ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ގެއްލިދިޔަ ތަން އަނބުރާ ހޯއްދަވައިދެއްވުމަށް ކަމަށާއި، އިރާދަކުރެއްވިއްޔާ، އެމަސައްކަތް ސަރުކާރުން ހުއްޓަވާލައްވާނީ، ރާއްޖެއަށް ބޭނުންވާ އަސާސީ ތަރައްޤީގެ އޮނިގަނޑު، ރާއްޖޭގެ ރަށްރަށުގައި ޤާއިމްކޮށްދެއްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، [ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ] މިނަމުގައި މިއަދު ހަވީރު ފުވައްމުލަކުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުވައްމުލަކުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އަދި ސާކް ސަމިޓް ބޭއްވުމަށްޓަކައި އެރަށުގައި ކުރައްވަންހުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ފުވައްމުލަކުގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ކިތަންމެ ރޭއްވެވުންތަކެއް އަދި ކުރައްވަމުން ގެންދަވާ ކިތަންމެ މަސައްކަތްޕުޅުތަކެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ.
ރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ކަންކަމަކީ، ޙަޤީޤަތުގައި މީގެ 10 އަހަރު ކުރިން ހިނގައި ނިމިފައި ހުންނަންވީ ކަންކަން ކަމަށާއި، ފުވައްމުލަކުގައި ފެނާއި ނަރުދަމާގެ ނިޒާމެއްނެތި، 2012 ވަނަ އަހަރަށް ދުނިޔެ ފުރޮޅޭކަން އެއީ، ޢަޖައިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ ތެރެއިން ބޮޑެތި އާބާދީތަކުގައި ސާފުތާހިރުކަމާއި އަދި ތަރައްޤީގެ އެންމެ އަސާސީ ކަންކަން ފުރިހަމަނުވެ ޒަމާންތަކެއް ގޮސްފައި އޮތްކަމީ، ޢަޖައިބުވެވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ނަރުދަމާގެ ނިޒާމަކަށް، ސާފު ބޯފެނުގެ ނިޒާމަކަށް، ރަނގަޅު ޞިއްޙަތަކަށް، ދަރިންގެ ތަޢްލީމަށާއި، އެންމެންގެ ބޯހިޔާވަހިކަމަށް އަދި ވަޒީފާގެ ފުރްޞަތުތަކަށް ފުވައްމުލަކު ރައްޔިތުން އެދި ތިބި މިންވަރު އިޙްސާސް ކުރެއްވޭކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދުމީސްކޮޅަކަށް ޚިދްމަތް ދިނުމަށް ބޭރުގެ ތަޖްރިބާކާރު ފައިސާވެރި ފަރާތްތަކުން އައުމަކީ ނާދިރު ކަމެއް ކަމަށާއި، ފެނާއި، ނަރުދަމައާއި، ކަރަންޓްގެ ޚިދްމަތް، މުޅި ރާއްޖެއަށް ދިނުމަށް 7 ކުންފުންޏެއް އުފެއްދެވުމަށް ނިންމެވީ، އެސަބަބަށްޓަކައި ކަމުގައި ވިދާޅުވިއެވެ. މިގޮތުން އުފެއްދެވި ސަދަން ޔުޓިލިޓީޒް ކުންފުންޏަކީ، މިއަދު އެންމެ ރަނގަޅަށް ހިނގާ އެއްކުންފުނިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ފުވައްމުލަކުގައި މިއަދު ބޭއްވެވި ޚާއްޞަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކު ރައްޔިތުންނާއި، ރާއްޖޭގެ ހުރިހާ ރައްޔިތުން، ދާދި އަވަހަށް ހެލްތް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކުރެވޭނެކަން އިޢްލާނު ކުރެއްވިއެވެ. ސަރުކާރުން އެކަމަށް ޚަރަދު ކުރައްވާނެ ކަމަށާއި، ހެލްތް ކޯޕަރޭޝަންތަކުގެ ޚިދްމަތުގެ އަގު ދެކޮޅުޖެހޭ އަގުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ އަގު އިރާދަކުރެއްވިއްޔާ ނަންގަވަމުން ގެންދަވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙަސަން ޢިއްޒުއްދީން މަނިއްޕުޅު ފަސްދާނުލެވިފައިވަނީ ފުވައްމުލަކުގައި ކަމަށްވުމާއެކު، ތާރީޚަށްޓަކައި އެ މަނިއްޕުޅުގެ މަހާނައާއި ޤަބުރުސްތާނު އަލުން އަނބުރާ ބެލެހެއްޓޭނެ ގޮތެއް ހައްދަވައި ދެއްވުމަށް، ކައުންސިލް މެންބަރުން އަރިހުން އެދިވަޑައިގެންނެވިއެވެ.
ފުވައްމުލަކު ޒުވާނަކު ޕާކިސްތާނަށް ގޮސް ގެއްލިފައިވާތީ، އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، ރާއްޖެއިން ބޭރަށް ތަޢްލީމު ޙާޞިލް ކުރުމަށް ކުދިން ފޮނުއްވުމުގައި، ވަރަށް ބޮޑަށް ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ތިމާގެ އަމިއްލަ ދަރިފުޅު ރާއްޖެއިން ބޭރަށް ފޮނުވަނީ، ތަޢްލީމު ލިބޭނެ ކަމުގެ އުންމީދުގައި ކަމަށްވިޔަސް، އެކުދިން ވެއްދޭ މަދްރަސާއެއްގެ ސަބަބުން ފެނިގެންދަނީ، ތަޢްލީމެއް ހޯދަން އުޅޭ ކުދިންގެ ގޮތުގައި ނޫން ކަމަށާއި، ޖިހާދަކަށް، ހަނގުރާމައަކަށް ތައްޔާރުވާ ކުދިންގެ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިގޮތަށް ރާއްޖެއިން ބޭރަށް ކުދިން ނުފޮނުއްވުމަށް، ފުވައްމުލަކު ރައްޔިތުންނާއި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި އެކުދިންނަށް ރަނގަޅު ތަޢްލީމެއް ދެވޭނެ ކަމަށާއި، އެކަމަށް ސަރުކާރުން އެހީތެރިވެދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.