ގްލޯބަލް ލީޑަރޝިޕް ފައުންޑޭޝަންގެ މެންބަރު އަދި މޮރިޝަސްގެ ކުރީގެ ރައީސް ކަސާމް އުތީމް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި މަސައްކަތް ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ބާރުތައް ވަކިކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ޤާއިމުވުމާ ގުޅިގެން، ފުރިހަމަ ޑިމޮކްރަސީއެއްގައި، މިތިން މުއައްސަސާ އަދާކުރަންޖެހޭ ދައުރު އަދާކުރުމުގެ މަގު، ރާއްޖޭގައި ފަހިކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަކީ، ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމުކުރެވިފައިވާ އިސްލާމީ ޤައުމަކަށްވުމާއެކު، މިވެރިކަން ތަރައްޤީކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ގްލޯބަލް ލީޑަރޝިޕް ފައުންޑޭޝަންގެ ފަރާތުން، ކަސާމް އުތީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމު ކުރެވުނު ފަހުން، އަދި މާގިނަ ދުވަސްތަކެއް ނުވާތީ، ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކެއް ހުންނާނެކަމަށް ވިދާޅުވެ، އެކަންކަމާބެހޭގޮތުން އެބޭފުޅުންގެ ޚިޔާލުފުޅުތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

ގްލޯބަލް ލީޑަރޝިޕް ފައުންޑޭޝަނަކީ، އަދުގެ ދުނިޔޭގެ ވެރީންނަށް ސިޔާސަތު ބައްޓަންކުރުމާ ސަރުކާރު ހިންގުމުގައި އެހީތެރިކަން ފޯރުވައިދިނުމަށްޓަކައި އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ ފަރާތުން ދުނިޔޭގެ އެކި ސަރުކާރުތަކުގައި ޚިދުމަތް ކުރައްވާފައި ތިއްބެވި އެކި ސަރުކާރުތަކުގެ ތަޖުރިބާކާރު ހިންގުންތެރީން، އެބޭބޭފުޅުންގެ ލަފަޔާ، އިރުޝާދު އަދުގެ ދުނިޔޭގެ އެކި ޤައުމުތަކުގެ ސަރުކާރުތަކަށް ފޯރުވައިދެއެވެ. މިގޮތުން، ޑިމޮކްރަސީއާއި، އިޤްތިޞާދާއި، އިންސާނީ ޙައްޤުތަކާއި، އަދި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާބެހޭ މަޢުލޫމާތު ފޯރުވައިދިނުމަށްޓަކައި، އޭޝިޔާ، އެފްރިކާ، ލެޓިންއެމެރިކާ، ޔޫރަޕް އަދި މެދުއިރުމަތީގައި މިޖަމްޢިއްޔާއިން އެކި މަސައްކަތް ކޮށްފައިވެއެވެ. މި ޖަމްޢިއްޔާގެ މިހާރުގެ ޗެއަރމަނަކީ، ދެކުނު އެފްރިކާގެ ކުރީގެ ރައީސް އެފް. ޑަބްލިއޫ. ޑި ކްލާކެވެ. މި ޖަމްޢިއްޔާގެ މެންބަރުންގެ ގޮތުގައި، ޤައުމުތަކުގެ ރައީސްކަމާއި، ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަ ކުރެވޭ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.