މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދުމަށްފަހު އެނބުރި މުޖްތަމަޢަށް ނުކުތުމުގެ ކުރިން، އެފަދަ ކުދިންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ޤާއިމްކުރެވޭ ހާފްވޭ ހައުސްގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ހެނދުނު އަޅުއްވައިދެއްވައިފިއެވެ.

ހުޅުމާލޭގައި ހާފްވޭ ހައުސް ޢިމާރާތް ކުރުމަށް ކަނޑައަޅާފައިވާ ބިމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މަސްތުވާތަކެއްޗާބެހޭ ދުވަސް ފާހަގަކުރެއްވުމަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ތަފާތު މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، 27 ޖޫންގައި ވިލިމާލޭގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި މަސްތުވާތަކެތި ބޭނުންކުރާ އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މިއަދު މި ބިންގާ އަޅުއްވައިދެއްވި ހާފްވޭ ހައުސްއަކީ، ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސިލްސިލާއަށް އިތުރުވާ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ ކުދިން ފަރުވާއަށްފަހު މުޖްތަމަޢަށް އެނބުރި އަންނައިރު ދިމާވާ އެންމެ ބޮޑު މައްސަލައަކީ، އެކުދިން ކުރިން އުޅުނު މާޙައުލަށް އެނބުރި ދިޔުމުގައި ކުރިމަތިވާ މައްސަލަތައް ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޤާއިމްކުރެވޭ ފުރަތަމަ ހާފްވޭ ހައުސްގެ ޚިދުމަތަކީ، އެފަދަ ކުދިން އެނބުރި އެމަގަށް ދިޔަ ނުދިނުމަށްޓަކައި ދެވޭނެ ވަރަށް މުހިންމު ޚިދުމަތެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ކަރިޓަސް އިޓަލިއާނާގެ އެހީގެ ދަށުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން މިފަދަ މުހިންމު މަރުކަޒެއް ޤާއިމް ކުރައްވާ ކަމަށްޓަކައި އެފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ހަރުދަނާ ކުރެވި، މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ ކުދިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި މިފަދަ ތަފާތު ޚިދުމަތްތަކެއް އަތޮޅުތެރޭގައިވެސް ފެށިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން، މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ ކުދިންނަށް ފަރުވާދޭނެ މަރުކަޒެއް ފުވައްމުލަކުގައި ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަން ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މިފަދަ ހުރިހާ މަސައްކަތަކީވެސް ރާއްޖޭގައި މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަޤްޞަދަކީ މިފަދަ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވުން ކަމަށާއި، ސަރުކާރުން ކުރައްވާ މިފަދަ މަސައްކަތްތަކުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ހުޅުމާލޭ ހާފްވޭ ހައުސް ޢިމާރާތް ކުރާ ބިމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގަހެއް އިންދަވައިދެއްވިއެވެ.