ރާއްޖެއަށް އެތެރެކުރާ ޑީސަލްގެ އިމްޕޯޓް ޑިއުޓީން 50 އިންސައްތަ މާފުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު ބޮޑުވަމުންދިޔުމާ ގުޅިގެން، މިކަމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު މަތިވަމުން ދިޔުމާ ގުޅިގެން، ރާއްޖެއަށް އެތެރެކުރާ ޑީސަލްގެ އަގު ބޮޑުވެ، އެސް.ޓީ.އޯ.އިން ވަނީ ދެފަހަރެއްގެ މަތިން ޑީސަލްގެ އަގަށް ބަދަލުގެންނަވާފައެވެ. އެހެންކަމުން، ބައިނަލްއަޤްވާމީ ބާޒާރުގައި ޑީސަލްގެ އަގުތަކަށް އަންނަ ބަދަލުގެ ސަބަބުން، ޑީސަލްގެ އަގުތަކަށް ރާއްޖޭގައި ގެންނަންޖެހޭ ބަދަލުތައް ކުޑަކުރެއްވުމަކީ، މިވަގުތު މުހިންމު ކަމެއް ކަމަށްވެފައި، ޑީސަލްއަކީވެސް، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް އެތެރެކުރެވޭ އެއްޗަކަށްވުމާއެކު، އިމްޕޯޓް ޑިއުޓީން 50 އިންސައްތަ މާފުކުރެއްވުމަށް ނިންމެވީއެވެ.