ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ކްލިންޓަން ގްލޯބަލް އިނީޝިއޭޓިވްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ، ރާއްޖެއިން ތިމާވެށްޓަށްދޭ އަހަންމިއްޔަތުގެ މައްޗަށާއި، އިޢާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. މިކަމުގައި ރާއްޖެއަށް ކުރިމަތިވާ އެކި ގޮންޖެހުންތަކުގެ މައްޗަށްވެސް ނައިބު ރައީސް ބައްލަވާލެއްވިއެވެ. އަދި މި މަސައްކަތާގުޅޭ ޕްރެޒެންޓޭޝަނެއްވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

ނައިބު ރައީސް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، "ގްލޯބަލް ޝާކް ކޯލިޝަން" ގެ ރަމްޒީ އެއްބަސްވުމެއްގައި އިއްޔެ ސޮއި ކުރެއްވިއެވެ. މި އެއްބަސްވުމަކީ، ދުނިޔޭގެ އެކި ޤައުމުތަކުގެ 100 އަށްވުރެ ގިނަ އަމިއްލަ ޖަމްޢިއްޔާތައް ގުޅިގެން އެކުލަވާލާފައިވާ މިޔަރު ޙިމާޔަތްކޮށް، މިޔަރުގެ އާބާދީ އިތުރުކުރުމާބެހޭ އެއްބަސްވުމެކެވެ.

މި ޖަމްޢިއްޔާތަކުންނާއި، މި ރަމްޒީ އެއްބަސްވުމުގައި ސޮއިކުރި ޤައުމުތަކުން ދެކޭ ގޮތުގައި ރާއްޖެއަކީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅާބަލާއިރު، މިޔަރު ޙިމާޔަތް ކުރުމާގުޅޭ ވަރަށް ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލައި ޢަމަލު ކުރަމުން ގެންދާ ޤައުމެކެވެ. އަދި ރާއްޖެއަކީ މިޔަރާއި މިޔަރުގެ އެކި ބާވަތްތައް އެކްސްޕޯޓް ކުރުން މުޅިން މަނާ ޤައުމެއްކަންވެސް އެ ޤައުމުތަކުންނާއި ޖަމްޢިއްޔާތަކުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއެވެ.

އ.ދ.ގެ 66 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ އެކި ޤައުމުތަކުގެ އިސް ބޭފުޅުންގެ ޝަރަފުގައި، އެމެރިކާގެ ރައީސް ބަރަކް އޮބާމާ ބޭއްވެވި ރަސްމީ ފަރިއްކޮޅުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އިހަށްރޭ ބައިވެރިވެވަޑައިގެންނެވިއެވެ.