އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮފް ހިއުމަން ރައިޓްސް އޮން އިންޓަރނަލީ ޑިސްޕްލޭސްޑް ޕަރސަންސް ޑޮކްޓަރ ޗަލޯކް ބެޔާނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ގެދޮރުގެ ދަތިކަމާ ބެހޭގޮތުންނެވެ. ޚާއްސަ ގޮތެއްގައި، 2004 ވަނަ އަހަރުގެ ސުނާމީގައި ގެއްލުން ލިބުނު ފަރާތްތަކަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މާލެއަށް ހިޖުރަ ކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން ކަމަށާއި މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަދި ޙައްލެއް ހޯދިފައިނުވާ ކަމުގައި ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ނަމޫނާ ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ، ޙިއްޞާ ކުރެއްވިއެވެ.
ޑޮކްޓަރ ބެޔާނީ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ އިންސާނީ ޙައްޤުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ބަދަލުތަކެއްކަން ބައިނަލްއަޤްވާމީ ސަމާލުކަމަށް ފުރަތަމަ ގެނައި ޤައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރެއްވިއެވެ. އަދި އިންޓަރނަލީ ޑިސްޕްލޭސްޑް ޕަރސަންސްއާ ބެހޭ އދ. ގެ އިދާރާއިން، ދިވެހިރާއްޖޭގެ ދިރާސާއެއް ކުރައްވަން ބޭނުންފުޅުވާ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށްވެސް ސްޕެޝަލް ރެޕަޓުއަރގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނައިބު ޙައުލާ އަޙްމަދުދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.