނުން ނުކުރެވި، އެ ތަރައްޤީ ނުކުރެވި އަޅުގަނޑުމެންނަށް ކުދިން ބޮޑެތި ކުރެވެނީ. އެއީކީ އަދި ރަނގަޅު ގޮތެއް ކަމަކަށް އަޅުގަނޑަކަށް ނުވިސނޭ. އަޅުގަނޑު އުންމީދު ކުރަން، މި ފެށްޓެވި މުބާރާތް އަދި މުސްތަޤްބަލްގައިވެސް ބާއްވަވަމުން ގެންދަވާނެ ކަމަށް. އަދި ވީހާވެސް ގިނަ ކުދިންތަކަކަށް، މިކަމުގެ ފުރްޞަތު ލިބިގެންދާނެ ކަމަށް. އަދި މީގެ ސަބަބުން މި ހިތްވަރު ލިބުނު ކުދިން އިތުރަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް. ތިޔަ ހުރިހާ ކުދިންނަށްވެސް ފަށްފަށުން ތަހުނިޔާއާއި މުބާރަކްބާދު، ކޮންގްރެޖިއުލޭޝަންސް، ތިޔަކުރި ހިތްވަރަށް. ހުރިހާ ކުދިންވެސް އަޅުގަނޑު ހީކުރަން، އިތުރަށް މަސައްކަތްކޮށް، ހަމަ އެކުދިން ބޮޑެތިވަމުން އަންނައިރުގައި، ކުރެހުމާއި ޑިޒައިން ކުރުމުގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ހޯދާނެ ކަމަށް.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށާއި އިލްހާމަށް މިރޭ ދަޢުވަތު ދެއްވީތީ. ޝުކުރިއްޔާ.

والســّلام عليــكم