އިޤްތިޞާދީ، އިޖްތިމާޢީ އަދި ޞިއްޙީ ގޮތުން ޤައުމުތައް ހޯދަމުން ގެންދާ ކުރިއެރުންތަކަށް، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން، ހުރަސް އެޅޭ ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާއި އެފަދަ ބަލިތައް ކޮންޓްރޯލްކުރުމާ ބެހޭގޮތުން، އ.ދ.ގެ ޢާންމު މަޖިލީހުގައި އިއްޔެ ބޭއްވި "ހައި ލެވެލް މީޓިންގ އޮން ޕްރިވެންޝަން އެންޑް ކޮންޓްރޯލް އޮފް ނޮން-ކޮމިޔުނިކެބަލް ޑިޒީޒަސް" ގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އ.ދ.ގެ މައި އިދާރާގައި އިއްޔެ ފެށުނު މިބައްދަލުވުމުގައި، މިފަދަ ބަލިތަކުން ދުރުވެ ތިބުމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް އެ ސަރުކާރަކާމެދު އިތުބާރުކުރެވޭފަދަ، އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ހިންގުމާއި، އަސާސީ ޞިއްޙީ ޚިދުމަތްތައް ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުވައިދިނުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިޤްތިޞާދީ، އިޖްތިމާއީ އަދި ޞިއްޙީ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކަށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންވެސް ހުރަސް އެޅޭކަން ފާހަގަކުރެއްވިއެވެ. އަދި އެފަދަ ބަލިތަކުން ރައްކާތެރިވުމަށް، ބައިނަލްއަޤްވާމީ ދުނިޔޭގައި ދިވެހިރާއްޖެއިން އަބަދުވެސް ފާހަގަކުރަމުންގެންދާ، މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާއި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ވަރަށް މުހިންމު ކަމަށާއި، އެ ދެކަންތައްވަނީ ގުޅި ލާމެހިފައި ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމާއި އެފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަމުން ގެންދިޔުމަށާއި، އެމަސައްކަތުގައި ލިބެމުންދާ ކުރިއެރުން ބަލަހައްޓަމުން ގެންދިޔުމުގައި ޤައުމީ ފެންވަރުގަޔާއި، ސަރަޙައްދީ ފެންވަރުގަޔާއި، ބައިނަލްއަޤްވާމީ ފެންވަރުގައި، މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ގޮވާލެއްވިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ "ޑަބްލިޔޫ.އެޗް.އޯ"އާއި އ.ދ.ގެ އެހެން އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން މިހާރުވެސް ކުރިއަށް ގެންދާ މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި އ.ދ.އިން ދެއްވާ އެއްބާރުލުމާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކުން ވެދެއްވާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރަމުން ގެންދާ މަސައްކަތްތަކަށްވެސް އެ ޖަމްޢިއްޔާތަކުގެ ފުރިހަމަ އެއްބާރުލެއްވުން ބޭނުންވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި، ސަރުކާރު ހިންގަވާ ވެރިންނާއި، ބައެއް ޤައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި، ޑަބްލިޔޫ.އެޗް.އޯގެ އިސްވެރިންން ބައިވެރިވެވަޑައިގަންނަވައެވެ.

ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާތީ، މިކަމަށް ޙައްލެއް ހޯދުމާ ގުޅޭ ޤަރާރެއް އ.ދ.އިން އިއްޔެ ވަނީ ފާސްކޮށްފައެވެ.