މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓްގެ އަމާޒަކީ، ހުވަދުއަތޮޅުގެ 35,000 ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ފުއްދުންތެރިކަން ކުރިއެރުވުން ކަމުގައި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން، ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ) އަދި ވައިސް ޕްރެޒިޑެންޓް އޮފް ޗައިނީސް އެސޯސިއޭޝަން ފޮރ އިންޓަރނޭޝަނަލް އަންޑަރސްޓޭންޑީންގ، ލީ ޖިންހުއާ އާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމު ދެމެދުގައިވާ ގުޅުމާބެހޭގޮތުންނާ އަދި ހުވަދުއަތޮޅު ތަރައްޤީކޮށް، އެ އަތޮޅުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުމަށްޓަކައި، ދިވެހި ސަރުކާރާއި ޗެންގްޑޫ ސެންޗުރީ ސިޓީ ނިއު އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެކްޒިބިޝަން ކޮމްޕެނީ ލިމިޓެޑާ ގުޅިގެން، ހުވަދުއަތޮޅުގައި ހެދުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އިބްރާހިމް ޙުސައިން ޒަކީގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ، ލީ ޖިންހުއާއަށް ރައްދުކުރެއްވިއެވެ. އަދި މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓް އެކުލަވާލުމަށްޓަކައި ދެފަރާތުގެ ދެމެދުގައި ވެވިފައިވާ ސްޓެރެޓީޖިކް ފްރޭމްވަރކް އޮފް ކޯޕަރޭޝަންގެ ދަށުން، ހުވަދުއަތޮޅުގެ ޓޫރިޒަމާއި ޢުމްރާނީ ތަރައްޤީ ކުރިއަރައިގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސްޕެޝަލް އެންވޯއީ، ޗައިނާގެ އިޤްތިޞާދީ ކުރިއެރުމަށް ތަޢުރީފް ކުރައްވައި، ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމުގައިވެސް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ލީ ޖިންހުއާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޒިޔާރަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޕެރެޑައިސް އެޓޯލްސް ޕްރޮޖެކްޓްގެ އިތުރު މަޢުލޫމާތުވެސް، ސްޕެޝަލް އެންވޯއިއަށް ދެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަޙްމަދު މަޢުޞޫމާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، ރައީސުލްޖުމްހޫރިއްޔާގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ބައިވެރިވަޑައިގެންނެވިއެވެ.