ރާއްޖޭގެ ބިމުގެ ތާށިކަން ފިލުއްވައި، ބިމަކީ ވިޔަފާރި މުދަލެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރެއްވުމަށް، ޤާނޫނުތަކަށް ގެންނަވަން ސަރުކާރުން ހުށަހަޅުއްވާ އިޞްލާޙްތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު އިޢްލާނު ކުރައްވައިފިއެވެ. އެމަނިކުފާނު މި ބަދަލުތައް އިޢްލާނު ކުރެއްވީ، ރަށްރަށުގައި ހުރި ދައުލަތުގެ ބިންބިމާއި މިލްކިއްޔާތު، ރަށު ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ ޕްރޮގްރާމް ފަށްޓަވައިދެއްވުމުގެ ގޮތުން މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބިމަކީ ވިޔަފާރީގެ މުޢާމަލާތްތަކުގައި ފަސޭހައިން ބޭނުންކުރެވޭ ވަސީލަތަކަށް ހެއްދެވުމަށްޓަކައި، ބިމާއި އަދި ބިމާ ގުޅިފައިވާ މުދަލާ ގުޅޭގޮތުން ގެންގުޅޭ އުޞޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެންނެވުމަށްޓަކައި، ބިމާބެހޭ ޤާނޫނުތަކަށް ސަރުކާރުން ހުށަހަޅުއްވާ އިޞްލާޙުތަކުގެ ބިލްތައް، މިމަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަން ހާމަކުރެއްވިއެވެ.

މިގޮތުން، ގެންނެވުމަށް ސަރުކާރުން ހުށަހަޅުއްވާ އިޞްލާޙުތަކުގެ ތެރޭގައި، ބިމުގެ މުޢާމާލާތްތައް ފަސޭހަ ގޮތުގައި ހިންގޭނެ އުސޫލުތައް، ބިމާބެހޭ ޤާނޫނަށް ތަޢާރަފް ކުރެއްވުން ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އުޞޫލެއްގެ ގޮތުން ބަންޑާރަބިމެއް އަމިއްލަކޮށް، އެބިން އެހެންމީހަކަށް ވިއްކުމަށް ހިނގާ މުއްދަތަކީ ވަރަށް ދިގުމުއްދަތެއް ކަމާއި އަދި ހިންގާންޖެހޭ އިދާރީ ކަންކަންވެސް އެހާމެ ގިނަކަން ފާހަގަކުރައްވަމުން، ބިން ވިއްކުމުގައި ކުރަންޖެހޭ ކަންކަން ދިގުލައި، އޮޅުންބޮޅުންވެދާކަން އެއީ ވިޔަފާރިއަށާއި ތަރައްޤީއަށް އެޅޭ ވަރަށް ބޮޑު ހުރަހެއްކަމަށް ސަރުކާރުން ދެކިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބިމާބެހޭ ޤާނޫނަށް ގެނެވޭ އިޞްލާޙުތަކުގެ އިތުރުން، އެއްމެދު އިމާރާތާބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްވެސް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި ބިލަކީ، އެއް އިމާރާތެއްގައި ހުންނަ އެކިއެކި ފްލެޓްތައް ނުވަތަ އެކިއެކި ބޯހިޔާވަހިތައް، އެކި މީހުންގެ މުދަލުގެ ގޮތުގައި މިލްކުކުރެވޭނެ އުޞޫލުތަކެއް ކަނޑައަޅާ ބިލެވެ.

މި ބިލާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބިން އެކަނިއެއީ ބޯހިޔާވަހިކަމެއްގެ ގޮތުގައި ދެކި ރަހުނެއް އެކުލެވިގެންވަނީ ހަމައެކަނި ބިމުގައި ކަމަށް ބަލައި، ހަމައެކަނި ބިމުން ވިޔަފާރީގެ މުޢާމަލާތް ހިންގޭގޮތަށް އޮތުން އެއީ މިއަދުގެ ދިވެހިރާއްޖޭގައި އެއްގޮތަކަށްވެސް ދެކޮޅުޖެހޭ ކަމެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބިމުގައި އަޅާފައިހުންނަ އިމާރާތުގެ ބައިބައި ވަކިވަކިން މީހުންނަށް މިލްކު ކުރެވޭނެ ގޮތެއްވީމާ ނޫނީ، މި ސަރުކާރުގެ ދިގުމުއްދަތުން ފައިސާ ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނިޒާމް ފުރިހަމައަށް ނުހިންގެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރުގެ ޤާނޫނީ ހަމަތަކުން، ފްލެޓެއް، އެ ފްލެޓް ލިބޭމީހުންގެ މިލްކަކަށް ވަނީ ފައިސާ ދައްކާ ނިމުނީމާ ކަމަށާއި، ފައިސާ ދެއްކުމަށް ނަގާ 20 ނުވަތަ 25 އަހަރު ތެރޭގައި، ފައިސާ ނުދެއްކި ބާކީއޮތް ބަޔަށް މުޢާމަލާތް ކުރެވޭނެ ގޮތްތައް އޮންނަނީ ދަތިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން މިހުށަހަޅުއްވާ ބަދަލު ގެނެވުނީމާ، މިފަދަ ހުރަސްތައް ނެތިގޮސް، ފްލެޓްތަކުގެ ވިޔަފާރީގެ މުޢާމަލާތް ހިންގުމަށް ފަސޭހަވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ބިމުގެ އުޞޫލުތަކަށް ގެނެވޭ އަނެއް ބަދަލަކީ ނުވަތަ އިޞްލާޙަކީ ރަހުނާ ގުޅޭގޮތުން ހުށަހެޅޭ އިޞްލާޙްކަން ބަޔާންކުރައްވަމުން، ބިމުގެ މުޢާމަލާތްތަކުގައި ރަހުނެއްގެ ގޮތުގައި ބިން ބޭނުންކުރީމާ، އެ ރަހުނު ނެގޭގޮތާއި، އަދި އެ ރަހުނާ ގުޅޭ އެހެން ޙައްޤުތައް ރަހުނުގެ ވެރިޔާއަށް ހޯދޭނެގޮތްތައް، ޤާނޫނެއްގައި ސާފުކޮށްދީފައި އޮތުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަން ބަޔާންކުރެއްވިއެވެ. އަދި ރައްޔިތުން ބިންވެރިކުރުވުމުން، ރައްޔިތުންނަށް އެލިބޭ މުދަލަކީ ރަހުނު ކުރުމުގައިވެސް ރައްޔިތުންނަށް ލިބިދެވޭ އިތުރު ފައިދާއެއް ކަމަށާއި، އެބިން ރަހުނުކޮށް، ރަހުނެއްގެ ގޮތުގައި ބޭންކްތަކާ އެކުގައި މުޢާމަލާތްތައް ހިންގައި، އެކަމުން ލިބޭ ފައިދާއިން، ރާއްޖޭގައި އިތުރު މަސައްކަތް ތަޢާރަފް ވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ބިމުގެ ތާށިކަން ބޮޑުވެ، ބިމުގެ އަގު އަތްނުފޯރާވަރަށް ބޮޑުވެފައިވަނީ، ރާއްޖޭގައި ބިން މަދުވެގެން ނޫން ކަމަށާއި، ބިމަށް ދަތިވެފައި މިވަނީ، ޒަމާނުއްސުރެ ފަށައިގެން ބިމާބެހޭ ކަންކަން ރާއްޖޭގައި ހަމަޖައްސަމުން ގެންގޮސްފައިވާ ގޮތުގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން މިއަދު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި ރާއްޖޭގައި ޒަމާނުއްސުރެ ބިމާބެހޭ ކަންކަން ހިންގަމުން ގެންގޮސްފައިވާގޮތް ބަދަލުކުރެއްވުމަށް ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ރާއްޖޭގައި ބިމުގެ ތާށިކަން ހުރިމިންވަރުން، އަދި ބިމުގެ ވިޔަފާރީގެ މުޢާމަލާތް ނުހިންގޭކަމުން، ރާއްޖޭގެ ބައެއް ރަށްރަށުގެ ބިމުގެ އަގު ދުނިޔޭގައި އެއްވެސް ތަނެއްގައި ބިމުގެ އަގު ނެތް މިންވަރަށް އަރައިގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް، އެމީހުންގެ އާމްދަނީން ބޯހިޔާވަހިކަމެއް ހޯދޭނީ އެމީހުންގެ ޤައުމުގެ މާލިއްޔަތާއި، އިޤްތިޞާދާއި، ފުއްދުންތެރިކަމާ އެއްވަރަށް، އެ ބިމުގެ އަގު ގެނެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބިމަކީ ވިޔަފާރީގެ މުޢާމަލާތުގައި ބޭނުންކުރެވޭ އެއް އަސާސްކަން ބަޔާންކުރައްވަމުން، ބިމަކީ، އެއް އަތުން އަނެއް އަތަށް ބަދަލު ނުކުރެވޭ އެއްޗެއްގެ ގޮތުގައި ވެފައި އޮންނަނަމަ، ވިޔަފާރި ތަރައްޤީކޮށް، ފުއްދުންތެރިކަން އިތުރުކޮށް، ޞިނާޢަތްތައް ކުރިއަރުވަން އުނދަގޫވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިމާބެހޭ ޤާނޫނަށް ގެންނެވުމަށް ހުށަހަޅުއްވާ އިޞްލާޙުތަކާއި، އަލަށް ތަޢާރަފްކުރެއްވުމަށް ހުށަހަޅުއްވާ އެއްމެދު ޢިމާރާތާބެހޭ ޤާނޫނާއި، ރަހުނާބެހޭ ޤާނޫނު ތަޢާރަފް ކުރެއްވުމުން، ދިވެހި ދައުލަތުގެ މުއްސަނދިކަން ދެގުނަވެގެންދާނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.