ދައުލަތުގެ އާމްދަނީ އިތުރުވުމުގެ ސަބަބުން، ރައްޔިތުންގެ ދިރިއުޅުން ފަހިވެގެންދާނެ ދެމެހެއްޓެނިވި އިޤްތިޞާދީ ސިޔާސަތެއް ރާއްޖޭގައި ހިންގުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނޫސްބަޔާނެއް ނެރުއްވައިފިއެވެ. ތިރީގައިއެވަނި އެ ބަޔާނެވެ.

"ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ އެންމެހާ ޙަޤީޤަތްތަކަށް ބަލައި، ރާއްޖެ މި ވަނީ ޖެނުއަރީ 2011 އިން ފެށިގެން މެދު އާމްދަނީގެ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އަދުގެ ރާއްޖެ މިޞްރާބުކޮށްފައި މިވަނީ، ތަރައްޤީވެފައިވާ ޤައުމެއްގެ އަމާޒު ހިފުމަށެވެ. ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ޒަމާނީ އިޤްތިޞާދެއް ބިނާކުރާއިރު، ފައިސާގެ އަގު ކަނޑައެޅުމަށް ގެންގުޅޭ އުސޫލަށް ބަދަލުގެނައުމާއި، ދައުލަތަށް އާމްދަނީ ހޯދޭ ހަމަތައް ބަދަލުކުރުމާއި، އަދި ހަމައެހެންމެ، ރާއްޖޭގައި މަސައްކަތްކޮށްދެވޭނެ އުޖޫރަ ކަނޑައެޅުމަށް އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް އާމްދަނީ ލިބޭ މަގުތަކެއް ހޯދައި، ހަރުދަނާ އިޤްތިޞާދެއްގެ ފައިދާ، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ބޭނުންވާ ގިނަ އަސާސީ ފިޔަވަޅުތައް ސަރުކާރުން މިހާރުވަނީ އަޅުއްވަން ފަށްޓަވާފައެވެ. މިގޮތުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި؛


1. ދިވެހިރާއްޖޭގައި ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އެކަމަށް ޢަމަލުކުރަންޖެހޭ އުޞޫލުތައް ކަނޑައަޅާ ޤާނޫނެއް، ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) 18 މާޗް 2010 ދުވަހު ތަޞްދީޤުކޮށް، އެތާރީޚުގައި ޢަމަލުކުރަންވަނީ ފަށާފައެވެ. މި ޤާނޫނުން [މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (އެމް.އައި.އާރ.އޭ)] ގެ ނަމުގައި ނަންދެވިފައިވާ މިނިވަން މުސްތަޤިއްލު ވަކި ޤާނޫނީ ޝަޚްޞެއް އުފެދިފައިވެއެވެ.

2. ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) 8 ސެޕްޓެމްބަރ 2010 ދުވަހު ތަޞްދީޤުކޮށް، 1 ޖެނުއަރީ 2011 އިން ފެށިގެން ޢަމަލުކުރަންވަނީ ފަށާފައެވެ.

ދިވެހިރާއްޖޭގެ ޓޫރިސްޓް ރިޒޯޓުތަކުންނާއި، ޓޫރިސްޓް ހޮޓާތަކުންނާއި، ގެސްޓް ހައުސްތަކުންނާއި، ޕިކްނިކް އައިލެންޑްތަކުންނާއި، ޓޫރިސްޓް އުޅަނދުތަކުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތްތަކުންނާއި، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ޓޫރިސްޓުންނަށް ދެވޭ މިނޫންވެސް ބައެއް ޚިދުމަތްތަކުގެ އަގުން ދައުލަތަށް ޓެކްސް ނެގުމަށްޓަކައި ހަދާފައިވާ ޤާނޫނެއްގެ ދަށުން ޚިދުމަތްތަކާއި ވިއްކާ ތަކެތީގެ އަގުން ޓެކްސްގެ ގޮތުގައި މިހާރު ނެގޭ މިންވަރަކީ %3.5 އެވެ.

3. ޤާނޫނު ނަންބަރު 99/2 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު، 8 ސެޕްޓެމްބަރ 2010 ދުވަހު ތަޞްދީޤުކޮށް، އެތާރީޚުގައި ޢަމަލުކުރަންވަނީ ފެށިފައެވެ. މި ޤާނޫނުގެ ދަށުން ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސެއް ހެދުމަށް ކުއްޔަށް ދޭ ރަށްރަށާއި ބިންބިމުގެ ކުލި، ސަރުކާރަށް ދައްކާނީ ބިމުގެ އޭރިޔާއަށް ބިނާކޮށް ކަމަށް ކަނޑައަޅައި، ބިމުގެ ބޮޑުމިނާއި ކުލީގެ ތަފްޞީލުތައް ޤާނޫނުގައި ކަނޑައެޅިފައިވެއެވެ.

4. ޤާނޫނު ނަންބަރު 2011/5 (ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު) 18 ޖެނުއަރީ 2011 ދުވަހު ވަނީ ތަޞްދީޤުކޮށްފައެވެ.

ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާނެ އޮނިގަނޑެއް އެކުލަވާލައި، އެ އޮނިގަނޑަށް ޢަމަލުކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެއް ފާސްކުރެވިފައިވެއެވެ. އަދި މިޤާނޫނަށް ޢަމަލުކުރަން ފަށައި، ޓެކްސް ނަގަން ފަށާ ތާރީޚަކީ 18 ޖުލައި 2011 އެވެ.

މިޓެކްސް ނަގާއިރު، އެއަހަރުގެ ޓެކްސް ބިނާކުރެވޭ ފައިދާ 500,000/- (ފަސް ލައްކަ ރުފިޔާ) އަށްވުރެ އިތުރުވާނަމަ، އިތުރުވާ ޢަދަދެއްގެ 5% (ފަހެއް އިންސައްތަ) އާއި %15 (ފަނަރަ އިންސައްތަ) އާ ދެމެދުގެ އަދަދެއް ޓެކްސްގެ ގޮތުގައި ނެގޭނެއެވެ.

މީގެއިތުރުން، ރައްޔިތުންގެ ދިރިއުޅުމުގެ އަގު ތިރިކުރުމާއެކު، ދައުލަތުގެ އާމްދަނީ އިތުރު ކުރެއްވުމަށް، ސަރުކާރުން ގެންނަވަން ނިންމަވާފައިވާ ބަދަލުތައް، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ހާމަކުރައްވާފައެވެ. ރާއްޖޭގެ ޓެކްސް ނެގުމުގެ ނިޒާމަކީ، ދުނިޔޭގެ އެހެންވެސް ކުރިއަރާފައިވާ ޤައުމުތަކުގައި އޮންނަ ފަދަ، ޓެކްސްގެ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް، މި ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު، މިދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ އަތުން ނުސީދާ ގޮތުގައި ނެގޭ އިމްޕޯޓް ޑިއުޓީފަދަ ޓެކްސްތައް މުޅިން ކަނޑާލުމެވެ. މިގޮތުން ސަރުކާރުން ޓެކްސްގެ ނިޒާމަށް މިވަގުތަށް ގެންނެވުމަށް ނިންމަވާފައިވާ ބަދަލުތަކަކީ؛

1. އިމްޕޯޓް ޑިއުޓީ ދައްކަންޖެހޭ މުދަލުގެ ބާވަތްތަކުގެ ތެރެއިން، ދިރިއުޅުމުގެ އާންމު ބޭނުންތަކަށް ބޭނުންކުރާ ގިނަ ބާވަތްތަކަކީ، އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭ ބާވަތްތަކެއް ކަމުގައި ކަނޑައެޅުން ހިމެނެއެވެ. މިގޮތުން ޑިއުޓީ ދައްކަން ނުޖެހޭ ބާވަތްތަކުގެ ތެރޭގައި، ކިރުގެ ބާވަތްތަކާއި، ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، ދިވެހިން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކާއި، ފޮތް ފަންސޫރާއި، ޢިމާރާތް ކުރުމަށް ބޭނުންވާ ބައެއް ތަކެއްޗާއި، އަދި މިނޫންވެސް ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނެގުން ހުއްޓާލުމަށް ސަރުކާރުން ހަމަޖައްސަވާފައިވެއެވެ. މި ބަދަލު ގެންނެވުމަށްޓަކައި، ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނު) އިޞްލާޙު ކުރެއްވުމަށް، އަންނަ ޖޫން މަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި 2013 ވަނަ އަހަރު މިހާރު ކޮންޓްރެކްޓެއްގެ ދަށުން ނެގެމުން އަންނަ ރިސޯޓްތަކުގެ ބެޑް ރެންޓް ނެގުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

އިމްޕޯޓް ޑިއުޓީ އާއި ބެޑް ރެންޓް ކަނޑާލުމުން، ދައުލަތަށް އުނިވާ އާމްދަނީ ފޫބެއްދުމަށްޓަކައި، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ޚިދުމަތުގެ އަގުން މިހާރު ނަގާ 3.5 އިންސައްތައިގެ ބަދަލުގައި، އެ އަދަދު 5 އިންސައްތަ ކަމުގައި ހަމަޖެއްސެވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އަދި މި ބަދަލުގެނައުމަށް، ޤާނޫނު ނަންބަރު 2010/19 (ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އިޞްލާޙު ކުރުމަށް، އަންނަ ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ.

2. ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ފިޔަވައި ޢާންމު ވިޔަފާރިކުރާ ތަންތަނުން ވިއްކާ ތަކެއްޗާއި، ދޭ ޚިދުމަތުގެ އަގުން 3 އިންސައްތައިގެ ޓެކްސްއެއް ނެގުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

3. ދައުލަތަށް އާމްދަނީ ލިބޭ މަގުތަކަކީ، ދެމެހެއްޓެނިވި މަގުތަކަކަށް ހެދުމަށްޓަކައި، އިންކަމް ޓެކްސްއެއް ނަގަން ނިންމަވާފައިވާއިރު، މި ޓެކްސް ނެގުމަށް ސަރުކާރުން ކަނޑައަޅުއްވާ މިންގަޑަކީ، މަހަކު ތިރީސްހާސްރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން، 3 އިންސައްތައާއި 10 އިންސައްތައިގެ ބޭންޑަކުން ޓެކްސް ނެގުމެވެ.

ރައްޔިތުންގެ ދިރިއުޅުމުގެ އަގުތަށް ތިރިކުރެއްވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ހޯދުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ އިތުރުން، އެމީހަކު ކުރާ މަސައްކަތަކަށް ޙައްޤުވާ، ލިބޭ އާމްދަނީއެއްގެ މައްޗަށް ބިނާވެގެން ތާހިރު ދިރިއުޅުމެއް އުޅެވޭނެ އެންމެ ކުޑަ މިންވަރުގެ އުޖޫރައެއް، ކަނޑައެޅިފައި އޮތުމަކީ، އެހާމެ ބޭނުންތެރިކަމެއް ކަމުގައި ސަރުކާރުން ދެކެވަޑައިގަންނަވައެވެ. ސަރުކާރުގެ އަމާޒަކީ، މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަ މިންވަރުގެ އުޖޫރައެއް މިއަހަރުގެ ތެރޭގައި ކަނޑައެޅުއްވުމެވެ.

މިނިމަމް ވޭޖް ކަނޑައެޅުއްވުމަށްޓަކައި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 57 ވަނަ މާއްދާގެ ދަށުން އެކުލަވާލަންޖެހޭ، އެކިއެކި ވިޔަފާރިކުރާ ތަންތަނުގަޔާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާއެރުވުމަށްޓަކައި، މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު އަލުން އެކުލަވާލައި، މަސައްކަތްކުރާ މީހުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމާ ގުޅޭ މަސައްކަތްތައް އެ ބޯޑުން ދަނީ ކުރަމުންނެވެ.

މިދެންނެވި ބަދަލުތައް ސަރުކާރުން މިގެންނަނީ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ރައްޔިތުންނަށް ހެވާ ލާބަ ހޯދައިދިނުމުގެ މަތިވެރި މަޤްޞަދުގައެވެ. މި ސަރުކާރު އުފެދިފައިމިވަނީ ރައްޔިތުންނަށްޓަކައެވެ. ސަރުކާރުން އެންމެހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ރާއްޖޭގެ އިޤްތިޞާދީ ނިޒާމަށް މިހާރު ގެންނަމުން މިދާ ބަދަލުތަކުގެ ސަބަބުން، މުސްތަޤްބަލްގައި ބާޒާރުގެ ތަކެތީގެ އަގު ހެޔޮވެ، ދެމެހެއްޓެނިވި އިޤްތިޞާދެއް މިރާއްޖޭގައި ހިންގޭނެ ކަމަށެވެ."