މިދިޔަ އޭޕްރިލް މަހުގެ 25 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާއިން ފާސްކުރެއްވި [ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11 ވަނަ މާއްދާއިން، ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސް ކަމަށް ކަނޑައަޅާފައި އޮތުމާއެކު، ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް ތަނބަކީ، ދިވެހިބަސް ކަމަށްވެފައި، ބަވަނަވަމުން އަންނަ ދުނިޔޭގައި، އެއް ޘަޤާފަތާއި އަނެއް ޘަޤާފަތާ، އެއްބަހާއި އަނެއްބަސް ގައިގޯޅިވެ، ބަސްމޮށެއުޅޭ އާބާދީ މަދު ބަސްތައް ނެތިގެން ހިނގައިދާނެ ކަމުގެ އިންޒާރު، އ.ދ.ގެ ތަޢްލީމާއި، ސައިންސާއި، ޘަޤާފަތާބެހޭ ޖަމްޢިއްޔާއިން ދެމުންގެންދާއިރު، އެކަމަށް ރައްކާތެރިވުމަކީ، ދިވެހިން ލަސްނުކޮށް ކޮންމެހެން ކުރަންވެއްޖެ ކަމެއް ކަމަށް ފެންނާތީ، ދިވެހިބަސް ޙިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި، ކުރިއަރުވައި، މުއްސަނދިކޮށް، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމަކީ، އަބަދުވެސް އެއިރެއްގައި އޮތް ދިވެހި ޖީލެއްގެ މަސްއޫލިއްޔަތެއް ކަމުގައިވާތީ، މިމުހިންމު މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދިވެހި ރައްޔިތުން ލިބިގަތް ޤާނޫނެކެވެ.

މިޤާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ އަދި އެންމެ އަގުބޮޑު އެއްތަރިކަ ކަމުގައިވާ ދިވެހިބަސް ހީނަރުވިޔަނުދީ ޙިމާޔަތް ކުރުމާއެކު، ބަސް ތަރައްޤީކޮށް ކުރިއަރުވައި، އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލުކޮށްދިނުމެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސް ކަމަށްވުމާއެކު، ދިވެހި ދައުލަތުގެ އެންމެހާ މުޢާމަލާތްތައް ކުރަންޖެހޭނީ، ދިވެހިބަހުން ކަމަށާއި، ދިވެހިބަހުން މުޢާމަލާތު ކުރަން ނޭނގޭ ބޭރުގެ ފަރާތްތަކާއި، ދިވެހިބަސް ނޫން ބަހަކުން މުޢާމަލާތު ކުރުމަކަށް ހުރަސްނާޅާ ކަމަށް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި ދިވެހި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެންމެހާ ތަންތާނގެ ލިޔެކިޔުންތަކުގެ ތެރެއިން، ބޭރު ބަހަކުން ކޮންމެހެން ހުންނަންޖެހޭ ލިޔެކިޔުންތަކާއި، މިޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާ ކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔެކިޔުންތައް، ދިވެހިބަހުން ތާނަ އަކުރުން ހުންނަންޖެހޭނެ ކަމަށް މިޤާނޫނުގައި ބުނެފައިވެއެވެ. ހަމައެއާއެކު، ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހާ ލިޔުންތަކުގެ ތެރެއިން، މިޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި، މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާ ކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ލިޔަންވާނީ، ދިވެހިބަހުން ތާނަ އަކުރުން ކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ކުރެވޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ، ޢިލްމީ ނުވަތަ ޑޮކްޓަރީ ތަޙުލީލުތަކުގެ ރިޕޯޓާއި، ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީއާއި، ރަސްމީ ލިޔުމަކަށްނުވާ ގޮތަށް ކުރެވޭ ނޯޓްކުރުންތަކާއި، ދެލިކޮޕީތަކާއި، ދިވެހިބަހުން ލިޔެފިނަމަ، ޓެކްނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތަކެވެ.

މިޤާނޫނު ތަޞްދީޤު ކުރައްވާ ތާރީޚުން ފެށިގެން ގިނަވެގެން 90 ދުވަހުގެ ތެރޭގައި، [ދިވެހިބަހުގެ އެކެޑަމީ]ގެ ނަމުގައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ މުއައްސަސާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވަންވާނެ ކަމަށްވެސް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި އެކެޑަމީއަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.