ރާއްޖެއަކީ އިސްލާމީ ޢަޤީދާ ވަރަށް ވަރުގަދަ ޤައުމެއް ކަމަށާއި، އަދި އެހާމެ ދިގު، މުއްސަނދި އިސްލާމީ ތާރީޚެއް އޮތް ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤުރްއާން ކިޔެވުމުގެ 26 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރައްވައި އިނާމު ދެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި އޮތް ދީނީ ހޭލުންތެރިކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯބި އިތުރުކޮށް، އިސްލާމީ ޢަޤީދާ ވަރުގަދަ ކުރެއްވުމަށް ރާއްޖޭގައި އުފެދުނު ދީނީ ޢިލްމުވެރިންނާއި ދަންނަ ބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ތާރީޚުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދިވެހިންނަކީ ބުނާ ކަމަކުން ނުވަތަ ކުރާ ކަމަކުން އެމީހުންގެ ޢަޤީދާ ގުޑާފަދަ ބައެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ އަދި އެދުމަކީ، އަޅުގަނޑުމެންގެ ހިތްތަކަށް އިސްލާމްދީނުގެ މަތިވެރި ނޫރު ލިބުން ކަމުގައިވެސް ވިދާޅުވިއެވެ.

ޤުރްއާން ކިޔެވުމުގެ 26 ވަނަ ޤައުމީ މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޯދި ދަރިވަރުންނަށާއި، 1 ވަނަ، 2 ވަނަ، 3 ވަނަ ހޯދި މުއައްސަސާތަކަށް އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

މުޅި މުބާރާތުން 1 ވަނަ ހޯދާފައިވަނީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރު ގަލޮޅު ޖޫލިއަޓްގޭ ފާޠިމަތު މަލްދާ މުޙަންމަދެވެ. 2 ވަނަ ހޯދާފައިވަނީ، ޢިމާދުއްދީން ސްކޫލްގެ ދަރިވަރު ގަލޮޅު އުފާ ޢަބްދުﷲ ޔަމާން އަޙްމަދާއި، ހދ. މަކުނުދޫ މަދްރަސާގެ ދަރިވަރު މަކުނުދޫ ޑައިމަންޑްވިލާ މަރިޔަމް ރިފާއެވެ. މުޅި މުބާރާތުން 3 ވަނަ ހޯދާފައިވަނީ، ވިނަވި ޤުރްއާން ކްލާހުގެ ދަރިވަރު ސ.ފޭދޫ އޯޝަން މަރިޔަމް ލައްޔާ ރިޔާޒާއި، ޢިމާދުއްދީން ސްކޫލްގެ ދަރިވަރު ގަލޮޅު އިވްނިންގސްޓާރ ފާޠިމަތު ޖައިޝާ އިކްރާމެވެ.

26 ވަނަ ޤައުމީ މުބާރާތުން 1 ވަނަ ހޯދި މުއައްސަސާއަކީ އަމީނިއްޔާ ސްކޫލެވެ. 2 ވަނަ ހޯދީ އިސްކަންދަރު ސްކޫލެވެ. އަދި 3 ވަނަ ހޯދީ ޢިމާދުއްދީން ސްކޫލެވެ.

މިއަހަރު ޙާފިޡް ކަމުގެ ސަނަދު 7 ފަރާތަކުން ޙާޞިލްކޮށްފައިވެއެވެ. ޙާފިޡު ކަމުގެ ސަނަދު ޙާޞިލު ކުރެއްވި ފަރާތްތަކަށް އިނާމު ދެއްވައި، އެފަރާތްތަކަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދެއްވި ތާޖު އަޅުއްވައިދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. ޙާފިޡުކަމުގެ ސަނަދު ޙާޞިލު ކުރެއްވީ، ފުވައްމުލަކު ސޯސަންވިލާ އަލްޙާފިޡާ މަރިޔަމް އިބްރާހީމްދީދީ އާއި، ފުވައްމުލަކު މާހުގޭ އަލްޙާފިޡާ ޢާއިޝަތު ފަހުމީ އާއި، ށ. ފޯކައިދޫ މާވާގޭ އަލްޙާފިޡް މުޙަންމަދު ޝަރީފާއި، ހދ.ކުޅުދުއްފުށީ ރަބީޢު އަލްޙާފިޡް ޢަލީ އަމްޖަދާއި، ހދ. ކުޅުދުއްފުށީ ބާބުލްއަވާލީ އަލްޙާފިޡް މުޙަންމަދު އަޙްމަދާއި، ދ. ކުޑަހުވަދޫ ޝަބްނަމީގޭ ޢުމުރުން 17 އަހަރުގެ މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީލާއި، އއ. ތޮއްޑޫ ފިނިވާގޭ ޢުމުރުން 11 އަހަރުގެ އާދަމް މިޝްޢަލް ޝާމިނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 26 ވަނަ ޤައުމީ ޤުރްއާން މުބާރާތުން ވަނަތައް ހޯދި ހުރިހާ ދަރިވަރުންނަށާއި، އެކިވަނަތައް ހޯދި މުއައްސަސާތަކަށާއި، ޙާފިޒު ކަމުގެ ސަނަދު ޙާޞިލު ކުރެއްވި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.