އިންޑިޔާގެ ރިސަރޗް އިންފޮމޭޝަން ސިސްޓަމް (އާރު.އައި.އެސް)ގެ ޗެއަރމަން، އަދި އެޤައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިޔަމް ސަރަން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތައް ހިމެނޭ ގޮތަށް އުފެއްދެވުމަށް ހަމަޖެހިފައިވާ ޝިޕިންގ ލައިންގެ މަސައްކަތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި އަންނަ މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ގުޅޭ ގޮތުންވެސް ދެބޭފުޅުން ޚިޔާލު ބަދަލުކޮށްލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ވިޔަފާރިވެރިން ރާއްޖޭގެ އެކި ޞިނާޢަތްތަކުގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތަކުގެ މައްޗަށް އަލިއަލުއްވައިލައްވައި، އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަންނަ ހެޔޮ ބަދަލު ފާހަގަކުރެއްވިއެވެ.

އާރު.އައި.އެސްގެ ޗެއަރމަންގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމުގައި އިންޑިޔާ ސަރުކާރުން އެހީވެދެއްވެން ހުރި ދާއިރާތަކާއި، ކުރެވިދާނެ ކަންކަމުގެ މައްޗަށް ޚިޔާލު ބަދަލުކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު ހަރުދަނާކުރުމަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ޝިޔަމް ސަރަނަށް ދެއްވިއެވެ. އަދި ރާއްޖޭގައި އަލަށް ނަގަން ފެށުނު ޓެކްސްތަކާއި، ޓެކްސް ނިޒާމްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ފައިދާގެ މަޢުލޫމާތުވެސް ޙިއްޞާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް (ނ.ޢ.ޢ.ވ) އިބްރާހީމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުސޫމާއި، އިކޮނޮމިކް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަލީ ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ.