ކެނދިކުޅުދޫ ސްކޫލުގެ މިއަހަރުގެ އިނާމު ދިނުމުގެ ޖަލްސާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ. މިއަދު ހަވީރު ކެނދިކުޅުދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އޯ.ލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ ޢަދަދު އިތުރުވުމުން، ރާއްޖެއިން މަތީ ތަޢުލީމަށްދާ ކުދިންގެ ޢަދަދުވެސް އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން އޯ. ލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ 60 ޕަސެންޓަކީ، 5 މާއްދާއިން ފާސްވާ ކުދިން ކަމަށް ހެއްދެވުމަކީ، ސަރުކާރުގެ އަމާޒުކަމަށްވާއިރު، މި އަމާޒަށް ވާޞިލުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްކޫލްތަކުގެ ކިޔަވައިދިނުން އެއްދަންފަޅިއަށް ބަދަލުކުރައްވައި، މިކަން ޙާޞިލުކުރެއްވުމަށް ސްކޫލްތަކަށް ބޭނުންވާނެ ޖާގަ ހޯއްދަވައިދެއްވުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 10 ޖޫނިއަރ ހައި ސްކޫލްތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ. އަދި މި 10 ސްކޫލުގެ ތެރެއިން އެއްސްކޫލް ބިނާކުރެވެނީ ކެނދިކުޅުދޫގައި ކަމަށާއި، އެހެން ރަށްރަށުން ކެނދިކުޅުދުއަށް ތަޢުލީމް ޙާޞިލު ކުރަން އަންނަ ކުދިންނަށް، މި ޖޫނިއަރ ހައި ސްކޫލްގެ ޑޯމިޓްރީގައި ތިބުމާއި، ކައްކައި ކައިބޮއި ހެދުމުގެ އިންތިޒާމް ހަމަޖެހޭނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، މިޖޫނިއަރ ހައި ސްކޫލްތަކުގައި ގްރޭޑް 11، 12 އިގެ އިތުރުން، ސެޓްފިކެޓާއި، ޑިޕްލޮމާ ފެންވަރަށް ކިޔަވައި ދެވޭނެކަންވެސް ރައިސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކެނދިކުޅުދޫ ސްކޫލުން މިއަހަރު އިނާމު ޙާޞިލު ކުރި ހުރިހާ ދަރިވަރުންނަށް ތަހުނިޔާ ވިދާޅުވެ، އިނާމު ނުލިބޭ ދަރިވަރުން، އާ ޢަޒުމަކާއެކު މަސައްކަތް ކުރުމަށް ހިތްވަރު ދެއްވިއެވެ. އަދި މިއަދު ފާހަގަކުރެވެމުން މިދާ މަސްވެރިންގެ ދުވަހާއި، ބައިނަލްއަޤްވާމީ ކާބޯތަކެތީގެ ދުވަހުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.