ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް 2011 ސެޕްޓެމްބަރ 7 ވަނަ ދުވަހު އުފައްދަވައި،      އެ އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދާ ތަނެއްކަމަށް ހަމަޖައްސަވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ އުފެއްދެވީ، ރާއްޖޭގެ ބިމާއި، ފަރާއި ފަޅު، އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި އިދާރާތަކުން ކުރަމުން ގެންދިއުމުގެ ސަބަބުން، ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތުތައް ލިބުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، މިކަން ކުރުމަށް މިހާރު ބޭނުންކުރެވޭ ވަސީލަތްތައް އެއް މުއައްސަސާއެއްގެ ދަށަށް ބަދަލުކުރުމުން އެކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނާއި ސަރުކާރަށް ލިބިގެންދާނެތީއާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި މިފަދަ މުއައްސަސާއެއް ޤާއިމު ކުރުމަށް ކަނޑައަޅާފައިވާތީ، އެ ކަންކަމާމެދު 2011 މެއި 17 ވަނަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ދައުލަތުގެ އެންމެހައި ބިންތައް ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތެއްގައި ބެލެހެއްޓުން ހަރުދަނާކުރުމާއި، ރާއްޖޭގައި ކުރެވޭ ކެޑެސްޓްރަލް ސާރވޭކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ނޭޝަނަލް ޖިއޮގްރަފިކް އިންފޮމޭޝަން ސިސްޓަމެއް ޤާއިމުކޮށް މަޢުލޫމާތު ބެލެހެއްޓުމާއި، ރާއްޖޭގެ ޗާޓު ކުރެހުމާއި، އެ ޗާޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުންފަދަ ގުޅުންހުރި މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމުކުރުމަކީ ބޭނުންތެރިކަމެއްކަމުގައި ވަޒީރުންގެ މަޖިލީހުން ލަފާދެއްވާތީކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ޖައްސަވަމުން ގެންދަވާނެ ނަންބަރަކީ 431 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން، މި ދެންނެވުމާއެކު އެވަނީއެވެ.
 
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީގެ މަސައްކަތްތައް
 
1.      ދިވެހިރާއްޖޭގައި ކެޑެސްޓްރަލް ސަރވޭ ސިސްޓަމެއް ޤާއިމުކޮށް ބިމުގެ ސަރވޭތައް ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލުން.
2.      ޤައުމީ ޖިއޮގްރަފިކް އިންފޮމޭޝަސް ސިސްޓަމް ޤާއިމުކޮށް، ދައުލަތުގެ ބިންތަކާބެހޭ އެންމެހައި މަޢުލޫމާތު އެއްކޮށް އެ ނިޒާމުގެ ތެރެއިން އެ މަޢުލޫމާތު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ޤާއިމު ކުރުން.
3.      ރާއްޖޭގެ ޗާޓު އެކުލަވާލުމާއި، ޗާޓު އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން
4.      ދިވެހިރާއްޖޭގެ ބިމުގެ ދަފުތަރު ޤާއިމުކޮށް ބެލެހެއްޓުން.
5.      ފޮޓޮގްރަމެޓްރީއާ ބެހޭ މަސައްކަތްތައް ކުރުން.
6.      ދައުލަތުގެ ބިންތައް ދެނެގަތުމާއި، ފާހަގަ ކުރުމާއި، އެތަންތަނާ ބެހޭ ފުރިހަމަ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ފަރާތްތަކަށް މަޢުލޫމާތު ފޯރުވައިދީ، މަޢުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުން.
7.      ދައުލަތުގެ އެކިއެކި ބިންތަކުން ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތްތައް ބަލައި ހޯދުން.
8.      ބިމާބެހޭ ގޮތުން ސަރުކާރުން އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވުމާއި، އެކަންކަމަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން.
9.      ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒު ކުރުމަށް ބޭނުންވާ ބިންތަކާއި، ރައްޔިތުންގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ބިންތައް ކަނޑައެޅުން.
10.ބިމާބެހޭގޮތުން ސަރުކާރުން އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތައް އެކުލަވާލުމާއި، ތަންފީޒުކުރުމާއި، ބެލެހެއްޓުން.
11.ރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި، ބިމާބެހޭ އިދާރީ އޮނިގަނޑު ހިންގައި ބަލަހައްޓައި އަދި އެޤާނޫނު ހަރުދަނާ ކުރުމަށްޓަކައި ލަފަޔާއި އިރުޝާދު ދިނުން.
12. ރާއްޖެއިން ބިން ދޫކުރުމާއި، ރާއްޖޭގައި ބިން ބޭނުންކުރުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ކުއްޔަށް ދިނުންފަދަ މުޢާމަލާތްތަކާ ބެހޭ އުސޫލުތައް ހަރުދަނާކޮށް، ތަރައްޤީކޮށް މިފަދަ މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން.
13. ރާއްޖޭގެ ރަށްރަށުގެ ބިމުގެ ޗާޓު އިޞްލާޙުކޮށް ބެލެހެއްޓުމާއި ޝާއިޢުކުރުން.
14. ރާއްޖޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތައް ތައްޔާރުކުރުމާއި، ބިން ބޭނުން ކުރާނެ ގޮތްތަކާއި ސަރަޙައްދުތައް ކަނޑައެޅުން.
15. ބިން ބެލެހެއްޓުމާއި ބިމުގެ މުޢާމަލާތްކުރުމަށާއި، އަދި މިނޫންވެސް ބިމާބެހޭ އެންމެހައި ކަންތައްތައް ކުރުމަށް ކަނޑައެޅޭ ޤާނޫނުތަކާއި، ގަވާއިދުތައް ހިންގައި ބަލަހައްޓައި އަދި މިޤާނޫނުތައް މުރާޖަޢާކޮށް އެވަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރަށް ލަފަޔާއި އިރުޝާދު ދިނުން.
16.ރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ނަގަންޖެހޭ ޓެކްސްއާއި، ރޯޔަލްޓީ އާއި އެހެނިހެން ފީތައް ކަނޑައެޅުމާއި އެފަދަ ޓެކްސްއާއި ފީތައް ނެގުމަށް ދައުލަތުން ކަނޑައަޅާފައިވާ މުއައްސަސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
17.ރާއްޖެއިން ބިން ދޫކުރުމާއި، ރާއްޖޭގައި ބިން ބޭނުންކުރުމާއި، ބިމުގެ ވެރިފަރާތް ބަދަލުކުރުމާއި، ބިން ވިއްކުމާއި، ކުއްޔަށްދިނުންފަދަ މުޢާމަލާތްތައް ހިންގުމަށް ޢާންމު ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމުކޮށް ހިންގައި ބެލެހެއްޓުން.
18. ރާއްޖެއަށް ފައިދާހުރި ބިމާބެހޭ ބައިނަލްއަޤުވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ އޯގަނައިޒޭޝަންތަކާއި، ޖަމާޢަތްތަކާ ގުޅިގެން، ބިމާބެހޭ އިދާރީ ހިންގުމާއި ކުރިއެރުމަށް ބޭނުންވާ ޓެކްނިކަލް ޕްރޮގްރާމުތަކުގައި ބައިވެރިވުމާއި އެފަދަ ޕްރޮގްރާމުތައް ހިންގުން.
19.ލޭންޑް ސަރވޭއާއި، ލޭންޑް މެނޭޖްކުރުމާބެހޭ ބައިނަލްއަޤްވާމީ އޯގަނައިޒޭޝަންތަކާއި ޖަމްޢިއްޔާތަކުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކުރުން.
20. ބިމާބެހޭ މުޢާމަލާތްތައް ހިންގުމަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކޮށް މިކަމާބެހޭ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުން.
21. ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ހިންގުމަށްޓަކައި ހަދަންޖެހޭ ކޮމިޓީތައް ހެދުމަށް ސަރުކާރަށް މަޝްވަރާދީ ކޮމިޓީތަކުގެ މަސައްކަތްތަކަށް އެހީތެރިވެ ދިނުން.
22. ބިމުގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި، މިފަދަ މުއައްސަސާތައް މެދުވެރިކޮށް ބިމުގެ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.