ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ފަރަންސޭސި ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކްރިސްޓީން ރޮބިޝޯންއާ ރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރި ގުޅުމުގެ ތާރީޚްގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، 1700ގެ އަހަރުތަކުގެ ތެރޭގައި، މަލާބާރީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް، ދޮންބަންޑާރައިން ކުރެއްވި ޖިހާދުގައި، ފަރަންސޭސިވިލާތުން ޕޮންޑިޗެރީގައި ޤާއިމްކޮށްފައިވާ އެޤައުމުގެ ފައުޖުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އޭގެފަހުން، ރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިވަމުން ގޮސްފައިވާކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ދަމަހައްޓަވައި، ބަދަހިކުރެއްވުމަށް ސަރުކާރުން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ ކިޔަވާ ކުދިން، ފަރަންސޭސި ބަހަށް އަހުލުވެރި ކުރުވުމަށްޓަކައި، ރާއްޖޭގެ ބައެއް ސްކޫލްތަކުގައި، ފަރަންސޭސި ބަސް ކިޔަވައިދެއްވަން ފަށްޓަވާފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަޢްލީމީ މުޤައްރަރު، އަލުން އެކަށައެޅުއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވާއިރު، ސްކޫލްތަކުގައި އިތުރު ބޭރު ބަސްތައް ކިޔަވައިދެއްވުމަށް ބާރުއަޅުއްވާ ކަމަށާއި، މިގޮތުން ފަރަންސޭސި ބަސް ކިޔަވައިދެއްވުމަކީވެސް ސަރުކާރުން އިސްކަންދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގޭގައި، ރޭ ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް މިހާރު ޒިޔާރަތް ކުރަމުން ގެންދާ ފަރަންސޭސި ނޭވީގެ ލޭންޑިން ހެލިކޮޕްޓަރ ޑޮކް 'މިސްޓްރަލް'ގެ ކެޕްޓަން ޒޭވިއަރ މޮރޯއާއި، ފަރަންސޭސި ނޭވީގެ ފްރިގޭޓް 'ޖޯޖް ލޭގޭ'ގެ ކެޕްޓަން ކްރިސްޓޯފް ލޫކަސް ބައިވެރިވެވަޑައިގެންނެވިއެވެ. މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.