ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑެއް ކަމަށްވާ މޭރީ ބްރައުންގެ ރެސްޓޯރަންޓެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު މާލޭގައި ހުޅުއްވައިދެއްވައިފިއެވެ. މި ރެސްޓޯރަންޓް ހުޅުވީ، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންނެވެ.

"މޭރީ ބްރައުން" ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ލިލީ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން އަދާކުރާ ދައުރު ފާހަގަކުރައްވަމުން، ލިލީއަކީ، ވަރަށް ކުރިއްސުރެ ފަށައިގެން ރާއްޖޭގެ ވިޔަފާރީގައި ގިނަގުނަ ޚިދްމަތްތަކެއް ދެމުން އަންނަ ކުންފުންޏެއް ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް، ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިއަށް، 1980 އިގެ މެދާ ހިސާބުން ފެށިގެން އެ ކުންފުނީގެ ސަބަބުން ވަރަށް ބޮޑު ފަހިކަމެއް ލިބިގެންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެކުންފުނިން ވިޔަފާރިއަށް އިންވެސްޓް ކުރި މިންވަރު އެއީ، ރާއްޖޭގެ ޓޫރިޒަމް މިއަދު މިދެކޭ ހިސާބަށް ގެނައުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ލިލީގެ ވެރިންނަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހީންގެ ދިރިއުޅުމުގެ ވަށްޓަފާޅިއާއި ދިރިއުޅެމުން އަންނަ ގޮތް މިދަނީ ދުވަހެއް ދުވަހަކަށް ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށާއި، އެހެންކަމުން، މީހުން ދިރިއުޅޭ ގޮތްތައް ފަހިވާނެ ކަންކަން ތަންފީޛުވުމަކީ، ކޮންމެހެންވެސް ބޭނުންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ބާވަތުގެ ފުރުޞަތުތައް ފަހިވެ، މިބާވަތުގެ ވިޔަފާރިތައް ރާއްޖޭގައި ފެށޭކަމީ ރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބާވަތުގެ ޚިދްމަތްތައް ރައްޔިތުންނަށް ދޭނޭ ފަރާތްތައް ކުރިއަށް އޮތްތާނގައި އިތުރުވަމުންދިޔުމަކީ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަކީ، ހުޅުވާލެވިފައިވާ މާރުކޭޓެއްގައި ވާދަވެރި ވިޔަފާރިތައް ކުރިއަށް ގެންދިޔުމުގެ މާޙައުލެއް އުފެއްދުމެވެ. އެކަމަށްޓަކައި ސަރުކާރުން މިގެންދަނީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤާނޫނަށް ގެންނަވަންޖެހޭ އެއްބާވަތުގެ ބަދަލަކީ، ދައުލަތަށް އާމްދަނީ ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާގޮތަށް ގެންނަވަންޖެހޭ ބަދަލު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޓެކްސްގެ ނިޒާމު ބަދަލުވެގެންދިޔައިމާ، މި ބާވަތުގެ ވިޔަފާރިތަކަށާއި އަދި އެހެންވެސް ވިޔަފާރިތަކަށް ކިތަންމެ ކުރިއެރުމެއް ލިބޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.