ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، އިންޑިޔާގެ ޕާލަމަންޓް މެންބަރު، އަދި އިންޑިޔާގެ ކިންގްފިޝަރ އެއަރލައިންސް ލިމިޓެޑްގެ ޗެއަރމަން، ވިޖޭ މާލިޔާ، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ، ރާއްޖެއާ އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ޚާއްޞަކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއާއި އިންޑިޔާއާ ދެމެދު ކުރެވޭ ވިޔަފާރިއާއި މުޢާމަލާތުތައް އިތުރު ކުރެއްވުމާބެހޭގޮތުންނެވެ.


މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ މަގު ތަނަވަސްކުރުމަށްޓަކައި، ސައުތު އޭޝިޔާގެ ޤައުމުތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުން މުހިންމު ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެތެރޭގެ އުދުހުންތަކާއި، ރާއްޖެއާ އިންޑިޔާއާ ދެމެދު ކުރެވޭ ވައިގެ ދަތުރުތައް އިތުރު ކުރުމާބެހޭގޮތުންވެސް މިސްޓަރ ވިޖޭ މާލިޔާ މަޝްވަރާ ކުރެއްވިއެވެ.