ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ 8 ބޭފުޅަކަށް، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް އަދި 6 ބޭފުޅަކަށް ދިވެހި ދައުލަތުގެ ޢިއްޒަތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެބޭފުޅުންނަށް އެރުވުނީ، މިއަދު ހެނދުނު 10 ޖެހިއިރު ދަރުބާރުގޭގައި ބޭއްވެވި ޚާއްޞަ ދަރުބާރުގައި، ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައެވެ.

ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް މިއަދު އެރުވުނު 8 ބޭފުޅުންނަށް އެރުވީ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަމެވެ. މި ޢިއްޒަތް ލިބިވަޑައިގެންނެވި 8 ބޭފުޅުންނަކީ، ހެންވޭރު ހުޅުގަލި އިބްރާހީމް ޙުސައިން ޒަކީއާއި، ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދާއި، ގަލޮޅު ހެލެނގެލި ޢަބްދުއްސައްތާރު މޫސާދީދީ އާއި، ގަލޮޅު ނޫރާނީވިލާ މުއުމިނާ ޙަލީމާއި، ހެންވޭރު ބުރެވިމާގޭ މުޙަންމަދު ޒާހިރާއި، ހެންވޭރު މާގިރި ނަސީމާ މުޙަންމަދާއި، މާފަންނު ތާނގީދޮށުގޭ މުޙަންމަދު ނޫރައްދީނާއި، މާފަންނު ފެންފިޔާޒުގޭ މުޙަންމަދު ޒާހިރު ނަޞީރެވެ.

ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނީ 6 ބޭފުޅަކަށެވެ. އެބޭފުޅުންނަކީ، ހެންވޭރު ވިލާޑިސޯސަން ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމާއި، މައްޗަންގޮޅީ މާންދޫވިލާ ޙަބީބާ ޙުސައިން ޙަބީބާއި، ހެންވޭރު ޝަފީޤުގޭ އަޙްމަދު ޝަފީޤާއި، މާފަންނު ބަހީޖް ޕެލަސް ޙުސައިން ޢަބްދުﷲ (މަރޮށީ ޙުސައިން ކަލޭފާނު)އާއި، މާފަންނު ރުއްކަރަ މުޙަންމަދު ޢުމަރު މަނިކާއި، ހެންވޭރު ސުނާރު ސިއްކަގޭ މުޙަންމަދު ނަސީމެވެ. މިބޭފުޅުންގެ ތެރެއިން ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމަށް އެރުވީ، ނިޝާން ރެހެންދީގެ ޝަރަފުގެ ޢިއްޒަތެވެ. ޙަބީބާ ޙުސައިން ޙަބީބަށާއި، މުޙަންމަދު ނަސީމަށް އެރުވީ، ނިޝާން ދިޔަމިގިލީ ޝަރަފްގެ ޢިއްޒަތެވެ. އަޙްމަދު ޝަފީޤަށާއި، މުޙަންމަދު ޢުމަރު މަނިކަށް އެރުވީ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތެވެ. މަރޮށީ ޙުސައިން ކަލޭފާނަށް އެރުވީ، ނިޝާން ކަލާފާނުގެ ޝަރަފްގެ ޢިއްޒަތެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނު ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރެއްވިއެވެ. އަދި މިވޭތުވެދިޔަ ދިގު މުއްދަތުގައި، ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް، އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކަކީ، އެ ޚިދްމަތްތަކުގެ އަގު ވަޒަންކޮށް، މިއަދު އެބޭފުޅުންނަށް ޙައްޤުވެގެންވާ ތަޢުރީފާއި ޝުކުރު ދަންނަވަންޖެހޭ ޚިދްމަތްތަކެއް ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންނެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ ހެންވޭރު ޒޮނޭރިޔާ އިބްރާހީމް ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ.