بسـم الله الرّحمـن الرّحيـم

السّــلام عليــكم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އާދެ! މިއުފާވެރި ރޭ، ހުޅުމާލެ ހޮސްޕިޓަލްގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި ހުރިހާ ބޭފުޅުންނަށްވެސް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރޭ ވާހަކަފުޅު ދައްކަވާ ހުރިހާ ބޭފުޅުންވެސް 3 މައުޟޫޢަކަށް ވާހަކަ ދައްކަވާ. އެއްމައުޟޫއަކީ ދުނިޔޭގެ ޞިއްޙަތު ދުވަސް. އަނެއް މައުޟޫއަކީ މި ހޮސްޕިޓަލްގެ އަހަރީ ދުވަސް. ތިންވަނަ މައުޟޫއަކަށް މިދައްކަވަނީ ހެލްތް ކޯޕަރޭޝަންގެ ވާހަކަ. އެ ހުރިހާ މައުޟޫއަކަށް އަޅުގަނޑު ވާހަކަ ނުދެއްކިޔަސް އަދި ކުޑަކޮށް އެއްޗެއް ދަންނަވާލާނަން.

އާދެ! ފުރަތަމަ އަޅުގަނޑުގެ ވާޖިބަކީ ހޮސްޕިޓަލްގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، މިހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންނަށް، ހުރިހާ ވެރިންނަށާއި، ޑޮކްޓަރުންނަށާއި، ނަރުހުންނަށާއި، ހޮސްޕިޓަލްގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށާއި ހުރިހާ އެންމެންނަށް ވަރަށްވެސް ހޫނު މަރްޙަބާއެއް ދެންނެވުމާއެކީގައި އެބޭފުޅުން ދެއްވާ ޚިދްމަތަށް ޝުކުރު ދެންނެވުން. އާދެ! ހޮސްޕިޓަލެއް 24 ގަޑިއިރު ހިންގުމަކީ ފަސޭހަކަމެއް ނޫން. ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ޚިދްމަތް ޞިއްޚީ ޚިދްމަތަކީ. އެހެންވީމާ އެގޮތުން ތިޔަބޭފުޅުން ދެއްވާ ކުރައްވާ މަސައްކަތަކީ، ދެއްވާ ޚިދްމަތަކީ އެއީ އަޅުގަނޑު ދަންނަވާނީ ރައްޔިތުންނަށް ލިބޭ ވަރަށްވެސް ބޮޑު ފައިދާއެކޭ. ރައްޔިތުންނަށް ކޮށްދެވޭ ވަރަށްބޮޑު ޚިދްމަތެކޭ.

އާދެ! މިހޮސްޕިޓަލް މިހާރު 6 އަހަރުވެގެން ދިޔައިރުގައި މިއަހަރުގެ އަހަރީ ރިޕޯޓުން ވަރަށް ސާފުކޮށް އެނގިގެން ހިނގައްޖެ، ހޮސްޕިޓަލަށް ވަރަށް ބޮޑެތި ކުރިއެރުންތައް އައިސްފައިވާކަން. ހޮސްޕިޓަލްގައި ކުރިއާ ޚިލާފަށް ވަރަށް ގިނަ އަދަދެއްގެ ތަފާތު ޚިދްމަތްތައް މިހާރު ދެވެމުން އެބަދޭ. އަދި ހަމައެއާއެކީގައި ހަފްތާއަކު އެއްފަހަރު ސްޕެޝަލައިޒްޑް ކްލިނިކްވެސް ހިންގަމުން އެބަ ގެންދޭ. ގައިނޮކޮލޮޖީ، އައި ކްލިނިކާއި މިހެން ތަފާތު ދާއިރާތަކުން. އަދި މިހާރު އެންމެ އުފާވެރި ޚަބަރަކަށް މިރޭ އަޅުގަނޑުމެންނަށް މި ލިބުނީ ދާދި އަވަހަށް ހުޅުމާލޭ ހޮސްޕިޓަލްގައި އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމު ކުރެވޭނެ ވާހަކަ. އެއީ، ވަރަށް އުފާވެރި ޚަބަރެއް. ސަބަބަކީ އިންޓެންސިވް ކެއަރ ބޭނުންވާ މީހާ، މާލެއާ ހަމައަށް ގެންދިޔުމަކީ މިއަދު ފަސޭހަ ކަމެއް ނޫން. ފުރަތަމަ އިންޓެންސިވް ކެއަރ ބޭނުންވާ މީހާ އެއީ، ވަގުތުން ވަރަށް އަވަހަށް އެހީއަށް ބޭނުންވާ މީހެއް. އަދި ވަރަށް ބޮޑަށް ބަލިވުމުގެ ސަބަބުން ކުއްލި ފަރުވާ ދޭންޖެހޭ މީހެއް. އެ ޙާލަތުގައި ފެރީގައި މާލެ ގެންގޮސް އަދި މާލެއިން އެއްޗަކަށް ލައިގެން މާލޭން އެއްކޮޅުން އަނެއް ކޮޅަށް ގެންދަން ޖެހުން، މިއީކީ އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. އަދި ބަލިމީހާއަށް އޭގެ ސަބަބުން ގެއްލުންވެސް ލިބިދާނެ ކަމެއް. ވީމާ، މިފަދަ އައި.ސީ.ޔޫ. އެއް މި ހޮސްޕިޓަލްގައި ޤާއިމު ކުރެވޭކަން އެއީ، އަޅުގަނޑު ދަންނަވާނީ މިރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ލިބޭ ވަރަށްވެސް އުފާވެރި ޚަބަރެއް.

އާދެ، މިއަދު އަޅުގަނޑުމެން މިފާހަގަކުރާ އެއްކަމަކީ މީގެ އެއްމަސް ކުރިން އައި ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބާ. މިއަދުގެ ޝިޢާރަކަށް މިއޮތީ ރަށްވެހިކަމާއި ޞިއްޙަތު. އަޅުގަނޑުމެން މިއަދު މާލޭގައި ބައިސްކަލް ބުރެއް ޖަހާލިން. ބައެއް ބޭފުޅުން ހިންގަވާފައި ވަޑައިގަތީ. އަދި ރާއްޖޭގެ އެތައް މިތަނުގައި، އެކި ރަށްރަށުގައި އެކިކަހަލަ ޙަރަކާތްތައް ރޭވިގެން ހިނގަމުން އެބަދޭ. އާދެ! މިއަދު އަޅުގަނޑުމެން ހަނދާން ކުރަންވީ ކަމަކީ، އަޅުގަނޑުމެންގެ ޞިއްޙަތު ގުޅިފައިމިވަނީ އަޅުގަނޑުމެންގެ ރަށާ، އަޅުގަނޑުމެންގެ ކޮމިއުނިޓީއާ، އަޅުގަނޑުމެންގެ ޖަމާޢަތާ. ދުޅަހެޔޮ ޞިއްޙަތެއްގައި އަޅުގަނޑުމެންނަށް ތިބެވޭނީ، އަޅުގަނޑުމެންގެ ރަށަކީ ސާފުތާހިރު އަދި ޞިއްޙީގޮތުން އަޅުގަނޑުމެންނަށް ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލަކަށް ރަށްވެގެން. އެގޮތުން ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ދިރިއުޅޭ ބަޔަކަށް، ގެއިން ބޭރަށް ނުކުމެ، އަމާންކަމާއެކީގައި ކަސްރަތުކޮށްލާ، ހިނގާލާ، ދުވެލާ ހެދޭނެ ތަން އަދި މުނިފޫހިފިލުވުމަށްޓަކައި ޕާކްފަދަ ތަންތަން ހުރުމަކީ އެއީ، މީހުން ދިރިއުޅޭ ރަށެއްގައި ކޮންމެހެން ބޭނުން ކަންތައްތައް. އަދި މީގެއިތުރުން، ކޮންމެ ރަށަކީވެސް ސާފުތާހިރު ތަނަކަށް ވާން އެބެޖެހޭ. ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުންދާއިރު އަދި ޚާއްޞަކޮށް ގިނަ ބަޔަކު ކުޑަ ތަންކޮޅެއްގެ ތެރޭގައި ތޮއްޖެހިގެން އުޅެމުންދާއިރުގައި ވަރަށް ފަސޭހައިން އެތަން ނުސާފުވެ، ކުނިގިނަވެ އެހެން ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް. ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްޓަކައި ސާފުތާހިރުކޮށް ރަށުތެރެ ބޭއްވުމާއި، ރަށުގެ މަގުތައް ބެހެއްޓުމާއި، ގެދޮރު ސާފުކޮށް ބެހެއްޓުމާއި، އަދި ކުނިނައްތާލުމުގެ ކަންތައް ރޭވިގެން ރައްކާތެރިކަމާއެކީ ކުރުމަކީ އެއީ، ކޮންމެހެން ލާޒިމު ކަމެއް. ކުނީގެ ސަބަބުން އުފެދޭ އެއްޗަކީ ބަލިތައް. އެއީ، އަޅުގަނޑުމެން އެކަމަށް ސަމާލުވާންޖެހޭ ކަމެއް. އަދި ހަމައެހެން ކޮންމެ ރަށެއްގައިވެސް ސާފު ބޯފެން ލިބެން ހުރުމަކީވެސް ހަމަ އެފަދަ ކަމެއް. އަދި ވިއްސާރަ މޫސުމުގައި ރަށުގެ ތެރޭގައި ފެން ގިނަވެ، މަދިރި އުފެދޭގޮތް ވުމުން އޭގެން ނުކުންނަ އެކިއެކި ބަލިތައްވެސް އަޅުގަނޑުމެންގެ ތެރޭގައި ފެތުރިގެން އެބަދޭ، ކޮންމެ ވިއްސާރަ މޫސުމެއްގައި. އަދި ހަމައެހެން މިހާރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ބޯފެނުގެ އތުރަށް ކޮންމެ ރަށެއްގައިވެސް ނަރުދަމާގެ ނިޒާމުވެސް ޤާއިމު ކުރެވޭތޯ. މިކަންކަމަކީ މިއީ، ގުޅާލެވިގެން ރަށެއްގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް. އެހެންވެ، އެކަންކަން ކުރުމުގައި ހުރިހާ ރައްޔިތުންވެސް ރަށް ސާފުކޮށް ބޭއްވުމަށްޓަކައި ޚާއްޞަ އެއްބައިވުންތެރިކަމެއް ބާއްވައިގެން އެކީގައި މަސައްކަތް ކުރުމަކީ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.

އާދެ! ބަލިން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެޅެންހުރި ބައިވަރު ފިޔަވަޅުތައް އެބަހުރި. އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށާއި އަޅުގަނޑުމެންގެ ޢާއިލާއާއި އަޅުގަނޑުމެންގެ ދަރިންނަށް، އަޅުގަނޑުމެން ރައްކާތެރިވެ، ބަލިން ސަލާމަތް ކުރުން އެއީ، އެންމެފުރަތަމަ ކަންތައް. ޞިއްޙީ ރޮނގުން ވިސްނާއިރުގައި ފުރަތަމަ ޙިމާޔަތް ވުމަށްޓަކައި ވިސްނަން މިޖެހެނީ ބަލިވީމާ ހޮސްޕިޓަލަށް ދާއިރުގައި މިއޮންނަނީ މާލަސްވެފައި ގިނަފަހަރު. އެހެންވީމާ، ވީހާވެސް ބޮޑަކަށް ބަލި މަދު ކުރެވޭތޯ މަސައްކަތް ކުރުމަކީ އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. ވީމާ، މިއަހަރުގެ ޞިއްޙީ ދުވަހުގެ ޝިޢާރަކީ އެއީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވިސްނައި، އެކަމަށް ސަމާލުވާންޖެހޭ ޝިޢާރެއް.

އާދެ! ދެން އަޅުގަނޑު ނިންމާލުމުގެ ކުރިން އަޅުގަނޑުވެސް އުންމީދު ކުރަން، މިހާރު މިއުފެދޭ ހެލްތް ކޯޕަރޭޝަނަކީ، އެފިޝަންސީއާ އެކީގައި ޞިއްޙީ ޚިދްމަތް މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމަކަށްވާނެ ކަމަށް. އަޅުގަނޑުމެންގެ އުންމީދަކީ އެއީ. ކޮންމެ ރަށެއްގައިވެސް ޞިއްޙީ ޚިދްމަތާއި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދްމަތްތައް ރަނގަޅު ފެންވަރެއްގައި ލިބިދިނުމުގެ ޔަޤީންކަން ރައްޔިތުންނަށް ލިބިދިނުމަކީ އެއީ، އެވަގުތު އޮންނަ ސަރުކާރެއްގެ ވާޖިބެއް. ޤާނޫނީގޮތުން ދައުލަތް ހިންގަވަން ތިއްބަވާ ވެރިންގެ އިސްތަށިފުޅުގައި އެޅިފައިވާ ކަމެއް. އެ ޚިދްމަތްތައް ރަނގަޅު ފެންވަރެއްގައި ރައްޔިތުންނަށް ލިބިދިނުމުގެ ޔަޤީންކަން ޤާއިމުކުރުން. އެއީ، ސީދާ ސަރުކާރުން ހިންގި ކަމުގައިވީނަމަވެސް، ނޫނީވިއްޔާ ހެލްތް ކޯޕަރޭޝަނަކުން ހިންގި ކަމުގައިވީނަމަވެސް، ނޫނީވިއްޔާ އަދި އެހެން އަމިއްލަ ކުންފުންޏަކުން ހިންގި ކަމުގައިވީ ނަމަވެސް ދައުލަތުގެ ވާޖިބަކީ، އެޚިދްމަތް ރައްޔިތުންނަށް ރަނގަޅު ފެންވަރެއްގައި ލިބޭނެކަން ކަށަވަރުކޮށްދިނުން. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ މިދެންނެވި ގޮތަށް ސަރުކާރުގެ ޒިންމާ، އަބަދުވެސް ރައްޔިތުންނަށްޓަކައި އެޒިންމާ ފުރިހަމަ ގޮތުގައި އުފުލޭތޯ.

އާދެ! އަޅުގަނޑު އަދިވެސް އެއްފަހަރު މިރޭގެ މުނާސަބާގައި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް އަދި ޚާއްޞަކޮށް މިހޮސްޕިޓަލްގެ، ހުޅުމާލެ ހޮސްޕިޓަލްގެ ހުރިހާ މުވައްޒަފުންނަށް ވަރަށްވެސް ޚާއްޞަ މުބާރަކްބާދަކާއި ޝުކުރު ދަންނަވަން.

والسّــلام عليــكم
______________________