ރާއްޖޭގެ އެކި ވަޒީފާތަކަށް ގެނެވޭ ބަންގްލަދޭޝްގެ މަސައްކަތު މީހުން، ރާއްޖެ އައުމުގެ ކުރިން، ވާރކް ވީޒާ ހޯދަންޖެހޭގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ހަމަޖެއްސެވުމަށް ނިންމެވީ، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ޙައްލު ކުރެއްވުމާ ބެހޭގޮތުން އެމަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

މިގޮތުން، ރާއްޖޭގެ ވަޒީފާތަކަށް ގެނެވޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން، ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ހުއްދަދޭ ފަރާތްތަކަށް، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން، ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭނުންވާ ވާރކް ވީޒާ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭނުންވާ ވީޒާ، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސެވުމުގެ ކަންތައް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސް އާއި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގުޅިވަޑައިގެން، ކުރިއަށް ގެންދެވުމަށް ނިންމެވިއެވެ.

މީގެއިތުރުން، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުއްވާލެއްވުމުގެ އިތުރު ޕްރޮގްރާމެއް ހިންގެވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި ދެމެހެއްޓުމާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސް، "ޑީޕްނިންގ އެންޑް ސަސްޓެއިނިންގ ޑިމޮކްރަސީ އިން އޭޝިޔާ"، 2012 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ބޭއްވެވުމަށް ނިންމެވިއެވެ. އަދި މިކޮންފަރެންސް ރާއްޖޭގައި ބޭއްވެވުމުގެ ތައްޔާރީތައް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވުމަށް މިއަދު ޖަލްސާއިން ނިންމެވިއެވެ.