ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު އިސްވެ ހުންނަވައިގެން، ވާދަވެރި ދިވެހިރައްޔިތުންގެ ޕާޓީ ތެރޭގައި އުފައްދާފައިވާ ފެކްޝަން ނުވަތަ ޒެޑް-ޑީ.އާރ.ޕީ.އިން އިސްނަގައިގެން، ތިން ރެއެއްގެ މަތިން، މާލޭގެ މަގުތައް މަތީގައި ބޭއްވި ހަމަނުޖެހުން ބޮޑު މުޒާހަރާތައް، ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.

ވާދަވެރި ޑީ.އާރ.ޕީ.ގެ އެތެރޭގައި އުފެދުނު ބޮޑެތި ދެބަސްވުންތަކަކަށްފަހު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްވަނީ، ޒެޑް.ޑީ.އާރ.ޕީ.ގެ ނަމުގައި ޑީ.އާރ.ޕީ.ގެ ވަކި ފެކްޝަނެއް ހިންގަވަން މިދިޔަމަހުވަނީ ފަށްޓަވާފައެވެ. އަދި، ޒެޑް.ޑީ.އާރ.ޕީ. އުފެދުނުތާ ދެވަނަ ދުވަހު އެ ފެކްޝަނުން އިސްނަގައިގެންވަނީ ރޭ ބޭއްވުނު ހަމަނުޖެހުން ބޮޑު މުޒާހަރާތަކުގެ ސިލްސިލާގެ ފުރަތަމަ މުޒާހަރާ ބާއްވާފައެވެ.

"އިޤްތިޞާދީ ޙާލަތާއި، އަގުތައް އުފުލެމުންދިޔުމަކީ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއްކަން ސަރުކާރުން ޤަބޫލުކުރައްވާ. އަދި މި ޙާލަތު ލުއި ކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން" ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވިއެވެ.

"ޞުލްޙަވެރި ސިޔާސީ އެއްވުންތަކަކީ، ރާއްޖޭގެ ޅަފަތުގައިމިވާ ޑިމޮކްރަސީގައި ހުއްދަ، އަދި މަރުޙަބާ ކިޔާ ކަމެއް. ނަމަވެސް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ އިޤްތިޞާދުގެ ނާޖާއިޒު ފައިދާ ނަންގަވަން. މި މުޒާހަރާތަކަކީ، ރާއްޖޭގެ އިޤްތިޞާދަށްވުރެ މައުމޫން ޢަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ބާރު، ވާދަވެރި ފަރާތްތަކުގެ މެދުގައި ޤާއިމް ކުރެއްވުމަށް ކުރައްވާ މަސައްކަތެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ.

"މެދު އިރުމަތީން އަޅުގަނޑުމެންނަށް ފެންނަނީ ޑިމޮކްރެޓިކް ލީޑަރުން، ޚުދުމުޚްތާރު ވެރިކަން ވައްޓާލެއްވުމަށް މަގުމަތީގައި މަސައްކަތްކުރާތަން. އެކަމަކު ރާއްޖޭގައި އަޅުގަނޑުމެންނަށް މިފެންނަނީ، ރާއްޖޭގައި ކުރީން އޮތް ޚުދުމުޚްތާރު ވެރިކަމުގައި ހިމެނުނު ފަރާތްތަކުން، ޑިމޮކްރެޓިކް ސަރުކާރެއް ވައްޓާލުމަށް މަސައްކަތް ކުރާތަން" ކަމުގައި ޒުހައިރު އިތުރަށް ވިދާޅުވިއެވެ.

ޒެޑް-ޑީ.އާރ.ޕީ.އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްވެ ތިއްބަވައިގެން ކުރިއަށް ގެންދާ މި މުޒާހަރާގެ ބައިވެރިން ރޭ ވެސް ވަނީ ގާތްގަނޑަކަށް 9 ޖެހިއިރު އެއްވެފައެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި، ވާދަވެރި ފަރާތްތަކާ ދެމެދު ހަމަނުޖެހުން ހިނގަން ފެށުމުން، ކަރުނަ ގޭސްޖަހާ އަދި ބަޔަކު މީހުން ހައްޔަރުކުރުމަށްފަހު، ފުލުހުންވަނީ މުޒާހަރާ ރޫޅާލާފައެވެ.

އެއަށްފަހު، އަނެއްކާވެސް ރޭ މެންދަމު ގާތްގަނޑަކަށް 1 ޖަހާއިރު، މުޒާހަރާގެ ބައިވެރިން އަލުން މުޒާހަރާ ކުރިއަށް ގެންދިޔައީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރީގައެވެ. މި ސަރަޙައްދުގެ އެއްވުން ފުލުހުން ރޫޅާލުމާއެކު، މުޒާހަރާގެ ބައިވެރިންވަނީ، ސައިކަލުތަކެއްގައި ހުޅުޖަހައި، ފުލުހުންގެ ސްޓޭޝަނަކާއި، ފިހާރައެއްގެ ބިއްލޫރިތައް ތަޅާލާފައެވެ.

މި އެއްވުންތަކަކީ، އެމެރިކާ ޑޮލަރަށް ނިސްބަތް ކުރާއިރު، ދިވެހި ރުފިޔާގެ އަގު 12.85 ރުފިޔާއަށްވުރެ ވިހި އިންސައްތަ ދަށް ނޫން އަގެއްގައި ބެހެއްޓުމަށާއި، އަދި ވިހި އިންސައްތަ މަތީ ނޫން އަގެއްގައި ބެހެއްޓުމަށް، މިދިޔަ މަހު ސަރުކާރުން ނިންމެވި ނިންމެވުމާ ދެކޮޅު ހެދުމުގެ ގޮތުން ބާއްވާ އެއްވުންތަކެއް ކަމުގައި ޒެޑް-ޑީ.އާރ.ޕީ.އިން ބުނެއެވެ.

އެމެރިކާ ޑޮލަރަށް ނިސްބަތް ކުރާއިރު، ދިވެހި ރުފިޔާގެ އަގު ކަނޑައަޅާ ގޮތަށް ސަރުކާރުން ގެންނެވި ބަދަލަކީ، މަރުކަޒީ ބޭންކް، އެމް.އެމް.އޭ.އާއި، އައި.އެމް.އެފް.އާއި، ބައިނަލްއަޤްވާމީ އެހީ ދޭ އެހެން ޖަމާޢަތްތަކުގެ ލަފައާއެކު، ރާއްޖޭގެ ބަޖެޓް ޑެފިސިޓް ކުޑަކުރައްވައި، އިޤްތިޞާދު ހަމައަކަށް އެޅުއްވުމަށް، ސަރުކާރުން އެޅުއްވުމަށް ކަނޑައަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މައިގަނޑު ފިޔަވަޅެކެވެ.

މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް އެޅުއްވުމަށް ހަމަޖައްސަވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރު، ސަރުކާރުންވަނީ، ޓުއަރިސްޓުންނާ ވިއްކާ ބާވަތްތަކާއި، ދޭ ޚިދުމަތުން 3.5 ޕަސެންޓްގެ ޓެކްހެއް ނަންގަވަން ފަށްޓަވާފައެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނަންގަވަން ފެށްޓެވުމަށް، އެކަމަށް ބޭނުންވާ ޤާނޫނުވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައެވެ.

ވާރލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، 2008ވަނަ އަހަރުގެ ފަހުކޮޅު ރާއްޖެ އޮތީ، 1950ގެ އަހަރުތަކުގެ ފަހުން، ޑިމޮކްރަސީ ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ޤައުމެއްގައި އޮތް އެންމެ ދަށް އިޤްތިޞާދީ ޙާލަތުގައެވެ. އޭރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީ.ޑީ.ޕީ.ގެ 31 ޕަސެންޓްގައެވެ. އަދި ބާޒާރުގެ އަގުތައް މައްޗަށްދާ މިންވަރު ނުވަތަ އިންފްލޭޝަން ހުރީ 12 ޕަސެންޓްގައެވެ. އަދި އޭރު ރާއްޖޭގެ އިޤްތިޞާދު ހިނގަމުންދިޔައީ، ސަރުކާރު މުވައްޒަފުންގެ މުސާރަ، 2004އާއި 2009އާއި ދެމެދު 400 ޕަސެންޓުން އިތުރުވުމުގެ ސަބަބުން ދައުލަތުގެ ޚަރަދު ވަރަށް ބޮޑުތަނުން ބޮޑުވެފައިވާ ހާލަތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިފަހުން، ބަޖެޓް ޑެފިސިޓްވަނީ 31 ޕަސެންޓުން 16 ޕަސެންޓަށް ތިރިކުރައްވާފައެވެ. އަދި ޑޮލަރުގެ އަގު ކަނޑައަޅާ ގޮތަށް ގެންނެވި ބަދަލުގެ ސަބަބުން ޑޮލަރުގެ ތާށިކަމަށް ލުއެއް ލިބި، އަދި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަނެ، މިއަހަރު ރާއްޖޭގެ އިޤްތިޞާދު 4 ޕަސެންޓްގެ ކުރިއެރުމެއް ހޯދާނެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ޙަފްލާގައި، ރައީސުލްޖުމްހޫރިއްޔާވަނީ، ޤައުމުގެ އިޤްތިޞާދު ހަމަ މަގަށް އެޅުވުމަށްޓަކައި ސަރުކާރުން އެޅުއްވުމަށް ކަނޑައަޅުއްވާފައިވާ ފިޔަވަޅުތައް ވަރަށް އަވަހަށް އަޅުއްވާނެ ކަން އިއުލާން ކުރައްވާފައެވެ. މިގޮތުން، ބޮޑެތި އާމްދަނީ ލިބޭ ފަރާތްތަކުގެ އާމްދަނީން އިންކަމް ޓެކްސް ނެންގެވުމާއި، ރާއްޖޭގައި މަސައްކަތް ކުރާ ފަރާތްތަކުން، ރާއްޖޭގައި މަސައްކަތް ކުރެވޭނެ އެންމެ ކުޑަ އަގެއް ނުވަތަ މިނިމަމް ވޭޖެއް ކަނޑައެޅުއްވުމާއި، ޢާންމު ވިޔަފާރި މުދަލުގެ އަގުން ޓެކްސް ނަންގަވަން ފެށްޓެވުން ހިމެނެއެވެ.