ވަރަށްގިނަ ޒުވާނުން ބާކީވެގެން ދަނީ ވަޒީފާއެއް، ހުނަރެއް ނެތިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ހޯރަފުށްޓަށް ވަޑައިގެން، ހުނަރު ޕްރޮގްރާމްގައި ހޯރަފުށިން ބައިވެރިވާ ކުދިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޕްރޮގްރާމް ހިންގެވުމުގެ އެންމެބޮޑު އެއްބޭނުމަކީ، ވީހާވެސް ގިނަ ޒުވާނުންނަށް ވަޒީފާތައް ހޯއްދަވައިދެއްވުމާއި، ބިދޭސީން ރާއްޖޭގައި އަދާކުރަމުންދާ ވަޒީފާތަކަށް، ހުނަރުވެރި ޒުވާނުން ތައްޔާރު ކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ހޯރަފުށީގައިވެސް އެކިއެކި ހުނަރުތައް ދަސްކޮށްދޭ މައިގަނޑު ޕްރޮގްރާމްތައް ހިންގަވަން ބޭނުންފުޅުވާ ކަމަށާއި، ތިންމަހާއި ހަމަހާ ދެމެދުގެ އެކިއެކި ކޯސްތައް ފުރިހަމަކޮށްގެން، ކަމުގެ ހުނަރާއެކު އިރާދަކުރެއްވިއްޔާ ގިނަ ޢަދަދެއްގެ ކުދިން ވަޒީފާއަށް ނުކުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޕްރޮގްރާމްގެ ހުރިހާ ބައިވެރިންވެސް ޙާޒިރީއަށް ފަރުވާބަހައްޓައި، ޤަވާޢިދުން ތަމްރީނުތަކަށް ޙާޒިރުވުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ހޯރަފުށީގެ މި ޕްރޮގްރާމްގައި އަންހެން ކުދިން ބައިވެރިވެފައިވާތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ރޭ ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ޔުނިޓް އިފްތިތާޙް ކޮށްދެއްވިއެވެ. މި ޔުނިޓް އިފްތިތާޙް ކޮށްދެއްވަމުން، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ އިދާރާތަކުގެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، ޤައުމީ އިދާރާތަކުގެ މައިގަނޑު ބޭނުމަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛު ކުރުމުގައި، ކައުންސިލްތަކަށް އެހީތެރިވެދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ހޯރަފުށީ ކައުންސިލާވެސް ރޭ ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ހޯރަފުށީގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ހިންގެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ކައުންސިލްގެ މަސައްކަތްތައް ހިނގަމުންދާގޮތާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު ހޯއްދެވިއެވެ.